ރިޕޯޓް

ބައެއް ޤާނޫނުތަކާއި، ޤަވާޢިދުތަކަކީ މިހާރުންމިހާރަށް އުވާލަންޖެހޭ ތަކެއްޗެވެ.

ޤާނޫނުތަކާއި ޤަވާއިދުތަކާއި ޢުޞޫލުތައް ނަގަހައްޓާ ހިނގުމަކީ މަސްޢޫލުވެރިންގެ ޒިންމާއެކެވެ. އަދި ވަކިންޚާއްޞަކޮށް ޤާނޫނުތަކާ ޤަވާޢިދުތައް ތަންފީޒުކުރައްވަން ތިއްބަވާ މުއައްސަސާތަކުގެ ބޮޑު ވާޖިބެކެވެ.  މިއީ އަޅުގަނޑުމެން އެންމެންވެސް އެއްބަސްވާ ޙަޤީޤަތެކެވެ.

ނަމަވެސް ބައެއްކަހަލަ ޤަވާޢިދު ތަކާއި ޤާނޫނުތަކަކީ އަހަރެމެން އަމިއްލައަތުން އުފައްދާ ލިޔެ ތަސްދީޤުކުރާ ތަކެއްޗަށް ވާހިނދު ޒަމާނަށް އަންނަ ބަދަލާއި މީހުންގެ ވިސްނުމުގެ ފެންވަރަށް އަންނަ ބަދަލުތަކާއި ގުޅިގެން އުވާލަންޖެހޭ ތަކެއްޗެވެ.  އެތަކެއްޗަށް ގެންނަންޖެހޭ ބަދަލުތައް ނުގެނެސް ނުވަތަ އުވައިނުލައި ކަންކަމުގައި މައްސަލަ ޖެހި ފުށޫއަރާ ހަމަނުޖެހުންތަކަށް ޖާގަ ދޭންވީ ސަބަބަކީ ކޮބައިބާއެވެ. މިއީ ސުވާލުއުފެދޭ އަދި ސުވާލު އުފައްދަން ބޭނުންވާ މުހިއްމު އެއްޕޮއިންޓެވެ.

ޖަމިއްޔަތުއް ސަލަފްއިން ޢަރަބިއްޔާ ސްކޫލުގައި ބާއްވަން އުޅުނު ދަރުހަކަށް އިސްލާމިކް މިނިސްޓްރީން ހުރަސް އެޅި ކަމަށްބުނާ މައްސަލައަށް ވިސްނާލަމާތޯއެވެ. ސޯޝަލް ބައެއް މީޑިއާތަކުގައި މިކަމާގުޅިގެން ބައެއްފަރާތްތަކުން ފަތުރަމުންދާ ޚަބަރުތަކާމެދު ފުންނަޒަކުން ޚިޔާލުކޮށްލަމާތޯއެވެ. ބައެއް ބޭފުޅުން ވިދާޅުވާގޮތުންނަމަ އިސްލާމިކް މިނިސްޓްރީން ހުއްދަ ދެއްވާފައިވާ ޢިލްމްވެރިން މެދުވެރިކޮށް ބާއްވާ ދަރުސްތަކަށް އަލުން އަނެއްކާ ހަމަ އެމިނިސްޓްރީން ހަމަ އެ އިލްމްވެރިން އެހެން ހުއްދައެއް ނަގަން ޖެހޭނެ ސަބަބެއްނެތެވެ. އަނެއްކޮޅުން ވިސްނާއިރު ކުރަންމިއުޅޭކަމަކީ އިސްލާމްދީނަށާއި، ދިވެހި މުޖުތަމަޢުއަށް ލާބައާއި ފައިދާއާއި މަންފާކުރުވަނިވި ހެޔޮ ކަމެކެވެ. މިއީ ދީނާ ޚިލާފު ނުވަތަ ޤާނޫނު ތަކާއި ޚިލާފު ކަމެއްވެއްވެސް ނޫނެވެ.

ގުޅުންހުރި ލިޔުންތައް

ޢާމުންގެ ވިސްނުން މިބީދައިން ހުރިއިރު އެމައްސަލައިގައި އިސްލާމިކް މިނިސްޓްރީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމާއި ދީނީ ޝިޢާރުތައް ފާޅު ކުރުމުގެ ބެލެނެވެރި ފަރާތަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް ކަމަށެވެ. އަދި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެ މިނިސްޓްރީން ނެރުނު ސަރކިއުލާއެއްގައި ރާއްޖޭގެ އެއްވެސް ތަނެއްގައި ދީނީ ނަޞޭޙަތް ދޭނަމަ އިސްލާމިކް މިނިސްޓްރީގެ ހުއްދަ ނަގަން ޖެހޭނެ ކަމަށް ބުނެފައިވާނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ސުވާލަކީ ޖަމިއްޔަތުއް ސަލަފުން ޢަރަބިއްޔާ ސްކޫލުގައި ބާއްވަން އުޅުނު ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަނަވާ ޢިލްމްވެރިންނަކީ ދިވެހިރާއްޖޭގައި ޢާއްމުންގެ މެދުގައި ދަރުސްދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދެއްވައިފައިނެތް ބޭފުންތޯއެވެ. ޖަވާބަކީ ނޫނެކެވެ. އެބޭފުޅުންނަކީ ދިވެހިރާއްޖޭގައި ތިއްބެވި އެންމެ ފުންނާބު އުސް ދީނީ ޢިލްމްވެރިންނެވެ. އަދި އެބޭފުޅުންގެ ދަރުސްތައް އެތައްފަހަރަކު އެތައްބަޔަކު އަޑުއަހައި އެތައްގޮތަކުން މަޤުބޫލުކަން ލިބިލައްވާފައިވާ ބޭފުޅުންނެވެ. ވީއިރު އަލުން އަނެއްކާ ނަގަންޖެހޭ ހުއްދައަކީ ކޮބައިތޯއެވެ.

ދެން މިހިސާބުން އުފެދޭ އަނެއްސުވާލަކީ ޖަމިއްޔަތުއް ސަލަފްއިން މިދިޔަ ހުކުރު ދުވަހު ޢަރަބިއްޔާ ސްކޫލުގައި ބާއްވަން އުޅުނު ދަރުހަކީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުޞޫލުން ބޭރުން، ހުއްދައެއް ނެގުމަކާއި ނުލައި ބާއްވަން މަސައްކަތްކުރި ދަރުހެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނާމައްސަލައެވެ. އަދި އިސްލާމިކް މިނިސްޓްރީން ހުއްދަ ނުނަގާ ޖަމިއްޔަތުއް ސަލަފްއިން ދަރުސް ބާއްވަން މަސައްކަތް ކުރަމުން ދިއުމުގެ ސަބަބުން އެ މިނިސްޓްރީއަށް އެކަމުގެ ޝަކުވާ ލިބެމުން ދިޔަ ކަމަށްބުނާ ވާހަކައެވެ.

މިހެން މިކަން މިދިމާވީ އުވާލަންޖެހޭ އަދި ތާކުންތާކު ނުޖެހޭ ، ޒަމާނުއްސުރެ އެމިނިސްޓްރީގައި އޮވެ ބައެއް ފަހަރަށް ތަންފީޒުކޮށް އަނެއްބައި ފަހަރު ތަންފީޒުނުކުރާ ޤަވާއިދެއް އޮތުމުގެ ސަބަބުން ދިމާވި މައްސަލައެއް ނޫންތޯއެވެ. އަޅުގަނޑަށް ވިސްނޭގޮތުގައި އެ ޤަވާޢިދަކީ މިހާރުން މިހާރަށް އުވާލަންޖެހޭ ޤަވާޢިދެކެވެ. ނުވަތަ އިސްލާޙްކުރަންޖެހޭ ޤަވާއިދެކެވެ.

އަޅުގަނޑުމެން އެންމެންވެސް މަސައްކަތްކުރަންވާނީ އަމަންއަމާންކަން ޤާއިމްވެފައިވާ ވެއްޓެއްގެ ތެރޭގައި ވިސްނުންތެރިކަމާއެކު ކުރިއަށް ދެވޭތޯއެވެ. އެހެންކަމަށްވާއިރު ދަރުސް ބާއްވަން ބޭނުންވާ ބޭފުޅުން އިސްލާމިކް މިނިސްޓްރީގެ ހުއްދައެއް ނެގުމަށް ތަކުރާރުކޮށް އަންގަމުންދާއިރުވެސް އެވިދާޅުވާ ހުއްދަ ނުނަންގަވާ ދަރުސްބާއްވަން އެ އުޅުއްވަނީ ކީއްވެގެންތޯއެވެ. މިކަމުގައި އެއްވެސް ފުށުއެރުމެއް ނެތެއްނޫންތޯއެވެ. އެހެންކަންކަންވެސް ހުއްދަނަގައިގެން ކުރާ އުޞޫލުން މިކަންވެސް ކުރާންވީނޫންތޯއެވެ. އެ ޤަވާޢިދު އުވާލަންދެން ނުވަތަ އިސްލާހްވަންދެން އެއާއި އެއްގޮތަށް ޢަމަލުކުރުން ކީއްތޯއެވެ.

އިސްލާމިކް މިނިސްޓްރީއާއި، ދީނީ ޖަމިއްޔާތަކަކީ އެއް ވިސްނުމެއްގައި އެއް ލަނޑުދަނޑިއެއް ޙާޞިލް ކުރުމަށްޓަކައި އެކުގައި މަސައްކަތް ކުރަންޖެހިފައިވާ ފަރާތްތަކެއްނޫންތޯއެވެ. ޤައުމު ބައިބައިވިޔަ ނުދީ ޚާއްޞަކޮށް ދީނީ ވަޙްދަތު ފުނޑުފުނޑުވިޔަ ނުދީ އަޅުގަނޑުމެން އެންމެން އެކައްޗެއްކިޔައި އެއްބައިވެގެން އެކުގައި މަސައްކަތްކޮށް، އިސްލާޙްކުރަންޖެހޭ ޤަޥާޢިދެއްވިޔަސް އަދި ޤާނޫނެއްވިޔަސް އިސްލާޙްކޮށް ހަމަ މަގަކަށް އެޅުވޭތޯ މަސައްކަތްކުރަމާ ހިންގަވާށެވެ. ފަލާޙާ ކާމިޔާބުލިބޭނީ އެކުވެރިކަމާއި، އެއްބައިވަންތަކަމާއެކު ﷲގެ މަގުގައި ޖިހާދުކޮށް މަސައްކަތްކޮށްގެންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close