ޚަބަރު

ގްރޭޓާ މާލޭގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް: ހަ މަސްތެރޭ 21,000 އަށްވުރެ ގިނަ އުޅަނދު ފާސްކޮށްފި

މާލެ ސަރަހައްދުގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުން ކުރިއަށްގެންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ގްރޭޓާ މާލެ ސަރަހައްދުން 21,000 އަށްވުރެ ގިނަ އުޅަނދު ބަލައި ފާސްކޮށްފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގައި ޖުމްލަ 21,354 އުޅަނދެއް ބަލައި ފާސްކޮށްފައިވާއިރު، ގަވާއިދާ ހިލާފުވި 10,878 އުޅަނދެއް ވަނީ ޖޫރިމަނާކޮށްފައެވެ. މިއީ ބަލައި ފާސްކުރި ކޮންމެ 100 އުޅަނދަކުން 51 އުޅަނދެވެ. މީގެ އިތުރުން ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އިރުޝާދުދީ 8,740 ފަރާތަކަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަންކުރެވޭ ގޮތުގައި މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 118 އުޅަނދު ފާސްކޮށް، 60 އުޅަނދު ޖޫރިމަނާކުރުމެވެ.

މަގުމަތީގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން ފުލުހުން ވަނީ 998 ޗެކްޕޮއިންޓެއް ގާއިމުކޮށް، ޓްރެފިކް ބެލެހެއްޓުމުގެ 10,263 ހަރަކާތެއް ހިންގާފައެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ހަ ޗެކްޕޮއިންޓާއި 57 ޓްރެފިކް ހަރަކާތެވެ.

މާލޭގެ މަގުތަކަށް ދިމާވެފައިވާ ޕާކިންގެ ދަތިކަމަށް ހައްލު ހޯދައި، ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ ކުރިން، އަމިއްލައަށް އުޅަނދު ނެގުމަށް އެދި އުޅަނދުގެ ވެރިފަރާތްތަކަށް 23,608 ފޯނު ކޯލު ކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެދެވޭ ބަދަލެއް ނުއައި 3,417 އުޅަނދެއް ވަނީ ޓޯކޮށްފައެވެ. އޭގެ ތެރޭގައި 3,336 ސައިކަލާއި 81 ހަތަރު ފުރޮޅުލީ އުޅަނދު ހިމެނެއެވެ. މީގެ އިތުރުން ރަސްމީ އެކި މުނާސަބަތުތަކާ ގުޅިގެން 1,080 އުޅަނދެއް ވަނީ އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.

މަގުމަތީގައި ހިންގާ އެހެނިހެން ކުށްތަކަށް ބަލާއިރު، ލައިސަންސް ނެތި އުޅަނދު ދުއްވި 1,052 ފަރާތަކަށާއި، ނުރައްކާތެރިކޮށް ދުއްވި 77 ފަރާތަކަށް ވަނީ ފިޔަވަޅު އަޅާފައެވެ. އަދި ކަނޑައެޅިފައިވާ ޒޯން ނޫން ތަންތަނުގައި ދުއްވި 71 އުޅަނދަކާއި، ގަވާއިދާ ހިލާފަށް ބަދަލު އަންގައިގެން ދުއްވި 32 އުޅަނދެއްގެ މައްސަލަވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ޖުމްލަ 59 ބާވަތެއްގެ ކުށަކަށް ޖޫރިމަނާކޮށްފައިވާއިރު، އެންމެ ގިނައިން ފާހަގަކުރެވުނީ އުޅަނދުގެ އަހަރީ ފީ ނުދައްކާ ހުރި މައްސަލަތަކެވެ. އެގޮތުން އަހަރީ ފީ ނުދެއްކުމުގެ މައްސަލައިގައި އެކަނިވެސް 2,249 ޖޫރިމަނާއެއް ކޮށްފައިވެއެވެ. މީގެ އިތުރުން އިންޝުއަރެންސާއި ރޯޑްވާދިނަސްގެ މުއްދަތު ހަމަވުމާއި، ޓްރެފިކް ނިޝާންތަކަށް ނުބެލުމާއި، ދުއްވަމުން ފޯނު ބޭނުންކުރުން ފަދަ ކަންކަމުގައިވެސް ފުލުހުން ވަނީ ފިޔަވަޅު އަޅާފައެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close