ރިޕޯޓް

ދިވެހިންނަކީ އަބަދުވެސް އެއްބައިވަންތަ ބައެކެވެ!!!

ލިޔުނީ: މުޙަންމަދު މައިޝަން / ގުރޭޑް 9 / 2019

އާދައިގެ މަތިން ދުފާ ކިބާރު އުނގު މައްޗަށް ލައިގެން ޓީވީ ދޮށުގައި އިށީނީ 8 ގެ ޚަބަރު ބަލާލާށެވެ. ފޯއްކިބަ ކޮށާ ކުދިކޮށްލާފައި އަނގައަށް ލީ ބިލެއް ކޮޅަކާއި ހުނި ކޮޅަކާއިވެސް އެކީއެވެ.

ޓީވީ ހުރީ ހުޅުވާފައެވެ.މިނެޓެއް ހާއިރު އިސްތިހާރު ދެއްކުމަށްފަހު ޚަބަރު ފެށުނެވެ.ދެކެވެނީ މުޅިންވެސް އެއްވާހަކައެކެވެ. ޤައުމުގައި އޮތް ނުތަނަވަސް ކަމާއި ހަމަނުޖެހުމުގެ ވާހަކައެވެ.ވައްކަމާއި އަރާރުމާއި މިނޫނަސް އެތަކެއް ނުބައި ނުލަފާ ކުށަކަށް އަރައިގަންނަމުންދާ ކުޑަ ކުދިންގެ ވާހަކައެވެ.ޤައުމު ބައިބައި ވެފައިވާ މިންވަރުގެ ވާހަކައެވެ.

އަހަރެންގެ  ކަންފަތަށް މިއިވެނީ ހަމަ ރަނގަޅު އަޑުތަކެއްހެވެ؟ މިފެންނަނީ ހަމަ ޙަޤިޤީ މަންޒަރު ބާއެވެ؟ ނޫނީ މިއި ކުރެވޭ ޚިޔާލެއް ބާއެވެ؟ ކުރީގައި ރަސްކަމުގެ މައި ގޯތި ކަމުގައި ވެފައި އޮތް ރަށް މިހާރު މިވަނީ ކުށް ކުރުމުގެ ހާއްޔަކަށް ވެފައެވެ.

އާނއެކެވެ. މިފެންނަނީ ހަމަ ރަނގަޅު މަންޒަރު ތަކެކެވެ. އިވެނީ ހަމަ ރަނގަޅު އަޑުތަކެކެވެ. ނަމަވެސް މިކަންކަމަކީ ހައްލު ނުވާނެ މައްސަލަތަކެކޭ ނުބުނެވޭނެއެވެ. މާޒީގައިވެސް ދިވެހިންވަނީ ރިވެތި އަޚުލާޤާއި އެއްބައިވަންތަކަމުގެ ލަމަސީލު ނަމުނާތަކެއް ދައްކާފައެވެ.އިސްލާމް ދީނުގެ ދިފާޢުގައި އެތަކެއް ދިވެހި ދަރިންނެއްގެ ލޭވަނީ މިފަސްގަނޑަށް އޮހޮރުވާލެވިފައެވެ.

އެގޮތުން މިފަހަކަށް އައިސް ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ހިތާމަވެރި ހާދިސާ ކަމަށްވާ 26-ޑިސެމްބަރ-2004 އަކީ ދިވެހިންނަކީ އަބަދުވެސް އެއްބައިވަންތަ ބައެއް ކަން އަންގައިދިން ލާމަސީލު ހެއްކެކެވެ.އެދުވަހު މުޅި ރާއްޖެ އެކީ އެކައްޗަކަށް ނިކުތީ ސުނާމީގެ ކާރިސާއިން ގެއްލުން ލިބުނު މީހުން  އެހީ ފޯރު ކޯށްދީ، ގެއްލިފައިވާ މީހުން ހޯދާ އަނިޔާ ލިބިފައިވާ މީހުންނަށް އެހީ ފޯރުކޮށްދޭށެވެ.

3-ނޮވެމްބަރ-1988 ގައިވެސް ކަންތައް ހިނގާ ދިޔައީ މިކަހަލަ ގޮތަކަށެވެ. އޭރުގެ މުއާސަލާތީ ވަސީލަތްތައް ކިތޭ މަދު ނަމަވެސް މާލެއަށް ދެވުނު އުދުވާނީ ހަމަލާގެ ވާހަކަ މުޅި ރާއްޖެއަށް ފެތުރިގެން ދިޔައީ އޭރު ތިބި ދިވެހިންގެ އެއްބައިވަންތަ ކަމުގެ ސަބަބުނަކަން ޔަޤީނެވެ. އެދުވަހު މުޅި ސިފައިންގެ ލަޝްކަރާއި އާންމު ރައްޔިތުން އަތު ގުޅާލީ ދިވެހިންގެ މިނިވަންކަމާއި އިސްތިޤުލާލުގެ ދިފާޢުގައެވެ.

2008 ވަނަ އަހަރުވެސް ހަމަ މިފަދަ ކަމެއް ހިނގިއެވެ. ސާފު ޗެމްޕިއަންޝިޕް ތަށި ރާއްޖޭގެ ފަޚުރުވެރި ދިވެހި ދަރީން އުފުލާލި ދުވަހު މުޅި ރާއްޖެ ހޭލީ އެދަރިންނަށް މަރުހަބާ ކިޔުމަށެވެ. މުޅި ރާއްޖޭގެ ރައްޔިތުން އަތިރިމަތި ތަކަށް ނިކުތީ އެރީތި ރީތި ރަންކުލައިގެ ތަށީގައި އަތްލުމަށެވެ. އޭގައި ފިރުމާލައި ބޮސް ދިނުމުގެ އުންމީދުގައެވެ. އެ ފަޚުރުވެރި ނިޝާނާއި އެކުގައި ފޮޓޯއެއް ނަގާލުމަށެވެ.

މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ދިވެހިންގެ ދިވެހި ވަންތަ ކަމުގެ ރަން ޒަމާނުގައިވެސް އެތައް ފަހަރަކު ދިވެހި ރައްޔިތުން އެކަތި ގަނޑެއްގެ ގޮތުގައި ވަނީ ނިކުމެފައެވެ. އޭރު މިޒަމާން ފަދައިން ފުދުންތެރިކަމެއްވެސް ނޯވެއެވެ. އެއާއެކު މިހާރު ގޮތަށް ވައްކަމާއި ފޭރުމެއްވެސް ނޯވެއެވެ. ހުރިހާ ދިމާލަކުން ފެންނާނީ އެކުވެރި ކަމެވެ. އުފަލާއި ހިތްހަމަޖެހުމެވެ.

މިޒަމާނުގައި އެގޮތަށް ނުވަނީ ކީއްވެ ބާއެވެ. ޒަމާނީ ޓެކްނޮލޮޖީ އާއި ވަސިލަތްތަކުގެ ބޭނުންކޮށްގެން ގުޅުންތައް ދެމެހެއްޓެން އޮއްވާ އެގުޅުންތައް ކަނޑާލަނީ ކީއްވެ ބާއެވެ.؟ އޭރު އޮތް ރިވެތި އަޚުލާޤު މިހާރު ގިނަ ދިވެހިންގެ ކިބައިން ނުފެންނަނީ ކީއްވެ ބާއެވެ؟ އޭރު އޮތް ރަންޒަމާން އަލުން ފެންނާނެ ބާއެވެ؟ އަހަރެންގެ ދުޢާއަކީ އެދުވަސްތައް އަނބުރާ ލިބުމެވެ.

މިޚިޔާލު ތަކުން އަހަރެން ނެރެ އެއްލާލީ އިސްތިހާރުގެ ގަދަ އަޑުފައް ގަނޑަކުންނެވެ. ބޯ ކަހަމުން ގޮސް ކާގެއަށް ވަނީ ހައި ވެފައިވާ އަހަރެންގެ ބަނޑުގެ އެދުންތައް ފުއްދައި ދިނުމަށެވެ.

-ނިމުނީ-

އެއް ކޮމެންޓް

  1. ވަރަށް ފެންވަރު ރަނގަޅު ލިޔުމެއް. ގުރޭޑް 9 ގައި އުޅެމުންވެސް ތިޔަކުރާ ހިތްވަރަށް ސާބަސްދެން. ވަރަށް އަވަހަށް އިތުރު ލިޔުމެއް ފެންނާނެކަމަށް އުންމީދުކުރަން

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close