ރިޕޯޓް

މިއުޒިކާއި، ނެށުމާއި ނުލައި އީދު ޗުއްޓީ !

ޢީދު ޗުއްޓީއަށް ރާއްޖެތެރެއަށް ޖައްސާލުމަކީ މާލޭގައި ދިރިއުޅޭ މާލޭ މީހުންނާއީ ، މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުންވެސް ޒަމާނުއްސުރެ އޮންނަ އާދައެކެވެ. އަހަރުގެ ދުވަސްތައް ހާސްކަންމަތީ ކާރޫބާރޫ ބޮޑު ކޮންކްރީޓް ޖަންގަލީގައި ހޭދަކޮށްލުމަށްފަހު ހިތްފަސޭހަ މާހައުލަކަށް ކުޑަދުވަސްކޮޅަކަށްވިޔަސް ދިރިއުޅުން ބަދަލުކޮށްލުމަކީ ސިނކުޑިއަށް ހަމަޖެހުން ލިބޭނެކަމެއްކަމަށް ގިނަޔަބަކު ޤަބޫލުކުރެއެވެ.

ކޮންމެއަހަރެއްގެ ޢީދުޗުއްޓީއަށް، ޚާއްޞަކޮށް ބޮޑުޢީދުގެ ޗުއްޓީ ހޭދަކޮށްލުމަށް ވަރަށް ގިނަބަޔަކު މާލެދޫކޮށް ރަށްރަށަށް އެދަނީ މަޖާކޮށްލައި ހިތްއުފާކޮށްލުމަށެވެ. އެހެންކަމުން ރަށްރަށުގައިވެސް އެކަމަށްޓަކައި އެ ރަށްރަށުގެ ޒުވާނުންނާއި، ދެބައިޢުމުރުގެ މީހުންނާއި އަދި ނުވިތާކަށް މުޅިރައްޔިތުން އެދަނީ އެކަމަށް ތައްޔާރުވަމުންނެވެ. ޢީދުއަންނަން މަހެއް ނުވަތަ ދޮޅުމަސް ކުރިން އެމީހުންދާނީ ޢީދުގެ ކުޅިވަރުތަކަށް ތައްޔާރުވަމުން އެފަދަ ކުޅިވަރުތައް ފަރިތަކުރަމުންނެވެ. އެގޮތުން ކުރުފަލި ޖެހުމާއި، ލަނގިރި ކުޅުމާއި، ދަފިނެގުމާއި، ބޮޑުމަސްދުއްވުމާއ، ކޯޑިކުޅުމަކީ ހަމަ ކޮންމެ ރަށެއްގައި ކަހަލަގޮތަކަށް ކުޅެއުޅޭ ކުޅިވަރުތަކެވެ.

ކޮންމެ ރަށެއްގައިވެސް ސަޤާފީ އެތައްވައްތަރެއްގެ ކުޅިވަރުތަކެއް ކުޅެއުޅުނުނަމަވެސް މައިގަނޑު ގޮތެއްގައި މިހުރިހައި ކުޅިވަރުތަކުގެ އަސްލަކީ އެކައްޗެކެވެ. ތަފާތެއްއައިކަމުގައިވިޔަސް އެތަފާތަކީ ވަރަށްކުޑަކުޑަ ތަފާތަކަށް ނޫނީ ނުވެއެވެ. ޚާއްޞަކޮށް ބޮޑުބެރު ޖެހުމާއި، ދަފިނެގުމާއި، ކޯޑި ކުޅުން ކުޅެއުޅެނީ ހަމަ ކޮންމެރަށެއްގައިވެސް ވަރަށް އެއްގޮތަކަށެވެ. ރާއްޖޭގެ އުތުރާއި، ދެކުނުގައި އަދި މެދުރާއްޖެތެރޭގައިވެސް މިކަން ހިނގަނީ އެއްއުސޫލަކުންނެވެ.

އަޅުގަނޑުމެން ދިވެހިންނަކީ އިސްލާމްދީން މަތީގައި ސާބިތުވެ ތިބި ސަތޭކައިން ސަތޭކަ މުސްލިމުންނެވެ. މިކަމާ އެއްވެސް މީހަކު ދެކޮޅެއް ނުހަދާނެއެވެ. އަދި އެކަމަށް އިދިކީލިވެ، ނުކިއްސަރު ނަޒަރަކުން މީހަކު އެއްޗެއް ބުންޏަސް ހަމަ ކޮންމެ ދިވެއްސަކުމެ ރުޅިއައިސް އެމީހަކާ ދެކޮޅަށް އަޑުއުފުލާނެއެވެ. އެއީވެސް އަހަރެމެންގެ ސަޤާފީ އާދައަކަށްވެސް ވެދާނެއެވެ. އެހެންނަމަވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ސަތޭކަ އިންސައްތަ މުސްލިމް ޤައުމެއްގައި ހިނގައިގެންނުވާނޭ އެތައްބައިވަރު ކަންތައްތަކެއް އަޅުގަނޑުމެންގެ ތެރޭގައި މާކުރީއްސުރެވެސް ހިނގަމުންދާކަމެވެ. އެއީ ޢީދު ޗުއްޓީއާއި، ގުޅިގެން ކުޅެއުޅޭ ކުޅިވަރުތަކުގެ ތެރޭން ކަމުގައިވިޔަސް މެއެވެ.

މިއުޒިކް ޝޯވ ދިނުމާއި، ބަނޑިޔާޖެހުމާއި، އަންހެނުން ނާއި، ފިރިހެނުން ގައިގޯޅިވެ އޮޅުލައި ސަކަރާތްޖަހައި ދުވެހަދަމުން ކުޅޭ ފެންކުޅިއާއި، މިހިރީ ހައްތާވެސް އޭގެ ޒާތުގައި އިސްލާމްދީނުގެ ހަމަތަކާއި، އުޞޫލުތަކަށް ފުށުއަރާޒާތުގެ ކުޅިވަރުތަކެވެ. ނަމަވެސް އެއީ ޒަމާނުއްސުރެ ހަމަ ކޮންމެ ރަށެއްގައިގެސް ކުޅެއުޅެމުންއަންނަ ސަޤާފީކުޅިވަރުތަކެކެވެ.

އެއީ ސަޤާފަތް ކަމުގައިވިޔަސް އަޅުގަނޑުމެން އެ ސަޤާފަތެއް ދަމަހައްޓަންވާނީ އެއިން އެއްވެސް ނުބައެއް ނުފެންނަނަމައެވެ. ދީނީ ހުރިހާ ޢިލްމްވެރިން ކަނޑައެޅިގެން އެއްވެސް ޚިލާފެއްނެތި އެއްބަސްވެ ލައްވާ ކަންކަމަކީ ހަމަ ކޮންމެ މުސްލިމަކުވެސް އެއްވެސް ބަހުސެއްނެތި ޤަބޫލުކުރަންޖެހޭނޭ ކަންކަމެވެ.

ކީރިތި ޤުރުއާނުގެ އެތައް އާޔަތަކުން ލަވަޔާ މިއުޒިކް ޙަރާމް ކަމަށް ޢިލްމުވެރިން ދަލީލު ދައްކަވައެވެ. އެގޮތުން އެންމެ މަޝްހޫރު އާޔަތަކީ ލުޤްމާން ސޫރަތުގެ ހަވަނަ އާޔަތެވެ. ﷲ ވަޙީކުރައްވާފައިވަނީ: وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُواً أُولَئِكَ لَهُمْ عَذَابٌ مُهِينٌ [لقمان:6] މާނައީ ” އަދި މީސްތަކުންގެ ތެރޭގައި ވިޔާނުދާ ވާހަކަތައް ގަނެ ފަތުރާބަޔަކުވެއެވެ. އެއީ އެއްވެސް ޢިލްމަކާއި ނުލައި މާތް ﷲގެ މަގުން މީސްތަކުން ދުރުކުރުމަށްޓަކައެވެ. އަބައިމީހުންނަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ.” އަދި އިމާމް އިބްނި ކަޘީރު ރަޙިމަހުﷲ މި އާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. އިބްން މަސްޢޫދު ރަޟިޔަﷲ ޢަންހު މިއާޔަތާއި މެދުވިދާޅުވެއެވެ. ﷲ ގަންދީ ބުނަމެވެ. އެއީ ލަވައެވެ. އަދިވެސް މިފަދައިން ވިދާޅުވެފައިވާ ބޭފުޅުންގެ ތެރޭގައި އިބްނު ޢައްބާސާއި، މުޖާހިދާއި، ޘައުރީ އާއި މަކްޙޫލް ރަޟިޔަﷲ ޢަންހުމް ފަދަބޭފުޅުން ހިމެނެއެވެ .

މާލޭ މީހުން ރާއްޖެތެރެއަށް އައިސް ރާއްޖޭތެރޭގައި ތިބި 6 ކުޅަނދު މަދު މޮޔައިންނަށް އަޅުގަނޑުމެން މިއަދު ވެގެން ވާކަށްނެތެވެ. މިއީ ތަހްޒީބީ މުޖުތަމައު އެއްކަން އެމީހުންނަށްވެސް އަޅުގަނޑުމެން ދައްކައިދޭން އެބަޖެހެއެވެ. ގޮތްހުރި އުޅުންހުރި ދީންވެރި ތަރައްޤީ ބައެއްކަން ދައްކައިދޭން އެބަޖެހެއެވެ.

މިކަން މިމަގުން ކުރެވޭނީ އަޅުގަނޑުމެންގެ އީމާންތެރިކަން ހަރުދަނާ ކުރެވިގެންނެވެ. ދީނާއި ސަޤާފަތަކީ އެކައްޗެއް ނޫންކަމަށް ދެކިގެންނެވެ. ސަޤާފަތުގެ ތެރޭގައި ހުރި ބޯދާވިސްނުމުގެ ކަންކަން ދޫކޮށްލިވެގެންނެވެ. އަދި ދުނިޔެ މިއީ ދާއިމީ ތަނެއްނޫންކަމާއި، ދާއިމީ ގޮވައްޗަކީ އާޚުރަތުގެ ގޮވަތި ކަން ޤަބޫލުކުރެވިގެންނެވެ. މިއުޒިކާއި، ނެށުމާއި ނުލައި އީދުޗުއްޓީ ހޭދަކޮށްލެވިގެންނެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close