ރިޕޯޓް

ކާބޯތަކެތި ބޭނުންކުރުމުގައި ވިސްނަން ޖެހޭތަ؟

އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަ ތަފާތު ކާބޯތަކެތި ބޭނުންކުރެވެއެވެ. އެހެނަސް އެތަކެތި ބޭނުންކުރެވެނީ އެންމެ އެދެވޭ ގޮތުގައިތޯ އަޅުގަނޑުމެންގެ ތެރެއިން ވިސްނާލަނީ ކިތައް މީހުންތޯއެވެ. ކާނާއަކީ ދިރިހުރުމަށް ހަށިގަނޑަށް ކޮންމެހެން ބޭނުންވާ އެއްޗެއްކެވެ. އަދި އޭގެ ސަބަބުން ނުހަނު ގިނަފައިދާ ލިބޭއިރު ރަނގަޅުނޫން ކާނާއާއި ކާނާ ބޭނުންކުރަން ޖެހޭގޮތް ނޫން ގޮތްގޮތަށް ބޭނުންކުރުމުން ލިބޭ ގެއްލުންތައް ފައިދާއަށް ވުރެ ބޮޑުވެދާނެއެވެ. އެހެންކަމުން ކާތަކެތި ބޭނުންކުރުމުގައި ސަމާލުކަން ދިނުން މުހިއްމު ބައެއް ކަންކަމަށް ބަލައިލަމާ ހިނގާށެވެ.

 (1) ކާބޯތަކެތި ރަނގަޅަށް ދޮވެގެން ނުވަތަ ކައްކައިގެން ބޭނުންކުރުން:   މިގޮތަށް ކާތަކެތި ދޮވުމުން އެފަދަ ކާތަކެތީގެ ބޭރުގައި ހަރުލާފައި ހުންނަ ޖަރާސީމް ނެތިދިއުމަށް މަގުފަހިވެއެވެ. ހަމަމިހެން ކައްކަންޖެހޭ ކާތަކެތި ރަގަޅަށް ކައްކައިގެން ކެއުމުން މިސާލަކަށް މަހުގެ ކުރަޑި، އެއްގަމު މަސް، ސޮސެޖް ފަދަ ތަކެތި ރަގަޅަށް ކައްކައިފިނަމަ އެފަދަ ތަކެތީގައި ހިމެނޭ ޖަރާސީމްތައް މަދުވުމަށް މެދުވެރިވެއެވެ.

ބައެއް ތަރުކާރީ އާއި މޭވާފަދަ ކާނާ ބޭނުން ކުރާއިރު ރަގަޅަށް ދޮވެގެން ނުވަތަ ހޫނު ފެނުން ދޮވެގެން ބޭނުން ކުރުން އެދެވިގެންވެއެވެ. އަނެއްބައި ތަރުކާރީ ފެނުކައްކައިގެން ވަރަށް ރަގަޅަށް ރޯ ފިލުވައިގެން ކެއުމުން ހަށިގަނޑަށް ގެއްލުން ލިބޭ ނުރަނގަޅު މާއްދާތަކުން ސަލާމަތްވެއެވެ. ގެރިމަސް ނުވަތަ ކަނޑުމަސް ވެސް ގިނައިރު ކެއްކުމަށްފަހު ތާޒާކަންމަތީ ހުއްޓާ ކެއުމަށް އާދަކުރައްވާށެވެ.

(2) ތާޒާ ކާބޯތަކެތި ބޭނުންކުރުން: ކާބޯތަކެތި ގިނައިރު ރައްކާތެރިކަމެއްނެތި ބެހެއްޓުމަކީ އޭގައި ޖަރާސީމް އަށަގަތުމަށް މަގުފަހިވާ ކަމެކެވެ. އެހެންކަމުން އެފަދަ ޙާލަތެއްގައި ހުރި އެއްޗެއް ކައިފިނަމަ ވަރަށް ފަސޭހައިން ޖަރާސީމްގެ ސަބަބުން  އިންފެކްޝަންގެ އަސަރު ހަށިގަނޑަށްކޮށް، ބޭރަށްހިންގުންމާއި ފުޑްޕޮއިންޒަން ފަދަ ބަލިތަކާއި ކުރިމަތިލާން ޖެހެއެވެ.

(3) ކާބޯތަކެތި ބޭނުންކުރުމުގެ ކުރިންނާއި ފަހުން އަތްދޮވުން : ސައިބޯނި ނުވަތަ އެނޫނަސް އެންޓި ސެޕްޓިކް ލިކުއިޑެއް ބޭނުންކޮށްގެން އަތްދޮވެ ހެދުމަކީ، އަތުގައި ހަރުލައި ނުވަތަ ތަތްވެފައި ހުންނަ ލޮލަށް ނުފެންނަ ކުދިކުދި ޖަރާސީމްތައް ނެތިކޮށްލާނެ ކަމެއްކަމަށް ޞިއްޙަތާއި ބެހޭ މާހިރުން ވިދާޅުވެއެވެ. އަތް ދޮވުމުގައި ތިމާގެ އަތަށް ފެންކޮޅެއް އަޅައިލުމުން އަތްދޮވެ ނިމުނީ ކަމަށް ދެކިލައްވާ ނަމަ، ބަލިތަކާއި ގާތްވުން އެކަށީގެންވެއެވެ. އޭގެ ބަދަލުގައި އެންމެ މަދުވެގެން 20 ސިކުންތު ވަންދެން ފެންއަޅައި ސައިބޯނި ލައިގެން އަތްދޮންނަށް އާދަކުރައްވާށެވެ.  އަތްދޮވުމުގައި މުހިއްމުކަން ދޭންޖެހޭ އެއްކަމަކީ ކާން ފެށުމުގެ ކުރިންނާއި ފަހުން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމުގެ އިތުރުން، ފާޚާނާކޮށް ނިމިގެން ވެސް ސައިބޯނި ލައިގެން ރަގަޅަށް އަތްދޮވުމެވެ. މިކަންކަމަށް ސަމާލުކަން ދެވޭނެ ނަމަ ކާބޯތަކެތީގެ ސަބަބުން ޖެހޭ ބަލިތަކުން ސަލާމަތްވުމަށް މަގުފަހިވެގެންދެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close