މި މަޢުސޫމް ތުއްތު ކުއްޖާވަނީ ޙާލުގައި ޖެހިފައި ، ތިޔަބޭފުޅުންގެ ދީލަތި އެހީއަށް ބޭނުންވެފައި
ދުނިޔޭގެ ހުރިހާ ޑޮކްޓަރުން އުންމީދު ކަނޑާލިޔަސް މަންމަ އުއްމީދު ކަނޑައެއް ނުލައެވެ. އެމަންމަ ބޭނުން ވަނީ އެކުޑަކުޑަ މައުސޫމް ދަރިފުޅަށް ތިޔަބޭފުޅުންގެ ދީލަތި އެހީއެކެވެ.
ލުހްޔާ މުހައްމަދު އިޝާން އަކީ އުފެދުމުގައި ކޯޑަލް ރިގްރެޝަން ސިންޑްރޯމް ނަމަކަށް ކިޔާ ބަލި ޖެހިފައިވާ ކުއްޖެކެވެ. ކުޑަކަމު ދިޔުމާއި ބޮޑުކަމު ދިއުމުގެ ނިޒާމް އުފެދުމުގައި ނެތް ކުއްޖެކެވެ.
އޭގެ ސަބަބުން އުމުރުން އެންމެ ހަތް ދުވަސް ނުވަނީސް ބޮޑުކަމުދިޔުމަށް ގޮހޮރުން ބައެއް ނެރެ އަދި ކުޑަކަމުދިޔުމަށް ފޫޅާ ދިމާލުން ތިރީގައި ލޯވަޅެއް ހަދާފައިވެއެވެ. އަދި އެ ކުޑަކަމުދާ ތަނުގެ ލޯވަޅު ބޮޑުކުރުމަށް އެތައް ފަހަރެއްގެ މަތިން ވަނީ އިންޑިއާއަށް ގޮސް އޮޕަރޭޝަން ކޮށްފައެވެ. އަދި ލުހްޔާގެ ފޫޅުން ތިރި މަސައްކަތެއް ނުކުރެއެވެ.
“އޭނާ އުފަންވިއިރުގަ ފޫޅުން ތިރީގައި އެއްވެސް ކަމެއް ނުއެއް ހުރޭ، އޮޕަރޭޝަން ކޮށްފަ ގޮހޮރު އިންނަނީ ބަނޑުގެ އަރިމަތިން ބޭރަށް ނެރެފަ، ކުޑަކަމުދާން އިންނަނީ ފޫޅުން ތިރިން ތަންކޮޅެއް ތޮރުފާފަ” ލުހްޔާ ގެ މަންމަ އިވްލިން، ލުހްޔާގެ ހާލަތު ކިޔައިދެމުން ބުންޏެވެ.
ގޮހޮރުން ނިކުމެފައި ހުންނަ ބަޔާއި އަދި ކުޑަކަމުދާ ލޯވަޅު ކައިރިން ވަރަށް ގިނަ ފަހަރު މަތިން އިންފެކްޓްވާއިރު ގޮހޮރު ކައިރިން ވަރަށް އާންމު ގޮތެއްގައި ލޭވެސް އައިސްފައި ހުންނަ ކަމަށް އޭނާ ގެ މަންމަ ވަނީ ބުނެފައެވެ.
އޭގެ އިތުރުން ލުހްޔާ މިހާރު އަބަދު ހުން އައިސް ހުންނަ ކަމަށާއި ފިޓު ވެސް ޖެހޭ ކަމަށް އޭނާގެ މަންމަ ބުނެއެވެ. އެކަމާ ގުޅިގެން ގޮހޮރުބައި އެތެރެއަށް ވެއްދޭތޯ ބަލަން އޮޕަރޭޝަން ކުރުމަށް ދާން މިހާރު ވިސްނާފައިވާ ކަމަށް ލުހްޔާގެ މަންމަ ބުނެއެވެ.

“ޑޮންޓަރުން ވަނީ އުންމީދު ކަނޑާލާފަ، އެކަމަކު މަންމަ އަކަށް މަސައްކަތް ދޯ ކުރެވޭނީ، ޑޮކްޓަރުން ބުނަނީ އޭނާއަށް ނުއެއް ހިނގޭނޭ، އިންޑިއާގެ ހޮސްޕިޓަލުން ވެސް އެކޮޅުން ބުނީ ހަމަ އެގޮތަށް، ލިޔުން ވެސް ދީފަ ވަނީ ނުހިނގޭނެ ކަމަށް، ނަމަވެސް އެކޮޅުން ބުނީ ސިންގަޕޫރު އަށް ދެވިއްޖެއްޔާމުން ބައިބައި ގުޅައިގެން ހިނގޭ ވަރު ކުރެވޭނޭ،” ލުހްޔާގެ މަންމަ ބުންޏެވެ.
އާސަންދަ ލިބުނު ނަމަވެސް އެތަނުގައި ހުރުމުގެ ކަންތަކާއި ކައިބޮއެ ހުރިހާ ކަމަކަށް ހަރަދު ދާނެ ކަން ފާހަގަކޮށް ލުހްޔާގެ މަންމަ ބުނީ އެމީހުންގެ އާއިލާ އަކީ އެހާތަނަވަސް ބައެއް ނޫން ކަމުން އެކަމަށް މީހުންގެ ދީލަތި އެހީ ބޭނުންވާ ކަމަށެވެ.
އާއިލާ އަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް:
އެކައުންޓު ނަމްބަރު: 7715505470101 މަރިޔަމް އިވްލީން (ލުހްޔާގެ މަންމަ)
ޑޮލަރު އެކައުންޓު ނަމްބަރު: 7730000030936 މުހައްމަދު އިޝާން (ލުހްޔާގެ ބައްޕަ)
ނަމްބަރު: 7878226 – މަރިޔަމް އިވްލީން


