ރިޕޯޓް

މަބުސްތާން އާއި ރަންބުސްތާނުގެ ތަފާތަކީ ކޮބާ؟

  • މެންގޮސްޓީން ނުވަތަ މަބުސްތާން މިއީ ދިވެހިންގެ ތެރޭގައި އެހާ އާންމު ނޫން މޭވާއެއް ނަމަވެސް، މިއީ އަނގަޔަށް މީރު ހަށިގަނޑަށް ފައިދާކުރަނިވި މޭވާއެކެވެ. މި މޭވާއަކީ އިންޑޮނޭޝިއާއިން އަލަށް ތަޢާރަފުވި ނަމަވެސް، މިހާރު ދެކުނު އޭޝިއާގެ އެތައް ޤައުމަކުން ލިބޭ މޭވާގެ ބާވަތެކެވެ. މަބުސްތާން އަކީ، ހިންދީ ނަމުން ނަމަ މަންގުސްތާން، ތެލުގޫ ނަމުން ނަމަ އިވަރުމަމިދީ، މަލަޔާލަމް ނަމުން ނަމަ ކާއްޓަމްޕި، ބެންގާލީ ނަމުން ނަމަ ކާއޯ، ގުޖުރާތީ ނަމުން ނަމަ ކޮކަމް އަދި މަރާތީ ނަމުން ނަމަ ރަތަމްބާ އެވެ. އަދި ދިވެހިން މިއަށް ކިޔައި އުޅެނީ މަބުސްތާންއެވެ.
މަބުސްތާން

މިއާއި ހިލާފަށް ރަންބުސްތާނަކީ ދިވެހިންގެ ތެރޭގައި ވެސް އާންމު، އަނގަޔަށް މީރު ފޮނި މޭވާ އެކެވެ. މި މޭވާގައި ހަށިގަނޑަށް ފައިދާހުރި ގިނަ ބާވަތްތަކެއް އެކުލެވިގެންވެއެވެ. އޭގެ ތެރޭގައި ވިޓަމިން އާއި މައުދަންތައް ހިމެނެއެވެ. މި މޭވާ އާންމުކޮށް މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ފަންޏާއި ސަރުބަތު ތައްޔާރުކޮށްގެން ވެސް ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ. ރަންބުސްތާނުގެ ކޮންމެ 100 ގްރާމެއްގައި ހަކަތައިގެ 82 ކިލޯކެލަރީ ހިމެނެއެވެ. އަދި ކޮންމެ 100 ގްރާމެއްގައި ޕްރޮޓީންގެ 21 ގްރާމް ހިމެނިފައިވާ އިރު ވިޓަމިން ސީ ގެ 59.4 މިލިގްރާމް ހިމެނިފައިވެއެވެ.

ރަމްބުސްތާން

މަބުސްތާން އަކީ ދެކުނު އޭޝިއާގެ އެތައް ޤައުމެއްގައި އޭގެ އެކި ބައިތައް ބޭސްފަރުވާގައި ބޭނުންކުރާ މޭވާއެކެވެ. މަބުސްތާންގެ ސިއްޙީ ފައިދާތައް 18 ވަނަ ޤަރުނުގައި ވަނީ ސާބިތުވެފައެވެ. މަބުސްތާންގެ އިތުރުން އޭގެ ގަސްވެސް އަންނަނީ ބޭސްފަރުވާގެ ކަންކަމުގައި ބޭނުންކުރެވެމުންނެވެ. މަބުސްތާންއިން ލިބޭ ފައިދާތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި؛


1. ވިޓަމިން ސީ

މަބުސްތާން އަކީ ވިޓަމިން ސީ މާއްދާ ވަރަށް ބޮޑަށް އެކުލެވޭ މޭވާއެކެވެ. އެހެންކަމުން، ބަލިތަކުން ސަލާމަތްވެ ބަލި ޖެހުމުން މަގުފަހިވުމުގެ ފުރުސަތު ބޮޑުވެއެވެ.


2. ލޭ ދައުރުވުން

މަބުސްތާން އަކީ ރެޑްބްލަޑް ސެލްސް އުފެއްދުމަށް އެހީވެދޭ މޭވާއެކެވެ. އެނީމިއާ ޖެހުމުން ރައްކާތެރިކޮށްދޭ މި މޭވާއަކީ ހިތުގެ މައްސަލަތަކަށާއި، މޭގައި ރިއްސުން ފަދަ ކަންކަމަށް ވަރަށް ރަނގަޅު މޭވާއެކެވެ. މީގެ އިތުރުން، ލޭ ހޮޅިތަށް ބޮޑުކޮށްދީ ލޭ ދައުރުވުމަށް ފަސޭހަކޮށްދެއެވެ. އަދި ލޭހިނގުން އަވަސްކޮށްދީ ހަށިގަނޑުގެ އެކި ބައިތަކަށް ލޭ ދައުރުވާވަރު އިތުރުކޮށްދެއެވެ. އަދި ލޮލަށް ލޭ ދައުރުވާލެއް ގިނަވުމުގެ ސަބަބުން، އަދި މި މޭވާގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން ލޮލުގެ ފެނުން ރަނގަޅުކޮށްދޭކަމަށް ދިރާސާތަކުން ދައްކައެވެ.


3. ކޮލެސްޓްރޯލް

މަބުސްތާންގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން ކޮލެސްޓްރޯލް ދައްކޮށްދެއެވެ. އަދި ހިތް ރަނގަޅަށް މަސައްކަތް ކުރަން އެހީވެދެއެވެ.


4. ޓީބީ

އިންސާނާގެ ދިފާއީ ނިޒާމު ބާރުގަދަ ކޮށްދޭ މި މޭވާ ގެ ސަބަބުން ބެކްޓީރިއާތައް އަދި ފަންގަސް ނައްތާލަން އެހީވެދެއެވެ.


5. ކެންސަރު

މި މޭވާއަކީ ކެންސަރު ބަލިންވެސް ރައްކާތެރިކޮށްދޭ މޭވާއެކެވެ.


6. ލޭމައްޗަށް ދިއުން

މަބުސްތާންގައި އެކި ވައްތަރުގެ މިނެރަލްސް އެކުލެވިގެންވުން އެއީ އެ މޭވާއިން އެތަކެއް ފައިދާތަކެއް ކުރުވާ ކަމެކެވެ. އެ މޭވާގައި އެކުލެވޭ މިނެރަލްސް ތަކުގެ ތެރޭގައި، ކޮޕާ، މެންގެނީޒް އަދި މެގްނީޒިއަމް ޕޮޓޭޝިއަމްގެ ސަބަބުން، ހާރޓް އެޓޭކް، ސްޓްރޯކް ފަދަ ނުރައްކާތެރި ކުއްލި ބަލިތަކުން ސަލާމަތްކޮށްދީ، ލޭގެ ޕްރެޝާ ދަށްކޮށްދެއެވެ.

މިދެ މޭވާ އަޅާ ގަހަކީވެސް ވަރަށް ތަފާތު ދެ ގަހެކެވެ.

ރަންބުސްތާނުން ލިބޭ ފައިދާތަކަކީ ކޮބާ؟

ރަންބުސްތާނުން ލިބޭ ފައިދާތަކަށް ބަލާއިރު މިމޭވާގައި ވިޓަމިން ސީ މަތީ މިންވަރަކަށް ހުންނާތީ މިމޭވާ އާއި މެދު ބެލެވެނީ އެންޓި-އޮކްސިޑެންޓް ހަށިގަނޑަށް ލިއްބައިދޭ މަޞްދަރެއްގެ ގޮތުގައެވެ. އެންޓި-އޮކްސިޑެންޓަކީ ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދޭ އެއްޗެކެވެ. ލޭގެ ރަތް ސެލްތަކާއި، ހުދު ސެލްތައް އުފެއްދުމަށް ބޭނުންވާ ދަގަނޑާއި، ކޮޕަރ ކާނާއިން ހަށިގަނޑަށް ނެގުމަށް ވެސް ވިޓަމިން ސީ ގެ ބޭނުން ހިފަން ޖެހެއެވެ.

ރަންބުސްތާނުގައި ޖަރާސީމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު އެކުލެވިގެން ވެއެވެ. ނަތީޖާއެއްގެ ގޮތުން ޖަރާސީމްގެ ސަބަބުން ޖެހޭ ބަލިތަކާއި ދެކޮޅަށް މަސައްކަތްކުރުމާއި، ހަށިގަނޑަށް ވަންނަ ޖަރާސީމްތަކާއި ހަނގުރާމަކޮށް، އެނައްތާލުމުގެ ބާރު ރަންބުސްތާނު ބޭނުންކުރުމުން ލިބިގެން ދެއެވެ.

ހަށިގަނޑުގެ ސަރުބީ ވިރުވައިދީ، ހަން ފަށަލަ އޮމާންކޮށްދީ، އިސްތަށީގެ ދުޅަހެޔޮކަން ދަމަހައްޓައިދީ، އަދި ހަކުރު ބައްޔާއި، ބޭރަށްހިންގުން ފަދަ ބަލިތަކަށް ލުއިކަން ގެނެސްދިނުމުގައި އެހީތެރިވެދޭ މޭވާ އެކެވެ. މިއީ ވިޓަމިން ސީ، ވިޓަމިންއޭ، މެގްނީޒިއަމް، ޒިންކް، ސޯޑިއަމް، ކެލްސިއަމް،ފޮސްފަރަސް، ނިއެސިން، ދަގަނޑާއި، ޕްރޮޓީން، އަދި ފައިބަރު އެކުލެވޭ މޭވާ އެއް ވެސް މެއެވެ.

ރަމްބުސްތާން ގަހެއްގައި ރަމްބުސްތާން އަޅާފައި

ރަންބުސްތާނު އާއިލާއަށް ނިސްބަތްވާ މޭވާތަކުގެ ތެރެއިން މޭވާ ބޭނުންކުރުމަކީ ލޭގެ ޕްރެޝަރު ދަށްކޮށްދޭ ކަމެކެވެ. މެންގަނީޒް އަކީ ހަށިގަނޑުގައި ހިނގާ ތަފާތު މަސައްކަތްތައް ފުރިހަމަކުރުމަށް ބޭނުންވާ އެންޒައިމްތައް އުފެއްދުމުގައި ބޭނުންތެރި މާއްދާ އެކެވެ.

ރަންބުސްތާނުގައި ހަކުރު ވަރަށް ގިނައިން ހުރެއެވެ. މައިގަނޑު ގޮތެއްގައި ހުންނަނީ ފްރަކްޓޯސް އަދި ސަކްރޯސް އެވެ. މިއީ ކެލަރީ މަދު މޭވާއެކެވެ. އެއީ ގާތްގަނޑަކަށް މޭވާއެއްގައި 60 ކިލޯ ކެލަރީ އެވެ.

މެލޭޝިޔާ އަދި އިންޑޮނޭޝިޔާ ފަދަ ގައުމުތަކުގައި ހަކުރު ބަލި، ލޭމައްޗަށްދިއުން، ފަދަ ބަލިތަކަށް، ޒަމާންތަކެއް ވަންދެން ރަންބުސްތާނުގެ އެހީގައި ފަރުވާކޮށްފައި ވެއެވެ. ތައިލޭންޑްގެ ޗިއާންގ މާއި ޔުނިވަސިޓީ އިން ކުރިން ދިރާސާތަކުން އެނގުނުގޮތުގައި، ރަންބުސްތާނުގައި ގަސްގަހާ ގެހިން ލިބޭ އެންޓި-އޮކްސިޑެންޓެއް ކަމުގައިވާ ފްލޭވޮނޮއިޑް ހުރެއެވެ.

ރަންބުސްތާނުގައި ވިޓަމިން ސީ ގިނައިން ހުރުމުން ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ދެއެވެ. ދިފާޢީ ބާރު ވަރުގަދަކޮށް ދެއެވެ. ހަމާއި، ތެތްދުލިފަށަލަ ތައް ވަރުގަދަކޮށް ދިނުމުގެ އިތުރުން ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކުރެއެވެ. އަދި ކެންސަރުން ހިމާޔަތް ކުރެއެވެ. އަރިދަފުސް ރޯގާ ފަދަ ތަފާތު ބަލިތަކުން ދުރުކޮށް ދެއެވެ.އަދި ހަށިގަނޑުގައި ހެދޭ ފާރުގަނޑުތައް އަވަހަށް ފަސޭހަވެ އެވެ. ދަގަނޑު ހަށިގަނޑަށް ނެގުމަށް މަގުފަހިކުރެއެވެ. މި މޭވާގައި ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ. އަދި ވައިރަސްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ. ރަންބުސްތާން ހަށިގަނޑުގެ ސެލްތައް ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް އެހީތެރިވެދެއެވެ.

މަބުސްތާން ގަހެއްގައި މަބުސްތާން އަޅާފައި

މައުލޫމާތު: ގޫގުލް އަދި  ޑރ. ޢަބްދުލް ޢަޒީޒު ޙަމީދުގެ ލިޔުމަކުން އަދި ޓްރެންޑިންރެޑް.ކޮމް އިން

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close