ޚަބަރު

ސްކޭމްތަކުގައި ގެއްލުނު ފައިސާގެ ބޮޑު ބައެއް ފުލުހުން އަނބުރާ ހޯދައިފި

މިދިޔަ ހަފުތާގެ ތެރޭގައި އެކި ކަހަލަ މަކަރާއި ހީލަތުގެ މައްސަލަތަކުގައި އާންމުންގެ އަތުން ގެއްލުނު ފައިސާގެ ތެރެއިން ބޮޑު އިންސައްތައެއް އަނބުރާ ހޯދުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކާމިޔާބީތަކެއް ހޯދައިފިއެވެ.

ފުލުހުން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، ވޭތުވެދިޔަ ހަފުތާގައި ހުށަހެޅުނު 42 ސްކޭމް މައްސަލައެއްގައި ގެއްލުނު 334,549 ރުފިޔާގެ ތެރެއިން 48.89 އިންސައްތަ (163,558 ރުފިޔާ) ވަނީ އަނބުރާ ހޯދައިދެވިފައެވެ.

ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 6 ސްކޭމް މައްސަލަ ރިޕޯޓުކޮށްފައިވާއިރު، އެންމެ ގިނައިން ހުށަހެޅިފައިވަނީ އީ-ކޮމާސްއާ ގުޅުންހުރި 15 މައްސަލައަކާއި، ބުކިން ކެންސަލޭޝަން ރިފަންޑާ ގުޅޭ 11 މައްސަލައެކެވެ. މީގެއިތުރުން ބޭރު ފައިސާ މާރުކުރުމުގެ 8 މައްސަލައެއްގެ އިތުރުން، އެހެން މީހެއްގެ ނަމުގައި އޮޅުވާލައިގެން ހިންގި 3 މައްސަލައެއްވެސް ފުލުހުންނަށް ވަނީ ހުށަހެޅިފައެވެ.

ރާއްޖޭގައި ހިންގާ ސްކޭމްތަކުގެ 99 އިންސައްތައަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ކަންކަން ކަމަށްވާއިރު، އޭގެ ތެރެއިންވެސް ބޮޑު ބަޔަކީ ފޭސްބުކް މާކެޓްޕްލޭސް ބޭނުންކޮށްގެން ހިންގާ އޮޅުވާލުންތަކެވެ. އެގޮތުން އެފަދަ ހަރަކާތްތަކުގެ 95 އިންސައްތަ ހިއްސާކުރަނީ ފޭސްބުކް މާކެޓްޕްލޭސްއިންނެވެ.

މިކަމާ ގުޅިގެން އޮންލައިންކޮށް ވިޔަފާރިކުރުމުގައި ވިއްކާ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ކޭޝް އޮން ޑެލިވަރީ އުސޫލު ބޭނުންކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ސައްހަނޫން ޓްރާންސްފާ ސްލިޕް ފޮނުވައިގެން ފައިސާ އަނބުރާ ހޯދަން އެދޭ މައްސަލަތައް އިތުރުވަމުންދާތީ، އެކައުންޓަށް ފައިސާ ޖަމާވިކަން ޔަގީންކުރުމަށްފަހު ނޫނީ މުދާ ނުވަތަ ފައިސާ ނުފޮނުވުމަށާއި، ބޭރު ފައިސާ މާރުކުރުމުގައި ރަސްމީ ބޭންކުތަކާއި މަނީ އެކްސްޗޭންޖުތައް ބޭނުންކުރުމަށް އިރުޝާދު ދީފައިވެއެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑީޕްފޭކް ޓެކްނޮލޮޖީ ބޭނުންކޮށްގެން މަކަރާއި ހީލަތް ހިންގުން އިތުރުވަމުންދާތީ، ޝައްކުކުރެވޭ ލިންކުތަކަށް ނުފިތުމަށާއި، އޯޓީޕީ ނަންބަރު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ފުލުހުން ސަމާލުވެލެއްވުމަށް އެދެއެވެ. އަދި އެފަދަ ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކޮށް އަވަހަށް ފުލުހުންގެ ހޮޓްލައިން 125 އަށް ގުޅައި ރިޕޯޓުކުރުމަށް ފުލުހުންގެ ޚިދުމަތުން ވަނީ އެދިފައެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close