އާއްކޮ – ހުރިހާގޮތަކުންވެސް ތަފާތު މޮޅު ކުޅުންތެރިއެއް
ނިމިދިޔަ އިންޓަރ – ސްކޫލް ފުޓްބޯޅަ މުބާރާތުގެ 13 އަހަރުން ދަށުގެ ޗެމްޕއަންކަން ޣާޒީ ސްކޫލް ހޯދިއިރު ގިނަބައެއްގެ ލޯ އަމާޒްވެގެން ދިޔަ އެއް ކުޅުންތެރިއަކީ ޣާޒީ ސްކޫލްގެ ޖާޒީނަމްބަރ 13 އަށް ކުޅުނު ކުޑަކުޑަ މުޙައްމަދު އައިހަމް އިބުރާހިމް (އާއްކޮ) އެވެ.
ނިމިގެން ދިޔަ އިންޓަރ ސްކޫލް މުބާރާތުގައި އާއްކޮ ވަނީ އޭނާގެ ފުޓްބޯޅައިގެ ހުނަރު އެންމެންނަށް ދަށްކާލައި މުބާރާތރުގެ ޗެމްޕިއަންކަން ޣާޒީ ސްކޫލަށް ހޯދައި ދިނުމުގައި މުހިއްމު ދަޢުރެއް އަދާކޮށްދީ މުބާރާތުގެ އެންމެ މޮޅު 10 ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.

ނ.ލަންދޫގެ ފުޓްބޯޅައިގެ ޢާއިލާއަކަށް އުފަން އާއްކޮ ފާހަގަ ކުރެވިފައިވަނީ އެންމެ ތުއްތު އިރުން ފެށިގެންވެސް ފުޓްބޯޅައަށް ނުހަނު ޝަޢުޤުވެރިކަން ހުންނަ އަމިއްލައަށް އިސްނަގައިގެން ފުޓްބޯޅައިގެ ހުނަރު ކުރިއެރުވުމަށް މަސައްކަތް ކުރަމުން އަންނަ އަޚްލާޤު ރަނގަޅު ކުއްޖެއްގެ ގޮތުގައެވެ.
އާއްކޮގެ ފުޓްބޯޅައިގެ ހުނަރު އެންމެބޮޑަށް ތަރައްޤީވެ ކުރިއަރައިގެން ދިއުމުގެ އެންމެބޮޑު އެއް ސިއްރަކީ ހުޅުމާލޭ ސްޕޯރޓްސް އެކަޑަމީގައި އާއްކޮއަށް ލިބެމުންއަންނަ ފުރިހަމަ ތަމްރީނުތަކެވެ. އާއްކޮގެ އުމުރުން ވަރަށް ހަނގު އުމުރުގައި މި އެކަޑާމީ އާއި ގުޅި އާއްކޮވަނީ އޭނާގެ ހުނަރު އެތަށް ތަނަކުން ކުރިއަށް ޖައްސާލައިފައެވެ. އަދި ވޭތުވެދިޔަ އަހަރު މި އެކަޑަމީގެ ފަރާތުން ލަންކާގައި އޮތް އެޤައުމުގެ އެކަޑަމީތަކެއް ބައިވެރި މުބާރާތެއްގައި ބައިވެރިވެ ރަނގަޅު ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އަދި އެ މުބާރާތުގައި ހޮވި އެންމެ މޮޅު 3 ކުޅުންތެރިންގެ ތެރޭގައި އާއްކޮވަނީ ހިމެނިފައެވެ. މިއީ ފުޓްބޯޅައިން އާއްކޮއަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ފާހަގަކުރެއެވެ.

މިހާރު ޣާޒީ ސްކޫލުގެ ގްރޭޑް 6 ގައި ކިޔަވަމުން އަންނަ އުމުރުން 12 އަހަރުގެ އާއްކޮގެ ފުޓްބޯޅައިގެ އެންމެ ހާއްޞަ ހުނަރެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަ ކުރަނީ އިދިކޮޅު ޑިފެންޑަރުން ބީޓްކޮށްލުމުގައި އޭނާގެންގުޅޭ ހުނަރުވެރިކަމެވެ. އަދި ހަމަ އެހެންމެ އާއްކޮގެ ފަރާތުން ފެނިގެންދާ ކޮއްޓުމާއި ނެއްޓުމުގެ ހުނަރަކީ ގިނަބައެއްގެ ތަޢުރީފް އާއްކޮއަށް އޮހިގެންދާ އެއް ސަބަބުވެސް މެއެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި މިހާރު ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ބުރެޒިލްގެ ނޭމާގެ ކުޅުން ނަމޫނާއަކަށް ބަލަމުން އަންނަ އާއްކޮ އެންމެ ކުޅޭހިތުން ގަޔާވެގެން ކުޅޭ މަޤާމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ އެޓޭކިންގ މިޑްފީލްޑަރެވެ. ނިމިދިޔަ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އާއްކޮ ކުޅެފައިވަނީ ކަނާތު ވިންގަށެވެ.

ޔޫޓިޔުބުން ވީޑިއޯ ބަލައިގެން އާއްކޮގެ ފުޓްބޯޅައިގެ ހުނަރު އެއްދުވަހުން އަންނަ ދުވަހަށް ތަރައްޤީ ކުރުމަށް މަސައްކަތް ކުރަމުންދާއިރު އާއްކޮ އަންނަނީ އޭނާގެ މަންމަ އާއި ބައްޕަ އަދި ކިޔަވައިދެއްވާ ޓީޗަރުންގެ ބަސްއަހައިގެން ކިޔެވުމުންވެސް ރަނގަޅު ކާމިޔާބު ތަކެއް ހާސިލްކުރަމުންނެވެ.

މިއަދު 13 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުން ރަންވަނައެއް ހާސިލްކޮށް އާއްކޮގެ ސްކޫލާއި ބެލެނިވެރިން ހިނތުން ކުރުވި ފަދައިން އަޅުގަނޑުމެންގެ އުންމީދަކީ އަދި އެދުމަކީ މުސްތަޤްބަލްގައި ރާއްޖޭގެ ނަންވިދާލާ ފަދަ ހުނަރުވެރި މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށްވެ މުޅިޤައުމު ހިނިތުންވެރި ކުރުވާ ކުޅުންތެރިއެއްގެ ގޮތުގައި އާއްކޮ ވެގެންދިއުމެވެ.


Maai Allah aahko ah heyo rahmai lavvaashi
Aakko baraabarah namaadhu kurahchey
Eyrun maai Allah Aakko ah heyo rahmai lahvaane