ރިޕޯޓް ކެނދިކުޅުދޫ ފަޅުތެރެއިން މުށިމަސް ބޭނުމަކީ ފޯރިހުރިކަމެއް!

ކެނދިކުޅުދޫ ފަޅުތެރެއިން މުށިމަސް ބޭނުމަކީ ފޯރިހުރިކަމެއް!

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ދިވެހި ބަހުގެ ރަދީފު ނުވަތަ ބަސްފޮތުގައި ބުނާގޮތުން “ވެހިމަސް” އެއީ އާދަވެގެން ބައިބައިގަނޑަށް ފަޅަށް ވަދެނުކުމެވާ މަހެވެ. މިސާލަކަށް މުށިމަސް، ކަށިމަސް، ރިއްމަސް ހިމެނެއެވެ.

ވެހިމަހުގެ ތެރެއިން ޚާއްޞަކޮށް މުށިމަހަކީ ވަރަށްގިނަ ރަށްރަށުގެ ފަޅުތެރެއަށް ވަންނަ ބާވަތެކެވެ. ވެހިމަހުގެ އެހެން ބާވަތްތަކަށްވުރެ މާބޮޑަށްވެސް މުށިމަސް ތަފާތެވެ. ފަޅުބޮޑެތި ވިލު ބޮޑު ފަޅުފަޅަށް ކަށިމަހާއި، ރިއްމަސް ވަތްކަމުގައިވިޔަސް މުށިމަސް މުޅިންތަފާތެވެ. ފަޅަކަށް މުށިމަސް ވަންނާކަށް އެފަޅެއްގައި ވަކި މިވެނި އެވެނި ޝަރުތުތަކެއް ހުންނާން ޖެހޭނޭ ބުނަން އުނދަގޫވެގެން މިއުޅެނީ ނ.ކެނދިކުޅުދޫ ( ކެނދިކޮޅުއަވަށު ) ފަޅުތެރެއަށް އެކިއެކިދުވަސް ވަރުގައި ވަންނަމުންދާ މުށިމަސްތަކުގެ ސަބަބުންނެވެ. ވަރަށް ތަފާތެވެ. އަދި ވަކިން ޚާއްޞަކޮށް މިހާރު އެރަށުގެ ފަޅުތެރޭގައި މުށިމަސްތިޔާގިވެ ބާނަން ފަސޭހަކަމީ އެހެން އަހަރުތަކަށްވުރެ މާބޮޑަށްވެސް އާދަޔާ ޚިލާފު ކަމެއްކަމަށް އެރަށުމީހުން ބުނެއެވެ.

“ކޮންމެދުވަހަކު ދެއިރު މުށިމަސްބާނަން ދަން. އެއީ ހެނދުނާ ހަވީރު ، ބައެއް ދުވަސްދުވަހު މެންދުރުވެސް ދަން . ދާކޮންމެފަހަރަކު ގަޑިއެއްހާއިރު ތެރޭގައި އެންބޮޑު ސައިޒުގެ ފުޅިމަދު ފޮށިގަނޑެއްގެ މަސްބެވޭ.” ކެނދިކުޅުދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެއީ ހަމަތެދެކެވެ. އެރަށުގެ ފަޅުތެރެއިން މުށިމަސް ބާނާ މަންޒަރު ބަލައިލުމުގެ ފުރުޞަތު އަޅުގަނޑަށްވެސް ލިބުނެވެ. މަސްބާނަން ގޮސްތިބި މީހުންނަށް ބަލައިލިއިރު އެކި ޢުމުރުފުރާގެ ދެޖިންސްގެ މީހުންނެވެ. އަންހެނުންނާއި، ފިރިހެނުންވެސް އެއްބަޔަކު އަނެއްބަޔަކަށް ވަކި ދުލެއް ނުދެއެވެ. މުށިމަސްބޭނުމުގައި އެހާކުޅަދާނައެވެ. މަތީގައި ތިންހަތަރު މަސް ނޯންނަ އެންމެ ހިނދުކޮޅެއްވެސް ނުދެއެވެ. އެއީވާ ފޯރިހުރިކަމެކެވެ.  

ކެނދިކުޅުދޫން ވާހަކަ ދެއްކި މީހުން މަޢުލޫމަތު ދިންގޮތުގައި އެރަށު ފަޅަށް މުށިމަސްވަންނާކަށް ވަދިކުދުވަސްވަރެއްނޯވެއެވެ. ހަމަ ކޮންމެ މޫސުމެއްގައި ކޮންމެ ދުވަސްވަރެއްގައިވެސް މުށިމަސް ވަދެދާނެއެވެ. ބައެއް ދުވަސްވަރު މުށިމަހުގެ ކުރިން ފުރަތަމަ ވަންނާނީ ތާވަޅައާއި، ކުންބަޅައެވެ. އޭގެފަހުގައި ދެން ދުވަސްކޮޅެއްފަހުން މަދުމަދުން މުށިމަސް ފެންނަން ފަށާނެއެވެ. އެހެން ގޮސް އެންމެފަހުން ދެންފެންނާނީ އެއްކޮށް މުށިމަހަށް ބަދަލުވެފައިވާތަނެވެ.

އެރަށުމީހުން ބުނާގޮތުން އެންމެ އަޖައިބުވާ އެއްކަމަކީ ކެނދިކުޅުދުއަކީ ދެއަވަށަށް އޮންނަ ރަށަކަށްވެފައި ދެއަވަށުގައިވެސް ފަޅުއޮންނައިރު ހަމައެކަނި ކެނދިކޮޅު އަވަށުގެ ފަޅަށް މުށިމަސްވަންނަކަމެވެ. ވަރަށް މަދުފަހަރެއްގައި ނޫނީ ކުޅުދޫ އަވަށަށް މުށިމަހެއް ނުވަދެއެވެ. ފަހަރެއްގައި މިހެން މިކަން މިދިމާވަނީ ކުޅުދޫ އަވަށުގެ ފަޅުގައި ތަންކޮޅެއް “މޫދުހުއި” ގިނަވީމާ ކަމުގައިވެސް ވެދާނެއެވެ.

މުށިމަސްބާނަނީ ހުސްބުޅީގައެވެ. އަދި އެރަށުމީހުންގެ ބަހުންނަމަ އެއީ ކަނޑުވާބުޅިއެވެ. މަސްބާނާއިރު ފަސޭހައިން ބުޅިން މަސްނައްޓާލެވޭގޮތަށް ޖަހާފައި ހުންނަބުޅިއަށް ކަނޑުވާބުޅި ކިޔައެވެ. ބުޅިޖަހާ ވަކި ޚާއްޞަ ބަޔަކު އެރަށުގައި ނޫޅުނުނަމަވެސް ކޮންމެ ކޮންމެ މީހަކަށް ބުޅިއެއް ނުޖެހެއެވެ. އެކަމަކު ބުޅި ޖަހަން ދަންނަ ވަރަށްގިނަ މީހުން އެރަށުގައި އުޅޭކަމަށްވެއެވެ. އެހެން އެވަނީ މުށިމަސްބޭނުމަކީ އެރަށުގައި ވަރަށް ޢާއްމުކަމަކަށް ވީތީކަމުގައިވެސް ވެދާނެއެވެ. އެހެންކަމުން އަންހެނުންވެސް ކުޑަކުދިންވެސް މަސްބާނަންދާއިރު ދޮށިތައްޔާރުކޮށްދިނުމާއި، ބުޅިޖެހުމުގައި ފިރިހެންވެރިންގެ އެހީހޯދާކަމަށްވެއެވެ.

މުށިމަހުގެ މަސްވެރިކަން ކެނދިކުޅުދޫގައި ތިޔާގިވުމުގެ ސަބަބުން ކައިރި ރަށްރަށުގެ މީހުންވެސް މަސްބާނަން މިހާރު އެރަށަށް ދާން ފަށައިފިއެވެ. އެހެން ރަށްރަށުގެ މީހުން އެރަށަށް މަސްބާނަން އައިސް ގޮސް އުޅުމުގައި ކެނދިކުޅުދޫ މީހުންގެ އެއްވެސް އިއުތިރާޒެއް ނޯވެއެވެ. ހަމަ ރަށުމީހުންނެކޭ އެއްފަދައިން އެހެން ރަށްރަށުގެ މީހުންވެސް މުށިމަސް ބައިގެން ދިއުމުގެ ފުރުޞަތު ފަހިވެފައި އޮވެއެވެ.

ކޮންމެއަކަސް މިއީ ކެނދިކުޅުދޫ ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ކަނޑުރޯއްޖެކެވެ. މިރޯދި ދެއްވީތީ ﷲ ސުބުޙާނަޙޫ ވަތަޢާލާއަށް ޝުކުރުކޮށް ހެޔޮގޮތުގައި ރޯދީގެބެ ބޭނުން ހިފަންޖެހޭފަދަ ބޮޑުނިޢުމަތެކެވެ. ނަމަވެސް ހިތާމަހުރި ދެރަކަމަކީ ބައެއް މީހުންގެ ޢަމަލުތައް ހުންނަގޮތެވެ. މުށިމަސްގަނޑަށް އެކިއެކި ގޮތްގޮތަށް ގޯނާކުރެއެވެ. ބައެއް ފަރާތްތަކުން މެދުގައި (ބޮޑުބުޅި) އަޅުވައެވެ. އަނެއްބަޔަކު ދާޖަހައިގެންވެސް މަސްގަނޑު ނަގާފާނެއެވެ. އެހެންބަޔަކު ހުއިފިލަނޑާ ދިޔަވަރު ( ލަނޑާ ކައްކާފައި އުކާލާ ފެންގަނޑު ) މަސްގަނޑު ތެރެއަށް އަޅާފާނެއެވެ. މިއިން ކޮންމެ ފަދަ ގޯނާއެއް މުށިމަސްގަނޑަށް ކުރިކަމުގައިވިޔަސް މަސްގަނޑު ނުކުތުމުގެ ފުރުޞަތު ބޮޑުކަމަށް އެރަށުމީހުން ބުނެއެވެ. މީގެ ކުރީގެ ތާރީޚްތަކުގައި މިފަދަގޯނާތައް ކޮށްގެން މަސްގަނޑު ނިކުމެގެން އެތައް ފަހަރަކު ގޮސްފައިވެސް އެބަހުއްޓެވެ.

ރާއްޖޭގެ އެހެން ބައެއްރަށުގެ ފަޅަށްވެސް އެކިދުވަސްވަރު އެކި މިންވަރަށް މުށިމަސް ވަންނަކަމީ އެންމެންވެސް ދަންނަ ޙަޤީޤަތެކެވެ. ނަމަވެސް ކެނދިކުޅުދޫފަޅަށް މިފަހަރު ވަދެފައި މިވާ މުށިމަހަކީ އާދަޔާ ޚިލާފު މުށިމަސްގަނޑެއްކަމުގައި ދަންނަވަންޖެހެއެވެ. ދެރައީ މި މަސްގަނޑުގައި ހުރި މުށިމަސް ސައިޒުން ކުދިވުމެވެ.

ޓެގް

މުށިމަސް ކެނދިކުޅުދޫ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.