އޯގާތެރިކަމުގެ މާތް ސިފަ…
ލިޔުނީ : މަރިޔަމް ނޫރައިން
އިސްލާމްދީނަކީ އޯގާތެރިކަމުގެ ދީނެވެ. އެބައެއްގެ ކިބައިގައި މި މާތް ސިފަ ނެތް މީހުންނަކީ، އެއީ ނުބައި މިހުންކަމުގައި މާތް ﷲ ވަނީ ކީތިރި ޤުރްއާނުގައި ބަޔާން ކުރައްވާފައެވެ. އެހެންކަމުން އަހަރެމެންނީ މުސްލިމުން ކަމުގައި ވުމުން މި މާތް ސިފަ އަހަރެމެންގެ ގައިގައި ހުންނަން ޖެހޭނެއެވެ.
މި ދުނިޔެ މަތީގައި އެންމެ އޯގާތެރި އިންސާނަކީ މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްއެވެ. އެކަލޭގެފާނު ނުރުހުމުގެ ގޮތުން އުއްފުގެ މިންވަރު ވެސް ވިދާޅެއް ނުވެއެވެ.
މާތްވެގެންވާ އިސްލާމްދީން ފާޅުވުމުގެ ކުރިން އަޚްލާޤީގޮތުން ވަރަށްވެސް ދަށް ފެންވަރަކަށް އިންސާނުން ވެއްޓިފައިވިއެވެ. ޖާހިލީ ޒަމާނުގައި އަންހެނުންނާ މެދު ވަރަށްވެސް އިހާނަތްތެރި ގޮތްގޮތަށް މުޢާމަލާތް ކުރެވިގެންދިޔައެވެ. އެހެން ނަމަވެސް، މާތް ނަބިއްޔާ އެކަލޭގެފާނުގެ އަނބިކަނބަލުންނާއި، މުޢާމަލާތު ކުރެއްވެވީ ވަރަށް ވެސް އޯގާތެރިކަމާއެކުގައެވެ.
އޯގާތެރިކަމަކީ ވަރަށް ވެސް މާތް ސިފައެއްކަން ޙަދީޘް ތަކުން އެނގެއެވެ. އެގޮތުން އަލް އިމާމް މުސްލިމް އެކަލޭގެފާނުގެ ޙަދީޘްފޮތުގައި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާ ކުރައްވާފައި ވެއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
“ހަމަކަށަވަރުން ހޫނު ގަދަ ދުވަހެއްގައި، ކުއްތާއެއް ފެންބޮވައިގަނެ ވަޅެއްގެ ވަށައިގެން އެނބުރޭ މަންޒަރު، ވަރަށް ނުބައި ނުލަފާކޮށް އުޅުނު އަންހެނަކަށް ފެނުނެވެ. ފެން ބޮވައި ގަތުމުގެ ސަބަބުން އޭތީގެ ދޫ ވަނީ ނުހަނު ބޮޑަށް ނުކުމެފައިވެސް މެއެވެ. ފަހެ އެ އަންހެނާ އޭނާގެ ޚުއްފަށް ފެން އަޅައިގެން ގެނެސް (ފެން ބޮވައިގެންފައިވާ) އެ ކުއްތާއަށް ފެންދީފިއެވެ. ﷲ ތަޢާލާ (އެ އަންހެނާގެ ޢަމަލު ޤަބޫލު ކުރައްވައި) އޭނާގެ ފާފަތައް ފުއްސަވައި ދެއްވައިފިއެވެ”.
އިސްވެދިޔަ ޙަދީޘަށް ވިސްނާލާއިރު ވެސް އެނގިގެންދަނީ އޯގާތެރިކަމުގެ މުހިއްމުކަމެވެ. އެހެންކަމުން އޯގާތެރިކަމުގެ ސިފަ ކޮންމެ މީހެއްގެ ގައިގާ ވެސް ހުންނަން ޖެހޭނެއެވެ.
.