ބޭރުދުނިޔެ

އިސްރާއީލުން ‘ޢަސްކަރީ ބޭނުންތަކަށް’ ކަމަށް ބުނެ ހުޅަނގު އައްސޭރިން ބޮޑު ސަރަޙައްދެއް ހިފަނީ

އިސްރާއީލުން އިޙްތިލާލުކޮށްފައިވާ ހުޅަނގު އައްސޭރީގެ އިދާރާތަކުން މި ހަފުތާގައި ހަތަރު ޢަސްކަރީ އަމުރެއް ނެރެ، ފަލަސްޠީނުގެ ޖެނީންގެ ދެކުނުގައި އޮންނަ ޢައްރާބާ އާއި ޤަބާޠިޔާ އަވަށުގެ ރައްޔިތުންގެ މިލްކުވެރިކަމުގައިވާ 22,000 އަކަމީޓަރަށްވުރެ ބޮޑު ބިމެއް ހިފުމަށް ވަނީ ނިންމާފައެވެ.

ފަލަސްޠީނުގެ ނޫސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ސަރަޙައްދު ހިފުމަށް ނިންމާފައިވަނީ ޢަސްކަރީ ބޭނުންތަކަށެވެ. މި ނިންމުން ނިންމާފައިވަނީ ނާބުލުސްގެ ހުޅަނގު ދެކުނުގައި އޮންނަ ތެލް އަވަށުގައި ހިނގި ކުރިމަތިލުންތަކެއްގައި ފަލަސްޠީނުގެ ހަތަރު މީހަކާއި އިސްރާއީލުގެ ދެ މީހަކު މަރުވުމާ ގުޅިގެން، ވޭތުވެދިޔަ ހަފުތާއިން ފެށިގެން ހުޅަނގު އައްސޭރީގައި ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ފަލަސްޠީނުގެ ‘ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓަންސް ކޮމިޝަން’ އާ ޙަވާލާދީ މަޢުލޫމާތު ލިބޭގޮތުގައި، އިސްރާއީލުގެ އިދާރާތަކުން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ޢަސްކަރީ ބޭނުންތަކަށާއި ވަޒަންވެރިވުން އިތުރުކުރުމުގެ ނަމުގައި ފަލަސްޠީނުގެ ރައްޔިތުންގެ 4,379,000 އަކަމީޓަރަށްވުރެ ގިނަ ބިން ވަނީ ފޭރިގެންފައެވެ.

އިސްރާއީލުން މި މަހު ވަނީ 34 އާބާދީއެއް ބިނާކުރުމަށް 434 މިލިއަން ޑޮލަރު ކަނޑައަޅާފައެވެ. މީގެ އިތުރުން، މި މަޝްރޫޢުތަކަށް ބޭނުންވާ މަގުތައް ހެދުމަށް 355 މިލިއަން ޑޮލަރު ވަނީ ޚާއްޞަކޮށްފައެވެ. މި އާ އާބާދީތަކުގެ ތެރެއިން ހަ އާބާދީއެއް ބިނާކުރުމަށް ހަމަޖެހިފައިވަނީ ބައިތުލްލަޙަމް ސަރަޙައްދުގައެވެ. މީގެ ތެރޭގައި ގިނަ އަދަދަކަށް ކްރިސްޓިއަނުން ދިރިއުޅޭ ބައިތު ޖާލާ އާއި ބައިތު ސާހޫރު ހިމެނެއެވެ.

ހުޅަނގު އައްސޭރި އާއި އިރުމަތީ ޤުދުސްގައި އިސްރާއީލުން ބިންތައް ފޭރިގަނެ، ޔަހޫދީ އާބާދީތައް ފުޅާކުރަމުންދާ ދިއުން އދ. ގެ ގިނަ ޤައުމުތަކުން އަންނަނީ ދިގު މުއްދަތަކަށް ކުށްވެރިކުރަމުންނެވެ. ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން އިސްރާއީލުގެ މި ޢަމަލުތަކަކީ ޣައިރު ޤާނޫނީ ޢަމަލުތަކެއް ކަމަށް ބޮޑު އަޣުލަބިއްޔަތަކުން ޤަބޫލުކުރެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close