މިއަދު ގިނަބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ނުވަތަ ޝަކުވާއަކަށް ވެފައިވަނީ މިއަދު ސްކޫލް ނިންމާފައި މުޖުތަމަޢުއަށް ނިކުންނަ ގިނަކުދިންނަށް ދިރިއުޅުމުގައި ކުރަންޖެހޭ މަސައްކަތްތައް ރަނގަޅަށް ނުވަތަ އެއްގޮތަކަށްވެސް ކުރަން ނޭނގުމުގެ ޝަކުވާއެވެ.

ނ.ލަންދޫ ސްކޫލް ގްރޭޑް – 10 ގައި މިހާރު ކިޔަވަމުން އަންނަ އުމުރުން 16 އަހަރުގެ ޢަލީ އަޒުމީރަކީ މިއަދުގެ ކިޔަވާ ކުދިންނަށް ހުރި ރިވެތި ނަމޫނާއެކެވެ. އެ ސްކޫލުގެ ބީޓެކް ކުލާހުގައި ބިޒުނަސް ސްޓަޑީޒް ކިޔަވަމުން އަންނަ އަޒުމިރު އަކީ އޭނާގެ އަމިއްލަ މަސައްކަތުން އޭނާގެ ކަންތައްތައް ބަލަހައްޓަމުން އަންނަ ކިޔަވަން މޮޅު މަސައްކަތްތެރި ދަރިވަރެކެވެ.
އަޒުމީރުގެ ޅަޢުމުރުގައި އޭނާގެ ބައްޕަ ނިޔާވުމާއި ގުޅިގެން އޭނާގެ ކަންތައްތައް ފުއްދުމަށްޓަކައި އޭނާވަނީ އޭނާގެ މަންމަ އާއިއެކު ތަފާތު މަސައްކަތްތައް ކުރަން ފަށާފައެވެ. މިގޮތުން މިއަދު އަޒުމީރަކީ ރަނގަޅަށް އެންމެ މޮޅަށް ފަންވިންނަށް އެނގޭ ދަރިވަރެކެވެ. ދުވާލެއްގެ މައްޗަށް އެންމެ މަދުވެގެން ފަންބޮޑިއެއް ވިދެލުމަކީ އަޒުމީރުގެ އާދައަކަށް ހަދާފައިވާ ކަމެކެވެ.

ރަށުގައި ދަނޑުވެރިކަން ކުރާ ދުވަސްވަރެއްގައި ނަމަ އަޒުމީރުއަކީ ލަންދުގެ އެންމެ ޒުވާން ދަނޑުވެރިޔާއެވެ. ދަނޑުވެރިކަމުގައި އަޒުމީރު ހައްދާ އުޅޭ ބާވަތްތަކުގެ ތެރޭގައި ކޮޕީފަތާއި މިރުހާއި ކިއުކަންބާގެ އިތުރަށް ތޮރަ އާއި ބަރަބޯ ހިމެނެއެވެ. އަޒުމީރުވަނީ ލަންދޫގެ ދަނޑުވެރިންނަށް އަމާޒުކޮށް ލަންދޫ ކައުންސިލް ޢިދާރާ އާއި އެގްރިކަލްޗަރ މިނިސްޓްރީ ގުޅިގެން ހިންގި ދަނޑުވެރިކަމާއި ގުޅޭ ކޯހެއްވެސް ފުރިހަމަ ކޮށްފައެވެ.
އަޒުމީރުގެ އެންމެ އާދަޔާ ޚިލާފް އަދި ރަށުގެ ގިނަބަޔަކު އެންމެ ފާހަގަ ކުރާ އެއް މަސައްކަތަކީ އަޒުމީރު އަމިއްލައަށް ރިހާކުރު ކެއްކުމެވެ. ދޯނިތައް އެންމެ ގިނައިން މަސް ބާނާ ދުވަސްވަރު އަޒުމީރު ދަނީ އޭނާ އަމިއްލައަށް އޭނާ އެކަނި މަސް ކައްކާ ރިހާކުރު ހަދާ ރިހާކުރު ވިއްކުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިލިޔުން ލިޔުމަށް އަޒުމީރު އާއި ބައްދަލު ކޮށްލުމަށް އަޒުމީރުގެ ގެއަށް ދިޔައިރު މި ރަމަޟާން މަހުގެ 11 ވަނަ ދުވަހުވެސް އަޒުމީރު އުޅެނީ ރިހާކުރު ކެއްކުމުގެ މަސައްކަތުގައެވެ. 5 އުދުނަށް ފަސް ލޯގަނޑު އުދައިގެން މަސް ކެއްކުމަށްފަހު ދިޔަގަނޑު އޮލަކުރުމަށް ދެ ލޯގަނޑަށް އަޅާފައި ހުރިތަން ފެނިގެން ދިޔައެވެ. އަދި ވަރަށް ތަރުތީބުން މަސްތައް ދުމަށީގައި ޖަހާފައި ހުރިތަން ފެނިގެން ދިޔައެވެ. މިކަންތައް ތަކުންވެސް އަޒުމީރުގެ މަސައްކަތްތެރިކަން ވަރަށް ބޮޑަށް ފާހަގަ ކުރެވި ތަޖުރިބާ ކުރެވިގެން ދިއައެވެ. ލަންދޫގެ ގިނަ ރައްޔިތުން ފާހަގަ ކުރި ގޮތުގައި އަޒުމީރު ތައްޔާރު ކުރާ ރިހާކުރަކީ ޢާދަޔާ ޚިލާފަށް މީރު މޮޅު ރިހާކުރެކެވެ. ގިނަފަހަރަށް އަޒުމީރު ތައްޔާރު ކުރާ ރިހާކުރު އޮލަކޮށް ނިމެންވާއިރަށް ވިކި ހުސްވެއެވެ.
ފަންވިދެގެންނާއި، ދަނޑުވެރިކަމުގެ މަސައްކަތުންނާއި އަދި އެހެނިހެން މަސައްކަތްތަކުން އަޒުމީރު މިހާރު ހޯދާފައިވާ ފައިސާގެ އަދަދު ލައްކައަކާއި ގާތްކުރާއިރު އަޒުމީރުގެ އުންމީދަކީ މިހާރުން ފެށިގެން ހޯދަމުން މިދާފައިސާއިން ސްކޫލުގެ ކިޔެވުން ނިންމާލުމަށަފަހު ދިރިއުޅުމަށް ރަނގަޅު މަސައްކަތެއް ފެށުމެވެ.
އިޖުތިމާއީ ޚިދުމަތްތެރިއެއް
އަޒުމީރު ފާހަގަ ކުރެވިފައިވަނީ ވަރަށް ޅައުމުރުން ފެށިގެން އަމިއްލައަށް އިސްނަގައިގެން އިޖުތިމާޢީ މަސައްކަތްތައް ކުރަމުން އަންނަ މިރޮނގުގައިވެސް އަރަމުންއަންނަ ޒުވާނުންނާއި މިއަދުގެ ކިޔަވާ ކުދިން ނަމޫނާއަކަށް ބަލަންޖެހޭ ދަރިވަރެއްގެ ގޮތުގައެވެ. މިގޮތުން އަޒުމީރުގެ އެންމެ ޚާއްޞަ މަސައްކަތެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ކޮންމެ އަހަރެއްގެ ރަމަޟާންމަހަށް ހާއްޞަކޮށްގެން ލަންދޫގެ ރައްޔިތުންނަށްޓަކައި ފިނިމައިޒާނެއް ( ލަންދޫ ރާމީ ސަރަޙައްދު) ތައްޔާރުކުރާ ކުރުމެވެ.

މީގެ ފަސްވަރަކަށް އަހަރު ކުރިން ފެށިގެން ލަންދޫ “ރާމީ ” އޭ ކިޔާ ސަރަހައްދު އަޒުމީރު އިސްވެ ހުރެ އޭނާގެ އެކުވެރި ކުދިންކޮޅަކާއި އަދި އަޒުމީރު ނިސްބަތްވާ ލަންދޫ އަތިރީކޮޅު އަވަށުގެ ބައެއްމީހުންގެ އެހީތެރިކަމާއި އެކު އަންނަނީ ވަރަށް ފުރިހަމަ އަށް ތައްޔާރު ކުރަމުންނެވެ. ތުއްތުކުދިން ހެއްލުމަށް ކުދި އުދޯލިތައް އެލުވާފައި ވާއިރު ބޮޑަތިމީހުން އަރާމް ކޮށްލުމަށް ވަރުވަރުގެ ޖޯލިފަތިތައް ތައްޔާރުކޮށްފައިވާިއރު ބޮޑަތިމީހުންނަށް ހެއްލާ ޖޯލިތައްވެސް އެލުވާފައި ވެއެވެ. މީގެ އިތުރުން ތަފާތު ގޭމްތައް ކުޅެން ތިބުމަށް ހާއްޞަކޮށްގެން އޮށި، އަށިތަކާއި ހޮޅުއަށިތައް އަޅާފައިވެއެވެ. ކޮންމެ އަހަރެއްގެ ރަމަޟާންމަހު ލަންދޫގެ ގިނަ ރައްޔިތުން ތުއްތު ކުދިންނާއި އެކު މުޅިފޫހި ފިލުވުމަށް ޒިޔާރަތްކުރާ އެންމެ ހާއްޞަ އެއްތަނަކީ އަޒުމީރުގެ “ރާމީ” މައިޒާނެވެ.

އަޒުމީރު މަޢުލޫމާތު ދިންގޮތުގައި ރާމީގައި ތައްޔާރު ކޮށްފައިވާ އެއްޗެތި ތައްޔާރު ކުރުމަށް ބޭނުންވާ ހުރިހާ އެއްޗެއް ގަނެފައިވަނީ އޭނާގެ އަމިއްލަ ހަރަދުގައެވެ. އަދި އެއްޗެތި ތައްޔާރު ކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދީފައިވަނީ މިކަހަލަ ކަންތައްތަކުގައި އަޒުމީރުއަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދޭ މަރިޔަމް ޢުމަރު (ހިޔަލަ ދައިތަ )އެވެ. އަޒުމީރުގެ މިބުރަ ބޮޑު މަސައްކަތުގެ ހިތްފަސޭހަކަމާއި ހިތްހަމަޖެހުން ރާމީއަށް ޒިޔާރަތް ކޮށްލުމުން އެތަނަށް ޖަމާވެފައިވާ ޢާއިލާތަކުގެ މެމްބަރުންގެ މޫނުމަތިން ފެނިގެން ދިޔަ އުފާވެރިކަމާއި ، ހިތްހަމަޖެހުމުން ހާމަވެގެން ދެއެވެ.
ދަރުމައަށް މަސައްކަތް ކޮށްދިނުމުގެ ވެސް ނަމޫނާއެއް

ލަންދޫގެ ގިނަ ރައްޔިތުން ފާހަގަކުރާ ގޮތުގައި އެއްވެސް އުޖޫރައެއްނެތި ހިލޭސާބަހަށް މީހުންނަށް މަސައްކަތް ކޮށްދިނުމުގައި ވެސް އަޒުމީރުއަކީ ނަމޫނާ ދަރިއެކެވެ. މިގޮތުން ގޯތި، ގޯއްޗަށް ގޮސް ޖޯލި ގަތައި ދިނުމާއި ،ބަނބުކެޔޮ މޫސުމުގައި ގޭގެއަށް ގޮސް ބަނބުކެޔޮ ކަނޑައި ދިނުމާއި އަދި ރުކު އަޅައި ދިނުމަކީ އާންމުކޮށް އަޒުމީރު ކުރަމުން އަންނަ ކަންތައްތަކެވެ. އަދި މިކަންތައްތަކުގެ އިތުރުން ސިމެންތި ބޭނުންކޮށްގެން ކައްކަށް ބޭނުންކުރާ ދަރު އުދުން ޖަހައި ދިނުމަކީ އަޒުމީރު ވަރަށް ގިނައިން ހިލޭ ސާބަހަށް ކޮށްދޭ ވަރަށް ހާއްޞަ މަސައްކަތެކެވެ.
ނާރެސް ޓީމުގެ އުންމީދަކީ އަޒުމީރުގެ މި މަސައްކަތްތަކުން އިބުރަތް ހާސިލްކޮށް އަޒުމީރު ފަދަ ކުއްޖަކަށް ވުމަށް ގިނަ ކުދިބަޔަކު މަސައްކަތް ފެށުމެވެ. އަޒުމީރުގެ މަސައްކަތްތަކުގައި އިތުރު ކުރި އެރުމާއި ކާމިޔާބު މިންވަރު ކުރައްވާށިއެވެ. އާމީން
ކޮމެންޓް (0)
ލޯޑް ކުރަމުން...