ޣައްޒާގެ ސިއްހީ ވަސީލަތްތަކަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، ހަމަލާތައް ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފި

ފަލަސްތީނުގެ ޣައްޒާގައި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނާއި ވަސީލަތްތަކަށް އަމާޒުކޮށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދެމުންދާތީ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އިޒްރޭލުގެ އުދުވާންތައް ވަގުތުން ހުއްޓާލުމަށް ދިވެހި ސަރުކާރުން އަނެއްކާވެސް ގޮވާލައިފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ސިއްހީ މަރުކަޒުތަކަށް އަމާޒުކޮށް ދޭ މިފަދަ ނުރައްކާތެރި ހަމަލާތަކުގެ ސަބަބުން ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން އެތައް މައުސޫމް ބައެއްގެ ފުރާނަ ދަނީ ގެއްލެމުންނެވެ. އަދި މިއީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާއި އުސޫލުތަކާ މުޅިން ހިލާފު، ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ދިވެހި ސަރުކާރުން ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އުފުލަންޖެހޭ އިލްތިޒާމްތަކަށް އިޒްރޭލުން ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުންތަކަށް އަމަލުކުރުމަށް ގޮވާލާފައެވެ. ސިއްހީ ތަންތަނަށް ހަމަލާދިނުމަކީ މަޝްރަހު ފިނިކުރުމަށާއި ހަމަލާތައް ހުއްޓާލުމަށް ކުރެވޭ މަސައްކަތްތަކަށް އެޅޭ ބޮޑު ހުރަހެއް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އޭގެ އިތުރުން، އާންމު ރައްޔިތުންނާއި، ސިއްހީ އެހީތެރިންގެ އިތުރުން އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކާއި އާންމު އުމްރާނީ ވަސީލަތްތައް ރައްކާތެރިކުރުމުގެ މުހިންމުކަން ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން އެއްވެސް ހުރަހެއް ނެތި އަވަހަށް ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށްވެސް ސަރުކާރުން ވަނީ އެދިފައެވެ.
ރާއްޖެއިން ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައިވަނީ، އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތާކަން ކަށަވަރުކުރުމަށާއި، ދާއިމީ ގޮތެއްގައި ހަމަލާތައް ހުއްޓާލުމަށް ކުރެވޭ މަސައްކަތްތަކުގައި ވަގުތުން ވަގުތަށް ސާބިތު ފިޔަވަޅުތަކެއް އެޅުމަށެވެ.
ދިވެހިރާއްޖެއިން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކަމަށާއި، 1967 ވަނަ އަހަރުގެ ކުރީގެ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިގެން އުފެދޭ މިނިވަން ފަލަސްތީނު ދައުލަތަކަށް ސަރުކާރުގެ ފުރިހަމަ ތާއީދު އަބަދުވެސް ލިބެމުންދާނެ ކަމުގެ އަޒުމް މިނިސްޓްރީގެ ބަޔާނުގައި ވަނީ އާކޮށްފައެވެ.

