އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައުމީ ކޮންގްރެސްއާ ދިމާކޮށް، އެ ޕާޓީގެ އަސާސީ ގަވާއިދާއި ސިޔާސަތުތަކަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް މިއަދު ހުޅުވާލައިފިއެވެ.
މިއަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ މި ކޮންގްރެސްގެ ތާވަލު އެމްޑީޕީން އިއްޔެ އާންމުކޮށްފައިވާއިރު، ޕާޓީގެ ގަވާއިދާއި ސިޔާސަތުތަކަށް އިސްލާހު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:30 އަށެވެ. އިސްލާހުތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ އޮންލައިންކޮށެވެ.
މިގޮތަށް ހުށަހެޅޭ އިސްލާހުތަކާއި ސިޔާސަތުތަކާ މެދު ގޮތެއް ނިންމުން ކޮންގްރެސްގައި އޮންނާނެ ކަމަށް އެ ޕާޓީން ބުނެއެވެ. އަދި ހުށަހެޅޭ ހުރިހާ އިސްލާހުތަކެއް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން މި އޮގަސްޓު މަހުގެ 31 ވަނަ ދުވަހު އާންމުކޮށް އިއުލާނުކުރާނެއެވެ.
ކޮންގްރެސްގެ ތައްޔާރީތަކާ ގުޅޭގޮތުން އެމްޑީޕީން މައުލޫމާތު ދޭ ގޮތުގައި، ކޮންގްރެސްގައި ބައިވެރިވާން ބޭނުންވާ ގޮފިތައް ރަޖިސްޓަރީ ކުރުމުގެ ފުރުސަތުވެސް އޮގަސްޓު 19 ގެ ނިޔަލަށް އޮންނާނެއެވެ. މީގެއިތުރުން ވޯޓުލެވޭ ޑިލިގޭޓުންގެ ފައިނަލް ލިސްޓު ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން އާންމުކުރުމަށް ވަނީ ނިންމާފައެވެ.
ކޮންގްރެސްގެ ބައިވެރިން ރަޖިސްޓަރީވުމުގެ ފުރުސަތު އަންނަ މަހުގެ 5 ވަނަ ދުވަހު ހުޅުވާލެވޭނެއެވެ. އެ ފުރުސަތު ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ މެންދުރު 12:30 އާ ހަމައަށް ކުރިއަށް ދާނެ ކަމަށް އެމްޑީޕީން މަޢުލޫމާތުދެއެވެ.
މި ކޮންގްރެސް ބޭއްވުމަށް ފާސްކޮށްފައިވަނީ މި މަހުގެ 2 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 36 ވަނަ ބައްދަލުވުމުގައެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން އާންމުކޮށް ކޮންގްރެސް ބާއްވަނީ ކޮންމެ 5 އަހަރަކުން އެއްފަހަރު ކަމަށްވީ ނަމަވެސް، ގައުމީ މަޖިލީހުން ފާސްކުރުމުން ޚާއްސަ އުސޫލެއްގެ ދަށުން ކޮންމެ އަހަރަކުވެސް ކޮންގްރެސްގެ އާދަޔާ ހިލާފު ބައްދަލުވުމެއް ބޭއްވިދާނެއެވެ. މިފަހަރު އިންތިޒާމު ކުރެވެމުންދަނީ އެފަދަ ޚާއްސަ ބައްދަލުވުމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...