އައްޑޫގެ ހިންގުމަށް ގެންނާނެ ބަދަލުތައް ކަނޑައެޅުމަށް އޮކްޓޫބަރުގައި ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނަގަނީ

އައްޑޫ ސިޓީގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމާ ގުޅޭގޮތުން އެ ސިޓީގެ ރައްޔިތުން ދެކޭގޮތް ބެލުމަށް ޚާއްޞަ ފެންނަނުފެންނަ ވޯޓެއް އަންނަ އޮކްޓޫބަރު މަހު ބޭއްވުމަށް ސަރުކާރުން ނިންމަވާފިއެވެ.
މިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ “ދަ ޕަލްސް” ޕޮޑްކާސްޓް ސިލްސިލާގެ ހަތަރުވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި މިއީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އައްޑޫގެ ރައްޔިތުން އެދެމުންދިޔަ ބަދަލުތަކާ ގުޅިގެން، އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދެއް ފުއްދެވުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެކެވެ. ޚާއްޞަކޮށް މިހާރު އޮތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ހުޅުދޫ، މީދޫ އަދި ފޭދޫ ފަދަ ރަށްތަކަށް ދޭންޖެހޭ ސަމާލުކަން ނުލިބި ބާކީވަމުންދާ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް ލިބެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ ބައިވެރިވުން މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ ގާތުގައި ނާހައި އެއްވެސްކަހަލަ އިސްލާޙެއް ގެންނަން ބޭނުންފުޅުނުވާ ކަމަށާއި، ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން އެދޭ އަމާޒަށް ވާސިލުވުމަށް ކަމަށެވެ. އެހެންކަމުން އެ ރަށްތަކުގައި ވަކި ރަށު ކައުންސިލްތަކެއް އުފައްދަން ރައްޔިތުން ބޭނުންވޭތޯ ބެލުމަކީ ލާމަރުކަޒީ ނިޒާމުގެ ހަގީގީ މަގުސަދު ހާސިލުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އޮކްޓޫބަރު މަހު ނަގާ ވޯޓުގައި އައްޑޫގެ އެކި ސަރަހައްދުތަކުގެ ރައްޔިތުންނާ ތަފާތު ސުވާލުތަކެއް ކުރެވޭނެއެވެ. އެގޮތުން ހުޅުދޫ އާއި މީދޫ އަދި ފޭދޫ، މަރަދޫ އަދި މަރަދޫފޭދޫގައި މިހާރު އޮތް ގޮތަށް ސިޓީ ކައުންސިލްގެ ދަށުގައި އޮތުމުގެ ބަދަލުގައި ވަކިވަކި ރަށު ކައުންސިލްތައް އުފައްދަން ބޭނުންވޭތޯ ސުވާލު ކުރެވޭނެއެވެ. އަދި ހިތަދޫ ރައްޔިތުންގެ ކިބައިން އޮޅުންފިލުވާނީ “ހިތަދޫ ސިޓީ ކައުންސިލް” އެއްގެ ގޮތުގައި އޮންނަން ބޭނުންވޭތޯ ނުވަތަ މިހާރު އޮތް ގޮތަށް “އައްޑޫ ސިޓީ ކައުންސިލް” ގެ ގޮތުގައި ދެމިއޮންނަން ބޭނުންވޭތޯއެވެ.
އިދާރީ ގޮތުން ކޮންމެ ބަދަލެއް އައި ނަމަވެސް، ރަށްތަކުގެ ނަމުގެ ކުރިއަށް “އައްޑޫ” މި ނަން އޮތުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ. މިސާލަކަށް “އައްޑޫ ހުޅުދޫ ކައުންސިލް” ފަދަ ގޮތަކަށް ނަންތައް ބެހެއްޓުމަށް އެމަނިކުފާނު ޚިޔާލުފާޅުކުރެއްވިއެވެ.
މި ވޯޓުގެ ނަތީޖާ ލިބުމުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ސަރުކާރުގެ ފަރާތުން ބޭނުންވާ އިރުޝާދާއި މަގުދައްކައިދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިއީ އައްޑޫގެ ތަރައްޤީއަށާއި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އެޅޭ ތާރީޚީ ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވަމުން، ރައްޔިތުން ނިންމާ ނިންމުމާ އެއްގޮތަށް ސަރުކާރުން ކަންކަން ތަންފީޒު ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް މުޢިއްޒު ދެއްވިއެވެ.


