ޚަބަރު ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރާނީ ސިޔާސީ ފިކުރަށް ނުބަލައި: ޒަރީރު

ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރާނީ ސިޔާސީ ފިކުރަށް ނުބަލައި: ޒަރީރު

ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރާނީ ސިޔާސީ ފިކުރަށް ނުބަލައި: ޒަރީރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަރުކާރުގެ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން “ރައިޓް ސައިޒް” ކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، މުވައްޒަފުން ވަކިކުރާނީ އެ މީހަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކަށް ނުވަތަ ގެންގުޅޭ ފިކުރަކަށް ބެލުމެއް ނެތި ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކުންފުނިތަކުން މުވައްޒަފުން ވަކިކުރި ކަމުގައި ވިޔަސް އެއީ ދިވެހި ރައްޔިތުންކަން ހަނދާން ބަހައްޓައި، އެ މީހުންގެ ހައްގުތައް ރައްކާތެރިކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ސަރުކާރުގެ އެންމެ ފުރަތަމަ އިސްކަމަކީ ވެސް ދިވެހި ރައްޔިތުން ހިމާޔަތްކުރުން ކަމަށް ޒަރީރު ފާހަގަކުރެއްވިއެވެ.

ވަޒީފާތަކުން މުވައްޒަފުން މަދުކުރި ނަމަވެސް، އެ މީހުން އެއްކޮށް މަގުމަތިނުކުރާނެ ކަމުގެ އަދި އެކަމަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމުގެ މައުލޫމާތު މިނިސްޓަރު ދެއްވިއެވެ. އެގޮތުން ވަޒީފާގައި އުޅުނު މުއްދަތަށް ބަލައި ރިޑަންޑަންސީ ޕެކޭޖެއް ދިނުމުގެ އިތުރުން، އަމިއްލަ ވިޔަފާރި ފަށަން ބޭނުންވާ މީހުންނަށް ފުރުސަތު ދިނުމަށް “ކުމެވި” ގެ ނަމުގައި 600 މިލިއަން ރުފިޔާގެ އެސްއެމްއީ ޑިޖިޓަލް ފަންޑެއް ތައާރަފުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށްޓަކައި ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރުން މަޖުބޫރުވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ އެކި ދުވަސްވަރު ކުންފުނިތަކަށް މުވައްޒަފުން ނަގާފައިވާ ތަފާސްހިސާބުތައް ވެސް ހިއްސާކުރައްވާފައެވެ. އެގޮތުން 2018 ވަނަ އަހަރު ކުންފުނިތަކުގައި 18,676 މުވައްޒަފުން ތިބިއިރު، 2019 އިން 2023 އަށް އެ އަދަދު 36,729 އަށް އިތުރުވި ކަމަށާއި، މި ސަރުކާރުން އިތުރުކުރި 4,938 މުވައްޒަފުންނާއެކު މިހާރު ޖުމްލަ 41,667 މުވައްޒަފުން ކުންފުނިތަކުގައި އެބަތިބި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.


ޓެގް

ފިނޭންސްމިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.