ބޭރުދުނިޔެ އިނގިރޭސިވިލާތުގައި ބޭއްވި އިސްލާމީ އެއްވުމަކަށް އަމާޒުކޮށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

އިނގިރޭސިވިލާތުގައި ބޭއްވި އިސްލާމީ އެއްވުމަކަށް އަމާޒުކޮށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

އިނގިރޭސިވިލާތުގައި ބޭއްވި އިސްލާމީ އެއްވުމަކަށް އަމާޒުކޮށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިނގިރޭސިވިލާތުގައި ބޭއްވި އިސްލާމީ އެއްވުމަކަށް އަމާޒުކޮށް ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅޭކަމުގެ ތުހުމަތުގައި 12 މީހަކު ހައްޔަރުކޮށްފިއެވެ.

ސްކައި ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ ހަފުތާގައި ބޭއްވި މި އެއްވުމަށް ނުރައްކަލެއް އޮތް ކަމަށް ބެލެވިގެން ފެށި ތަހުގީގަށްފަހު، އެކަކަށް ވަނީ ހަތިޔާރު ގެންގުޅުމުގެ ދައުވާ އުފުލާފައެވެ.

މި ތުހުމަތުތައް ފެންމަތިވެފައިވަނީ ޖުލައި 9 އިން 12 އަށް ސަފޯކްގައި ބޭއްވި “އިޖްތިމާ” ހަރަކާތާ ގުޅިގެންނެވެ. ގާތްގަނޑަކަށް 15،000 އެއްހާ މީހުން ބައިވެރިވި މި ހަރަކާތަކީ މުސްލިމުން އެއްވެ، ދީނީ ރޫހު އާލާކުރުމަށް ބޭއްވި ފެސްޓިވަލެކެވެ.

ޓެރަރިޒަމްގެ ނުރައްކަލެއް އޮތް ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން، ހަތިޔާރު އެޅި ފުލުހުން ވަނީ އެ ހަރަކާތް ހުއްޓުވާފައެވެ. މި މައްސަލައިގައި ފުރަތަމަ ދައުވާ އުފުލާފައިވަނީ އުމުރުން 42 އަހަރުގެ މީހެއްގެ މައްޗަށެވެ. ނަމަވެސް، ފަހުން ފުލުހުން ބުނެފައިވަނީ އެ މީހާއާ މި ނުރައްކަލާ ސީދާ ގުޅުމެއް އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.

މި މައްސަލައިގައި ޖުމްލަ 12 މީހަކު ހައްޔަރުކުރިއިރު، އޭގެ ތެރެއިން ހަތަރު މީހަކު ކަފާލާތުގެ ދަށުން ދޫކޮށްލާފައިވެއެވެ. އަދި ބާކީ ތިބި އަށް މީހުން ހިފެހެއްޓީ ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ. މީގެ ތެރެއިން ހަތް މީހަކު ޖުލައި 18 ވަނަ ދުވަހު ވަނީ އެއްވެސް ދައުވާއަކާ ނުލައި ދޫކޮށްލާފައެވެ.

ދައުވާ އުފުލާފައިވާ 42 އަހަރުގެ މީހާގެ މައްޗަށް ކުރަނީ ނުރައްކާތެރި ހަތިޔާރު (އިތުރަށް ދިގުކުރެވޭ ބަަަދަނާއި ކަރަންޓު ދޭ ބަޑި ނުވަތަ ސްޓަން ގަން) ގެންގުޅުމުގެ ދައުވާއެވެ. އޭނާ ކޯޓަށް ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ ޖުލައި 20 ގައެވެ.

ލަންޑަނުގެ ކައުންޓަރ ޓެރަރިޒަމް ޕޮލިސިންގްގެ އިސްވެރިޔާ ހެލެން ފްލެނަގަން ވިދާޅުވީ، އިސްލާމީ އެއްވުމަށް ނުރައްކަލެއް އޮތް ކަމުގެ މައުލޫމާތު ލިބުމާއެކު ވަރަށް ހަލުވިކަމާއެކު ތަހުގީގު ފެށި ކަމަށެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން، އެއްވުމަށް ދޭން އުޅުނު ކަމަށް ބުނާ ނުރައްކަލާ ގުޅޭގޮތުން އެއްވެސް މީހެއްގެ މައްޗަށް ދައުވާ ކުރެވޭނެ އެކަށީގެންވާ ހެއްކެއް ފެނިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

“މިކަމުގެ ސަބަބުން އާންމުންގެ މެދުގައި، ހާއްސަކޮށް މުސްލިމް މުޖުތަމައުގައި ކަންބޮޑުވުންތަކެއް ހުންނާނެކަން އަޅުގަނޑަށް އެނގޭ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ތަހުގީގު އަދިވެސް ކުރިއަށްދާކަމުގެ ޔަގީންކަން އަރުވަން،” ފްލެނަގަން ވިދާޅުވިއެވެ.

ސަފޯކް ކޮންސްޓަބިއުލަރީގެ ޕޯލް ވެލްސް ވިދާޅުވީ، ނުރައްކަލުގެ ރިޕޯޓާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުންގެ ހަރަކާތްތައް ވަރުގަދަކުރި ކަމަށެވެ.

އިޕްސްވިޗް ބަރޯ ކައުންސިލްގެ މެންބަރެއް ކަމަށްވާ ރުމާން މުހީތު ބީބީސީއަށް މައުލޫމާތު ދެމުން ވިދާޅުވީ، މިއީ އެއްވެސް މީހަކު އުންމީދުކުރި ކަމެއް ނޫން ކަމަށެވެ. “ސަފޯކްއަކީ ވަރަށް އަމާން، އެކި ސަގާފަތްތަކުގެ މީހުން އެކުވެރިކަމާއެކު ދިރިއުޅޭ ތަނެއް. މިއީ އިނގިރޭސި ފަސްގަނޑުގައި ދެވުނު އެންމެ ބޮޑު ޓެރަރިސްޓް ހަމަލާއަށް ވުމުގެ ފުރުސަތު އޮތް ކަމެއް،” އޭނާ ފާހަގަކުރެއްވިއެވެ.

ޓެގް

ޔޫކޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.