މަދަރުސީ ޙަޔާތް ކާމިޔާބު ކުރެވޭނީ ކިހިނެއް ހެއްޔެވެ؟
ލިޔުނީ : މުޙައްމަދު ޒައިދު
ކޮންމެ އިންސާނަކުވެސް މި ދުނިޔެއަށް ލައްވާފައިވަނީ އެންމެ ފުރިހަމަ ސިފައިގައެވެ.އެ އިންސާނާއަށް ވަނީ ބުއްދިދެއްވާފައެވެ.އަދި އިންސާނާއަށް ވަނީ ތެދުމަގު ދައްކަވާދީފައެވެ.ދުނިޔެއަށް އިންސާނާ އުފަންވަނީ ސާފުޠާހިރުކަން މަތީގައެވެ.ދުނިޔެއަށް އުފަންވީއްސުރެ ކަށްވަޅާ ހަމައަށް ދާންދެން ޢިލްމު އުނގެނުމަށް ވަނީ އަންގަވާފައެވެ.ޢިލްމު އުނގެނުމުގައި އެންމެ އިސްރޯލެއް އަދާކުރަނީ މަންމައެއް ނޫނެވެ.ޝުކުރު އަދާ ނުކުރެވޭ އެތައް ބަޔަކު ތިބޭނެއެވެ.މި ރާއްޖޭގައި އެންމެ ފަސޭހަކޮށް ޢިލްމު އުނގެނެވެން އޮތް އިރު އެކަންނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟
ތަޢުލީމު އުނގެނުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެދާނެއެވެ.އަދި މިއީ ކޮންމެ ކޮންމެ މީހަކަށްވެސް ލިބޭނެ އެއްޗެއް ނޫނެވެ.ޢިލްމަކީ ނޫރެކެވެ.އެނޫރު ލިބި ގަތުމަށް ވަރަށް މަސައްކަތް ކުރަންޖެހެއެވެ.ގުރޭޑް 10 ނިންމާ ރާއްޖޭގެ ޓޮޕް ޓެންއަށް އަރާ ކުދިންގެ ބަޔޯގުރަފީގައި ފާހަގަ ކޮށްފައި ހުންނައެންމެ މުހިއްމު ކަމަކީ ދީނީ ކަންކަމަށް އިސްކަންދިނުމެވެ.ވަގުތުގައި ނަމާދުކޮށް ކާމިޔާބު ލިބޭތޯއާއި މައިންބަފައިންނަށްވެސް ހެޔޮދުޢާ ކުރުމަކީ އެކުދިން ފާހަގަ ކުރާ ވަރަށް މުހިންމު ކަމެކެވެ.ދީނީ ކަންތަކުގައި ފަރުވާކުޑަކޮށް އުޅޭމީހާ އަކީ ކާމިޔާބު މީހެއް ނޫނެވެ. ވީމާ މަދަރުސީ ޙަޔާތް ކާމިޔާބު ކުރުމަށްވެސް ދީނީ ކަންކަމަށް އިސްކަން ދޭންޖެހެއެވެ.
ދީނީކަންކަމުގެ އިތުރުން ދެވަނައަށް އެންމެ މުހިންމު ކަމަކަށް އިސްކަން ދޭންޖެހޭނީ ރިވެތި އަޙްލާގަށެވެ.ތިމާއަކީ ތިމާ ބަލައިގަންނަ ރަނގަޅު އަޙްލާގެއް ހުރި ކުއްޖަކަށް ވާންވާނެއެވެ.ތިމާއަކީ އިހްތިރާމް ކުރަންދަންނަ އަދި އެންމެންގެ ލޯތްބާއި އެންމެންގެ އެއްބާރުލުން ލިބިގެން ކުރިއަށްދާ ކުއްޖަކަށް ވާންވާނެއެވެ.އެއްވެސް ހާލަތެއްގައި ތިމާގެ އަގުވެއްޓޭނެ ފަދަ އަމަލެއް ކޮށްގެން ނުވާނެއެވެ.ތިމާއަށް ކުރެވޭ ކިތަންމެ ކުޑަ ކުޑަ ޢަމަލަކުންވެސް ތިމާގެ ނަން ހަޑިވެދާނެއެވެ.ވީމާ ތައުލިމީ ހަޔާތް ކާމިޔާބު ކުރެވޭނީ ރަނގަޅު އަޙްލާގެއް ތިމާގެ ގައިގައި ހުރެގެންނެވެ.
އަޙްލާގު ރަނގަޅު ކުރުމަށްޓަކައި ސުކޫލުގައި ވެސް ގަވާއިދު ހަދާފައި ހުރެއެވެ.ރިވެތި އަޙްލާގުގެ އިތުރުން އިތުރު ހަރަކާތް ތަކުގައި ބައިވެރިވުމަކީ މުހިއްމު ކަމެކެވެ.ޓެސްޓު އަންނާތީ އެއީ އުޒުރެއް ކަމުގައި ބަލައިގެން އިތުރު ހަރަކާތުގައި ބައިވެރިނުވެ ހުންނާކަށް ނުވާނެއެވެ.އިތުރު ހަރަކާތުގައި ބައިވެރިވުމުން ޓެސްޓު އަންނާތީވެ ހާސްކަން ފިލުވައި ދެއެވެ.ތިމާގެ ހަށިގަނޑު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައިވެސް އިތުރު ހަރަކާތްތަކުގައި ބައިވެރިވުން ވަރަށް މުހިންމެވެ.
މަދަރުސީ ހަޔާތް ކަމިޔާބުކުރުމަށް މަސައްކަތްކުރާ ކޮންމެ ކުއްޖަކީ ކަންތައްތައް ރާވައިގެން ވަރަށް ފުރިހަމައަށް ކުރިއަށް ގެންދާނެ ކުއްޖެކެވެ.އެހެނީ ތާވަލެއް ހަދައިގެން މަސައްކަތްކުރުން ވަރަށް މުހިއްމެވެ.އެންމެ މުހިންމު ކަންތައްތައް ތާވަލުގައި ޖަހައިގެން މަސައްކަތްކުރުމުގެ އިތުރުން ޓެސްޓުތަކަށް ދަސްކުރަން މާއްދާތައް ވަކި ދުވަސްތަކަކަށް ބަހައިލައިގެން މަސައްކަތްކުރުމަކީ މުހިއްމުކަމެކެވެ.އަސްލު ތަޢުލީމީ ހަޔާތް ކާމިޔާބު ކުރަން އެންމެ މަސައްކަތް ކުރާ ކުއްޖަކީ ތާވަލު ހަދައިގެން މަސައްކަތްކުރާ ކުއްޖެއް ނޫނެވެ.ނަމަވެސް މިއީ މަސައްކަތްކުރަން ވަރަށް ފަސޭހަ ގޮތެކެވެ.
މިދެއްކުނު ހުރިހައި ވާހަކައަށް ބަލައި މީގައި ބުނެފައި އޮތްގޮތަށް ޢަމަލު ކޮއްފިއްޔާ އެކުއްޖާއަކީ މަދަރުސީ ހަޔާތް ވަރަށް ފުރިހަމަ ގޮތުގައި ކަމިޔާބު ކުރެވޭނެ ކުއްޖެކެވެ.އެކުއްޖާއަކީ އެންމެ ފުރަތަމަވެސް ދީނީ ކަންތައްތަކަށް އިސްކަންދީ،ރަނގަޅު އަޙްލާގުހުރި،އިތުރު ހަރަކާތް ތަކުގައި ފުރިހަމައަށް ބައިވެރިވެ،ރަނގަޅު ތާވަލެއް ހެދިގެން މަސައްކަތް ކޮށްފިއްޔާ ކޮންމެ ދަރިވަރަކަށްވެސް މަދަރުސީ ޙަޔާތް ކަމިޔާބު ކުރުމަކީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ.
