ނިމިދިޔަ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން މުބާރާތުގައި ދިއްދޫ ސްޕޯޓްސް ކްލަބަށް ތާރީޚީ ކާމިޔާބީއެއް ހޯދައިދީ، ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް އެ ޓީމު ކޮލިފައިކޮށްދިން ކޯޗު މޫސާ އިބްރާހިމް (މުސްތަޓޭ) އަލުން އެ ޓީމުގެ ކޯޗުކަމާ ހަވާލުވެއްޖެއެވެ.
ލީގުގެ ޖާގަ ކަށަވަރުކުރުމަށްފަހު އޭނާ ކުރިން ޓީމާ ދުރަށް ޖެހިލި ނަމަވެސް، ކުރިއަށް އޮތް ޕްރިމިއާ ލީގު ސީޒަނުގައިވެސް ދިއްދޫއިން ވާދަކުރާނީ އޭނާގެ އިރުޝާދުގެ ދަށުންނެވެ.
އޭއެފްސީ ބީ ލައިސަންސް ހާސިލުކޮށްފައިވާ ނ. ހޮޅުދޫއަށް ނިސްބަތްވާ މުސްތަޓޭއަކީ އެފްއޭއެމް އަތޮޅު މުބާރާތުން ފެށިގެން ރީޖަނަލް ލީގާއި ލީގު ކޮލިފިކޭޝަނާ ހަމައަށް ދިއްދޫ ގޮވައިގެން ބުރަ މަސައްކަތްތަކެއްކޮށް، ފުރަތަމަ ޑިވިޝަނާ ހަމައަށް އެ ޓީމު ގެންގޮސްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި ފަރާތެވެ.
ހާއްސަކޮށް، ހަ ޓީމުގެ މެދުގައި ކުޅެވުނު ވަދެކެތި ފޯރިގަދަ ކޮލިފިކޭޝަން ނިމުނުއިރު ގަދަ ތިން ޓީމަށްވެސް 10 ޕޮއިންޓް ލިބިގެން ފައިދާ ގޯލުން ތިންވަނަ ޓީމުގެ ގޮތުގައި ދިއްދޫއިން ލީގުގެ ޖާގަ ހޯދިއިރު، މުސްތަޓޭގެ ކޯޗިން ބެކްގްރައުންޑްގައި ފުޓްސަލްގެ ބޮޑެތި މުބާރާތްތަކުން ހޯދާފައިވާ ކާމިޔާބީތައްވެސް ފާހަގަކޮށްލެވެއެވެ.
އަލުން ޓީމާ ހަވާލުވުމަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި މުސްތަޓޭ ވަނީ ދިއްދޫގެ ސަޕޯޓަރުންނާއި މުޅި ކޮމިއުނިޓީއިން އޭނާއަށް ދޭ ލޯތްބާއި ކުރާ އިތުބާރަށް ފުން ހިތަކުން ޝުކުރު އަދާކޮށް، މިއީ އޭނާގެ ކޯޗިން ހަޔާތުގައި އާ ޗެލެންޖަކާއި އާ ފެށުމެއްގެ އިތުރުން ދެކެމުންއައި ބޮޑު ހުވަފެނެއްގެ ފެށުންކަން ފާހަގަކޮށްފައެވެ.
މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫގެ ހޯމް މެޗުތައް އެ ރަށު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވީ ނަމަވެސް، ލީގުގައި އެ ގްރޫޕުގެ ފުރަތަމަ މެޗަށް އެ ޓީމު ނުކުންނާނީ މި މަހުގެ 12 ވަނަ ދުވަހު މާލޭ ގަލޮޅު ރަސްމީ ބޯޅަދަނޑުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...