ރިޕޯޓްސިޔާސީ

ރައްޔިތުން ބޭނުންވާނީ ސިޔާސީ ބަދަލުހިފުމަކަށްވުރެ ތަރައްޤީއެވެ.

ކޮންމެ ޤައުމެއްގައިވެސް ރައީސުންނަކީ ވަރަށް ގިނަރައްޔިތުންގެ އިޙްތިރާމާއި، ލޯބި ލިބިގެންވާ ބައެކެވެ. އެހެނީ ރައީސް ކަމުގެ މަޤާމަށް އިންތިޚާބު ކުރެވޭނީ ހަމަގައިމުވެސް އެޤައުމެއްގެ ޢާއްމު ރައްޔިތުންގެ މެޖޯރިޓީ ސަޕޯޓް ލިބިގެންނެވެ. މިދެންނެވި އުޞޫލުން އެއްކިބާވެފައި ވާނީ މަދުފަހަރެއްގައި މަދު ބޭފުޅެކެވެ. ނުވަތަ ޚުދުމުޚުތާރު ވެރިއެކެވެ. ނުވަތަ އެފަދަ ރައީސެކެވެ.

އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖޭގައިވެސް މާޒީގައިވަނީ ރައީސުން ( ކުރީގެރައީސުން ) ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެބޭފުޅުންގެ ޒަޢާމަތުގައި ނުކިއްސަރު ބައެއްކަހަލަ ކަންކަން ހިނގާފައި ވީނަމަވެސް ޢާއްމު ޙާލަތުން ބަލާނަމަ އެބަޔަކަށްޓަކައި މުޅިޤައުމު ފަޚުރުވެރިވާފަދަ ޚިދުމަތްތަކެއް އެބޭފުޅުންގެ ފަރާތުން ޤައުމަށް ލިބިފައިނުވާ ހަމަ އެންމެ ރައީސަކުވެސް ރާއްޖޭގެ ވެރިކަން ކުރައްވާފައެއްނުވެއެވެ.

ތެދުތެދަށް ދަންނަވަނީނަމަ ކުރީގެ ރައީސުންނަކީ ޤައުމުގެ ސިޔާސީ އެންމެބޮޑު ރައުސުލްމާލެވެ. އެބޭފުޅުންނަށް އިޙްތިރާމު ކޮށް އެބޭފުޅުން ޤައުމަށް ދޫކުރެއްވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަން ކުރުމަކީ މިއަދު އަޅުގަނޑުމެންގެ ޤައުމީ ވާޖިބެކެވެ. އެއީ ހަމައެކަނީ ކުރީގެ ރައިސުންނަށް އިޙްތިރާމް ކުރުމުގެ ގޮތުން އެކަންޏެއްވެސް ނުމެނޫންމެއެވެ. ޤައުމުގެ އިޖްތިމާޢީ ފޭރާން ވީދި، ދުވަހަކުވެސް ނުދެކޭފަދަ ނޭއްގާނީ ނާތަހުޒީބީ ޢަމަލުތަކެއް ޤައުމުގެ ޒުވާން ޖީލްގެ ފަރާތުން ފެންނަމުންދާ ހިނދު މުސްތަޤުބަލަށް ދެއްކޭނެ ސިޔާސީ ނަމޫނާއެއްގެ ގޮތުންވެސް މެއެވެ. އަންނަން އޮތް ޖީލްތަކަށް ފިލާވަޅެއްގެ ގޮތުންނެވެ.

އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމަޢު މިއަދު ފެންނަމުން މިދަނީ ބަދަލު ހިފުމާއި، ދޫ ނުދިނުމުގެ ސިފަތަކެކެވެ. ޚާއްޞަކޮށް ސިޔާސީ މައިދާނުން އިއްޔެވެސް މިއަދުވެސް ފެންނަމުން މިދަނީ ވަރަށް ނުރަނގަޅު މެސެޖްތަކެއް، އަންނަން އޮތް ޖީލަށާއި، މިއަދުގެ މުޖުތަމަޢުއަށް ހިނގައިދާނެފަދަ ޢަމަލުތަކެވެ. ރިވެތި ނަމޫނާ ދައްކަވަން ތިއްބެވި އިސްވެރިންނާއި، ޒިންމާދާރު ބޭފުޅުންގެ ފަރާތުން ފެންނަމުން މިދަނީ ވަރަށް ހިތާމަވެރި ސިފަތަކެކެވެ.

ދިވެހި އެންމެހާ ރައްޔިތުންނެވެ. ތިމާގެ ޢާއިލާއާއި ތިމާއަށްވަރެ ގައުމު ބޮޑެވެ. ތިމާގެ މަޞްލަޙަތައްވުރެ ގައުމުގެ މަޞްލަޙަތު ބޮޑެވެ. އަދި އެގައުމުގެ މަޞަލަހަތަކީ އެންމެހާ ރައްޔިތުން ޝާމިލްވާގޮތަށް ތިމާގެ މަޞްލަޙަތުވެސްމެއެވެ. ތިމާ ކުރާ ކޮންމެ ކަމަކީ ހަމައެކަނި ތިމާއަށް ބެލުމުގެ ބަދަލުގައި އެންމެހާ ރައްޔިތުންގެ މަޞްލަހަތަށް ކުރާ ކަމަކަށް ހައްދަވާށެވެ. ބުއްދިވެރިންނަކީ މާޒީން ޢިބުރަތް ލިބި ކުރިމަގު އުޖާލާކުރަން ރަނގަޅު ޕްލޭނުތައް ކޮށް ކުރިއަށްދާ މީހުންނެވެ.

ގާނޫނުގެ ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ނުނަންގަވާށެވެ. ވަގުތީ ފައިދާއެއް ނަމަވެސް އެއީ ދިވެހި އެންމެހައި ރައްޔިތުންގެ ދުޝްމަނެކެވެ. އެއްވެސްގެ މީހެއްގެ ފަރާތުން ބަދަލުހިފުމަކީ ކުރެވޭނެ އެންމެ ސުންޕާ މޮޔަކަމެވެ. އެއިން އަނެކާއަށް ކިތަންމެ ބޮޑު ދެރައެއްވެސް ދެވިދާނެއެވެ. ނަމަވެސް ތިބާއަށް ކުރާނެ ދާއިމީ އެއްވެސް ފައިދާއެއް ނޯންނާނެއެވެ.

އެއްވެސް މީހެއްގެ މައްޗަށް ކުށެއް ސާބިތު ނުވާހާހިނދަކު އެއީ އެއްވެސް ކުށެއް ނުކުރާމީހެކެވެ. ޚާއްޞަކޮށް ރައިސުންނާއި ޒިންމާދާރު ވެރިންވެސް އެބޭފުޅުންގެ އިސްތަށިފުޅުގައި ތުހުމަތު ތަކެއް އެޅުނުނަމަވެސް އެކުށް ސާބިތު ނުވާނަމަ އެބޭފުޅުންނަށްވެސް އަދަބު ކުޑަކޮށްގެން ނުވާނެއެވެ. އިޙްތިރާމް ކުރަންވާނެއެވެ. އެހެނެއްކަމަކު ކޮންމެ މީހަކުނަމަވެސް ކުށެއްކޮށްފިއްޔާ އެކުށުގެ ޝަޒާލިބެންވާނެއެވެ. އަދި ހަމަ އެހެންމެ ކަމަކަށްތުހުމަތު ކުރެއްވިއްޖެނަމަ އެކަމެއް އިންސާފުވެރި ޢަދުލުވެރި ތަޙްޤީޤަކުން ބެލެންވެންވެސް ޖެހޭނެއެވެ. އެކަމަކު އެއީ އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އާދަކާދަޔާއި އުޞޫލުތަކާއި، ހަމަތަކާއި، ޙުދޫދުގެ ތެރެއިންނެވެ.

ބަދަލުހިފުމާއި، ދޫނުދިނުމުން އެއްކިބާވެ ޤައުމުގެ ކުރިމަގަށާއި، ރައްޔިތުންނަށްޓަކައި ތަރައްޤީގެ އާއުސްމިންތަކަކަށް ވާޞިލް ވެވޭތޯ އެންމެހައި ބޭފުޅުން އަތުކުރިއޮޅާލައްވާ ކުރިއަށް ވަޑައިގަންނަވަމާ ހިންގަވާށެވެ. ޤައުމުގެ މުސްތަޤުބަލު ބައްޓަން ކުރުމުގެ ހުރިހާ ބާރަކާއި، ކޮންޓްރޯލެއް އޮތީ ޤައުމުގެ ވެރިންގެ އަތްޕުޅުމަތީގައެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close