ބޭރުދުނިޔެ

ދެކުނު ކޮރެއާގައި ހުންނަ އެމެރިކާގެ އެއަރ ބޭހަކުން ވައިޓް ފޮސްފަރަސް ލީކުވެއްޖެ

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ ދެކުނުގައި އޮންނަ އެމެރިކާގެ “އޯސަން އެއަރ ބޭސް” ތެރެއިން ނުރައްކާތެރި ކެމިކަލެއް ކަމަށްވާ ވައިޓް ފޮސްފަރަސް ލީކުވުމާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުޑަ ވަގުތުކޮޅަކަށް އެ ސަރަހައްދުން ބޭރުކުރުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން އަންގައިފިއެވެ.

ޔޯންހަޕް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ދެކުނު ކޮރެއާގެ ފަޔަރ އެތޯރިޓީއާއި އެމެރިކާގެ އަސްކަރިއްޔާ ގުޅިގެން ކެމިކަލް ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް، ގާތްގަނޑަކަށް ބައިގަޑިއިރު ފަހުން ވަނީ ސަރަހައްދު ދޫކޮށް ދިއުމަށް ނެރުނު އެންގުން އުވާލާފައެވެ.

އޯސަން އެއަރ ބޭހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގްރައުންޑް އޮޕަރޭޝަނެއްގެ ތެރޭގައި ހިނގި މި ހާދިސާއާ ގުޅިގެން، ރައްކާތެރިކަމުގެ ގޮތުން ބޭހުގެ ވަށައިގެން 1،000 ފޫޓުގެ ސަރަހައްދެއް ބަންދުކުރި ކަމަށެވެ. އަދި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެ ހާދިސާ ކޮންޓްރޯލްކޮށްފައިވާ ކަމަށާއި، މިކަމުގައި އެންމެ އިސްކަމެއް ދެނީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އެއަރ ބޭހުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، މި ހާދިސާއަކީ ހަތިޔާރާ ގުޅުންހުރި ކަމެއްގެ ތެރެއިން ދިމާވި ކަމެކެވެ. އަދި މިހާރު ދަނީ މިކަން ދިމާވާން މެދުވެރިވި ސަބަބު އިތުރަށް ދިރާސާކުރަމުންނެވެ.

ވައިޓް ފޮސްފަރަސްއަކީ ވަރަށް ނުރައްކާތެރި ކެމިކަލެކެވެ. މިއީ ވައިގެ ތެރެއަށް ހުށަހެޅުމުން ވަގުތުން އަލިފާން ހިފާ މާއްދާއެކެވެ. އާންމުކޮށް މި ކެމިކަލް ބޭނުންކުރަނީ ހަނގުރާމައިގެ މައިދާނުގައި ދުންފިންޏެއް އުފެއްދުމަށާއި އަލިފާން ބޮން ފަދަ ހަތިޔާރު އުފެއްދުމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close