މާލޭގެ މަގުތައް ޒަމާނީ ކުރުމުގެ ބޮޑު މަޝްރޫޢު އަންނަ އަހަރުގެ ކުރީކޮޅު ފަށަނީ

ދިގު މުއްދަތަކަށްފަހު މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ހިންގާ ފުރަތަމަ ބިޔަ މަޝްރޫޢުގެ އަމަލީ މަސައްކަތް ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
“ދަ ޕަލްސް” ޕޮޑްކާސްޓްގެ 4 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލޭގެ މަގުތައް އެއްކޮށް ރަނގަޅު ކުރުމުގެ މިފަދަ ބޮޑު މަޝްރޫޢެއް އެންމެ ފަހުން ކުރިއަށް ގެންގޮސްފައިވަނީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ކަމަށާއި، އޭގެ ފަހުން މަގުތައް ބެލެހެއްޓުމުގައި އިހުމާލުވެފައިވާ ކަމަށެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި ބޮޑު މަޝްރޫޢު ނިމޭއިރު، މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ސްޓޯމްވޯޓާ ޑްރައިނޭޖް ނިޒާމަކާއި، ޢިމާރާތް ކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ޑީވޯޓަރިންގ ނިޒާމުގެ އިތުރުން، ރައްކާތެރިކަމަށްޓަކައި ފަޔަރ ހައިޑްރަންޓް ނިޒާމުވެސް މަގުތަކުގައި ޤާއިމުކުރެވޭނެއެވެ.
މި މަޝްރޫޢުގެ ބޭރުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ހާމަކުރެއްވި ގޮތުގައި، އިއްޒުއްދީން ފާލަމުން ފެށިގެން ނަސަންދުރައާ ހަމައަށް ހަދާ ދެވަނަ ފިޔަވަހީގެ ބައި ނިންމައި އަންނަ ހަފުތާގައި މަގު ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ. މި ސަރަޙައްދުގައި 500 ސައިކަލު ޕާކުކުރެވޭނެ ޖާގަ ހަމަޖެހިފައިވާއިރު، މި ބަދަލާއެކު މާލޭގެ އެތެރޭގެ މަގުތަކުގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބޭނެއެވެ. އަދި މިއަށްފަހު އެމްޕީއެލް ސަރަޙައްދުން ފެށިގެން ރަސްފަންނާ ހަމައަށް އޮތް، އެންމެ ބޮޑަށް ހަލާކުވެފައިވާ ބައި މަރާމާތު ކުރުމުގެ މަސައްކަތް ފެށޭނެއެވެ.
މާލޭގެ ތޮއްޖެހުމަށް ދާއިމީ ހައްލެއް ލިބޭނީ ޚިދުމަތްތަކާއި ބޯހިޔާވަހިކަން ލާމަރުކަޒުކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، ރާއްޖޭގެ އާބާދީގެ 40 އިންސައްތަ މީހުން ދިރިއުޅޭ މާލެ ސަރަޙައްދަށް މިވަގުތުން މިވަގުތަށް ބޭނުންވާ ހައްލުތައް ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށްވާތީ، މަގު ހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް މިހާރުވެސް މާލެއަށް އަމާޒުކޮށްގެން ކުރިއަށްދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



