އިންޑޮނޭޝިއާގެ ކަނޑުގެ ސަރަހައްދަށް ބޯޓެއް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު މީހުންގެ ތެރެއިން ފަސް މީހަކު، ތިން ދުވަސް ވަންދެން ކަނޑުމަތީގައި ތިއްބާ ސަލާމަތްކޮށްފިއެވެ.
އިންޑޮނޭޝިއާގެ އިރުމަތީ ސަރަހައްދުން ސަލާމަތްކުރި މި މީހުންގެ ތެރޭގައި ހަތް އަހަރުގެ އަންހެން ކުއްޖަކު ވެސް ހިމެނެއެވެ. ސަލާމަތްކުރި މީހުންނާ ހަވާލާދީ ރެސްކިއު އޮފިޝަލުން ވިދާޅުވި ގޮތުގައި، މި މީހުންނަކީ ބޯޓު އަޑިއަށް ދިޔަ ހާދިސާގައި ގެއްލިގެން ހޯދަމުންދިޔަ 25 މީހުންގެ ގްރޫޕެއްގައި ހިމެނޭ ބައެކެވެ. ނަމަވެސް، މޫސުން ގޯސްވެ ގަދަވަައިގެ ސަބަބުން އެ މީހުން ވަނީ އެހެން މީހުންނާ ވަކިވެފައެވެ.
70 އަށްވުރެ ގިނަ މީހުންނާއެކު ދަތުރުކުރި މި ބޯޓު އަޑިއަށް ގޮސްފައިވަނީ މިދިޔަ ބުދަ ދުވަހު ސުލަވެސީގެ ދެކުނުން އޮންނަ ސެލަޔާރް ނަމަކަށް ކިޔާ ކުޑަ ރަށެއްގެ ކައިރިއަށެވެ.
ލޯކަލް ސާޗް އެންޑް ރެސްކިއު އޮފިޝަލް މުޙައްމަދު އާރިފް އަންވަރު އޭއެފްޕީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބޯޓު އަޑިއަށް ދިއުމާއެކު ކޮންމެ މީހަކުވެސް މަސައްކަތް ކުރީ އަތުޖެހުނު އެއްޗެއްގެ އެހީގައި ފުރާނަ ސަލާމަތް ކުރެވޭތޯ ކަމަށެވެ. އެގޮތުން، މި މީހުން ސަލާމަތްވީ ހުސް ތެޔޮ ފުޅިތަކާއި (ޖެރީ ކޭން) ކޯކު ފޮށިގަނޑުތައް ވާގަނޑަކުން އައްސައިގެން އޭގެ މައްޗަށް އަރައިގެން ތިއްބާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ގްރޫޕް ސަލާމަތްކޮށްފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރުފަހު އެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ބަޔަކަށެވެ. މަސްވެރިންނަށް މި މީހުން ފެނުމާއެކު ވަނީ ރޭޑިއޯ މެދުވެރިކޮށް ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމަށް އެދިފައެވެ.
އާރިފް އިތުރަށް ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން އެކަށީގެންވާ ކާނާއާއި ފެން ނުލިބި ކަނޑުމަތީގައި ތިބުމުގެ ސަބަބުން ސަލާމަތްކުރި މީހުން ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައި ކަމަށެވެ. ނަމަވެސް، އެ މީހުންގެ އަތުގައި ހުރި އިންސްޓަންޓް ނޫޑްލްސް އާއި ބިސްކޯދު ފަދަ ތަކެތި ކައިގެން ފުރާނަ ހިފަހައްޓާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ހާދިސާގައި އަދިވެސް ނުފެނިވާ މީހުން ހޯދުމުގެ މަސައްކަތުގައި ފަސް ބޮޑު މަނަވަރާއި، ޖާސޫސީ މަތިންދާބޯޓެއްގެ އިތުރުން ހެލިކޮޕްޓަރެއް ދަނީ ބޭނުންކުރަމުންނެވެ.
ބޯޓުގެ މެނިފެސްޓް ނުވަތަ ދަތުރުވެރިންގެ ލިސްޓުގައި ކުރިން އޮތީ 50 މީހުން ކަމަށް ވިޔަސް، ފަހުން ބެލިބެލުމުން އެ ބޯޓުގައި 78 މީހުން ތިބިކަން ވަނީ ކަށަވަރުވެފައެވެ. އިންޑޮނޭޝިއާގައި މިފަދަ އުޅަނދުފަހަރުގައި ރަސްމީ ލިސްޓަށްވުރެ ގިނައިން މީހުން އުފުލުމަކީ އާންމުކޮށް ހިނގާ ކަމެކެވެ. ސަލާމަތީ މިންގަނޑުތަކަށް ފަރުވާކުޑަކުރުމާއި މޫސުން ގޯސްވުމުގެ ސަބަބުން މިފަދަ ނުރައްކާތެރި ހާދިސާތައް އެ ގައުމުގައި އާންމުކޮށް ހިނގައެވެ.
މިދިޔަ ޖެނުއަރީ މަހުވެސް އިންޑޮނޭޝިއާގެ އިރުމަތީ ސަރަހައްދަށް ބޯޓެއް ބަންޑުން ޖަހާލައިގެން ހިނގި ހާދިސާއެއްގައި ސްޕެއިންގެ ތިން ފަތުރުވެރިން ވަނީ މަރުވެފައެވެ. އަދި އެ ހާދިސާގައި ގެއްލުނު 10 އަހަރުގެ ފިރިހެން ކުއްޖަކު ނުފެނިގެން، ކަމާބެހޭ ފަރާތްތަކުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް މިހާރު ހުއްޓާލާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...