ބޭރުދުނިޔެ ނޭޕާލުގައި ފެންބޮޑުވެ ކިސަޑުތަކުގެ ދަށުގައި ތާށިވި 6 އަހަރުގެ ކުއްޖަކު 3 ދުވަސް ފަހުން ދިރިހުއްޓާ ސަލާމަތްކޮށްފި

ނޭޕާލުގައި ފެންބޮޑުވެ ކިސަޑުތަކުގެ ދަށުގައި ތާށިވި 6 އަހަރުގެ ކުއްޖަކު 3 ދުވަސް ފަހުން ދިރިހުއްޓާ ސަލާމަތްކޮށްފި

ނޭޕާލުގައި ފެންބޮޑުވެ ކިސަޑުތަކުގެ ދަށުގައި ތާށިވި 6 އަހަރުގެ ކުއްޖަކު 3 ދުވަސް ފަހުން ދިރިހުއްޓާ ސަލާމަތްކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ނޭޕާލުގެ ރަސުވާ ޑިސްޓްރިކްޓަށް ކުރިމަތިވި ވިއްސާރައިގައި ބޮޓޭ ކޯޝީ ކޯރު ފުރިބަންޑުންވެ، ކިސަޑާއި ކުނިބުނީގެ ދަށުގައި 3 ދުވަސް ވަންދެން ތާށިވެފައި އޮތް 6 އަހަރުގެ އަންހެން ކުއްޖަކު ހުކުރު ދުވަހުގެ އިރުއޮއްސުނު ވަގުތު ދިރިހުއްޓާ ސަލާމަތްކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ރަސުވާ ޑިސްޓްރިކްޓްގެ ތިމޫރޭ އަވަށުގައެވެ. އެ ސަރަހައްދުގައި ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ނޭޕާލުގެ އާމްޑް ޕޮލިސް ފޯސް (އޭޕީއެފް) ގެ އޮފިޝަލުންނަށް ވެލިގަނޑާއި ކިސަޑުތަކުގެ އަޑިން ކުޑަކުއްޖަކު ރޯ އަޑު އިވުމާއެކު، ވަގުތުން އެ ސަރަހައްދު ކޮނެގެން އެ ކުއްޖާ ރައްކާތެރިކަމާއެކު ވަނީ ބޭރަށް ނެރެފައެވެ.

އެ ކުއްޖާ ސަލާމަތްކުރުމަށްފަހު އެންމެ ފުރަތަމަ ފަރުވާ ދިނީ ތިމޫރޭގައި ހުންނަ އޭޕީއެފްގެ ބޯޑަރު އައުޓްޕޯސްޓުގައެވެ. ނަމަވެސް، ކުއްޖާގެ ހާލަތު ސީރިއަސްވުމުގެ ސަބަބުން ކަތުމަންޑޫގެ ހޮސްޕިޓަލަކަށް ގެންދަން މަސައްކަތް ކުރި ނަމަވެސް، މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން އެ ދުވަހު ހެލިކޮޕްޓަރު ދަތުރުކުރެވޭ ގޮތެއް ނުވިއެވެ.

ރެސްކިއު ޓީމުތަކުން ކުއްޖާގެ ހާލަތު އެއްވަރެއްގައި ހިފަހައްޓަމުން ގޮސް، ހޮނިހިރު ދުވަހުގެ މެންދުރުފަހު މޫސުން ރަނގަޅުވުމާއެކު ހެލިކޮޕްޓަރުގައި ވަނީ ކަތުމަންޑޫގެ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ. މިހާރު އެ ކުއްޖާއަށް ދަނީ ޚާއްޞަ ޑޮކްޓަރުންގެ ޓީމެއްގެ ފުރިހަމަ ބެލުމުގެ ދަށުން ފަރުވާ ދެމުންނެވެ.

މި ކުއްޖާ ސަލާމަތްކުރި މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާއެކު، އުންމީދު ކަނޑާނުލައި މަސައްކަތްކުރި ސަލާމަތީ ބާރުތަކަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ. މީގެއިތުރުން، މި ކުއްޖާއަކީ މަނީޝާ މަގަރް ކިޔާ ކުއްޖެއް ކަމަށް ބެލެވޭތީ، އޭނާގެ އާއިލާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ކަމާބެހޭ ފަރާތްތަކަށް އެންގުމަށް ވެސް އާންމުން ދަނީ ގޮވާލަމުންނެވެ.

ނޭޕާލުގައި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން އެ ގައުމުގެ ފޮރިން މިނިސްޓަރު ޝިޝިރް ޚަނާލް ވިދާޅުވީ، ލިބުނު ގެއްލުންތައް ދެނެގަތުމަށްފަހު އަލުން އާރާސްތުކުރުމުގެ މަސައްކަތަށް ބިލިއަނުން ޑޮލަރު ބޭނުންވާނެ ކަމަށާއި، އެކަމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާނެ ކަމަށެވެ.

މި ހިތާމަވެރި ކާރިސާގައި މިހާތަނަށް 675 މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު، 2،400 އަށް ވުރެ ގިނަ މީހުން އަދިވެސް ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

ޓެގް

ނޭޕާލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.