ޚަބަރު ރައީސް މުއިއްޒުގެ ސިޔާސަތުތަކުން އިގްތިސޯދު 20 އަހަރު ފަހަތަށް ޖެހިއްޖެ: ފައްޔާޒު

ރައީސް މުއިއްޒުގެ ސިޔާސަތުތަކުން އިގްތިސޯދު 20 އަހަރު ފަހަތަށް ޖެހިއްޖެ: ފައްޔާޒު

ރައީސް މުއިއްޒުގެ ސިޔާސަތުތަކުން އިގްތިސޯދު 20 އަހަރު ފަހަތަށް ޖެހިއްޖެ: ފައްޔާޒު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރައީސް މުހައްމަދު މުއިއްޒު ތަންފީޒު ކުރައްވަމުން ގެންދަވާ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު 15 އާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ފަހަތަށް ހިނގައްޖެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، ފާއިތުވި ތިން އަހަރު ސަރުކާރުން ކަންކަން ކުރި ގޮތުން ގިނަ ޖީލުތަކެއްގެ ބުރަ މަސައްކަތުން އުފައްދާފައިވާ ގިނަ ވިޔަފާރިތަކެއް ފުނޑިގެން ގޮސްފައިވާ ކަމަށެވެ. އަދި އެ ވިޔަފާރިތައް އަލުން ކޮޅަށް ޖެހުމަކީ ގިނަ ދުވަހުގެ މަސައްކަތެއް ކަމަށާއި، މިއީ ގައުމުގެ އިގްތިސޯދަށް ލިބުނު ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއްގެ ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ނޭވާއެއް ލެވެން އޮތް ހަމައެކަނި ދާއިރާއަކީ ޓޫރިޒަމް ކަމަށްވާއިރު، އެ ދާއިރާ ވެސް ސަރުކާރުން ފުނޑާލަމުންދާ ކަމަށް ފައްޔާޒު ތުހުމަތު ކުރެއްވިއެވެ. ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރަން މަޖުބޫރު ކުރުމުން، މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ކުރިން ޑޮލަރުގެ ވަކި މިންވަރެއް އާންމު މުވައްޒަފުންގެ ބޭނުންތަކަށާއި ޕްރައިވެޓް ސެކްޓާއަށް ލިބުނު ކަމުގައި ވިޔަސް، މިހާރު 20 އިންސައްތައާއި 40 އިންސައްތަ މާރުކުރަން މަޖުބޫރުކޮށްގެން ސަރުކާރުން ކުރާ ކަމަކީ އެ ފައިސާ އެ މީހުން ބޭނުންވާ ވަކި ވިޔަފާރިތަކަކަށް ދިނުން ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ. އަދި ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުތަކުން ލިމިޓް ކެނޑެމުންދާ މައްސަލައިގައި ސަރުކާރުން ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވެ އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ގާނޫނުތަކާއި ގަވައިދުތައް ބަދަލުކޮށްގެން ޓޫރިޒަމް ދާއިރާއަށް ތަފާތު އުނދަގޫތައް ކުރިމަތިކުރުން ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންނަކީ ގައުމުގެ ހަލާކުގެ ގޮތުގައި ދެއްކުމަށް އެކި ޕްލެޓްފޯމުތަކުގައި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޓެގް

ފައްޔާޒު އެމްޑީޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.