ކަޅުބާޒާރުގައި ޑޮލަރުގެ އަގު އުފުލެނީ މީޑިއާތަކުން ފަތުރާ ދޮގު ޚަބަރުތަކުގެ ސަބަބުން : މިނިސްޓަރު ސައީދު

ރާއްޖޭގެ ކަޅުބާޒާރުގައި އެމެރިކާ ޑޮލަރުގެ އަގު އިންތިހާއަށް އުފުލެމުންދާ މައިގަނޑު ސަބަބަކީ ބައެއް ނޫސްތަކުން ޙަޤީޤަތާ ޚިލާފު “ފޭކް ނިއުސް” ފަތުރައިގެން އާންމުންގެ މެދުގައި ނުބައި ބިރުވެރިކަމެއް ނުވަތަ “ޕެނިކް” އުފައްދަން މަސައްކަތް ކުރުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި “އިގްތިސޯދު ހަމަމަގަށް” ޕެނަލް މަޝްވަރާގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ފާހަގަކުރެއްވީ، ރާއްޖޭގައި އޮތް ކުޑަ އިގްތިސޯދުގެ ތެރޭގައި ހެނދުނު ހޭލާއިރު ޑޮލަރުގެ ރޭޓަކީ 22 ނުވަތަ 23 ރުފިޔާ ކަމަށް ބުނެ ސުރުޚީތައް ޖެހުމުން ބާޒާރުގެ އަގުތަކަށް ނޭދެވޭ ބޮޑެތި ނުފޫޒުތަކެއް ފޯރައި ބާޒާރު މެނިޕިއުލޭޓްވާ ކަމަށެވެ. އަދި މިއީ ވަރަށް ނުޒިންމާދާރު އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މި މަޝްވަރާ ފޯރަމްގައި ބައިވެރިވެވަޑައިގެންނެވި އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވީ، ރަސްމީ ރޭޓުގައި ޑޮލަރު ހޯދަން ދަތިވި ނަމަވެސް ބޮޑު އަގުގައި ކަޅުބާޒާރުން ބޭނުންވަރަކަށް ޑޮލަރު ލިބެން ހުންނަކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ މާލީ ސިޔާސަތުތައް ޒަމާނާ އެއްގޮތަށް ބަދަލުކޮށް، ބޭރަށް ޑޮލަރު ލީކުވާ ދިމާތައް އަވަހަށް ބަންދުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިމާދު ވަނީ، ޑޮލަރުގެ އަގާ ގުޅުވައިގެން ފަތުރާ ހަގީގަތެއް ނެތް ވާހަކަތަކުގެ ސަބަބުން ސަރުކާރާމެދު ނުބައި ތަސައްވުރެއް އުފެދި، މުޅި ޤައުމީ އިޤްތިޞާދަށް އޭގެ ނޭދެވޭ ބޮޑެތި ގެއްލުންތައް ކުރިމަތިވަމުންދާކަން ހާމަކުރައްވާފައެވެ.


