ބޭރުދުނިޔެ ޣައްޒާއިން ނުވަ މީހުން ޝަހީދުކޮށްލައިފި، އޭގެ ތެރޭގައި 10 އަހަރުގެ ކުއްޖަކު ހިމެނޭ

ޣައްޒާއިން ނުވަ މީހުން ޝަހީދުކޮށްލައިފި، އޭގެ ތެރޭގައި 10 އަހަރުގެ ކުއްޖަކު ހިމެނޭ

ޣައްޒާއިން ނުވަ މީހުން ޝަހީދުކޮށްލައިފި، އޭގެ ތެރޭގައި 10 އަހަރުގެ ކުއްޖަކު ހިމެނޭ

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

އިސްރާއީލުން ދިން ވައިގެ ހަމަލާތަކާއި ބަޑީގެ ހަމަލާތަކުގައި، ފަލަސްތީނުގެ މަދުވެގެން ނުވަ މީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ އިދާރާތަކުންނާއި ފުލުހުން ބުނެފިއެވެ. އަންގާރަ ދުވަހު ދިން މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި އުމުރުން އެންމެ 10 އަހަރުގެ ފިރިހެން ކުއްޖަކާއި، ހަމާސްގެ ފުލުހުންގެ އިސް އޮފިސަރަކު ވެސް ހިމެނެއެވެ.

ޣައްޒާގެ ސިއްހީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ އޮކްޓޯބަރު މަހު އިސްރާއީލާއި ހަމާސްއާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރި ފަހުން، އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު މިހާރު ވަނީ 1,100 އަށްވުރެ މައްޗަށް އަރާފައެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ސަބަބުން ބޮޑެތި ހަނގުރާމަތައް މެދުކެނޑިފައިވީ ނަމަވެސް، ދޭތެރެދޭތެރެއިން ހިނގާ ހަމަނުޖެހުންތައް ހުއްޓުވުމުގައި މި އެއްބަސްވުން ވަނީ ނާކާމިޔާބުވެފައެވެ. ހަމަ މި މުއްދަތުގެ ތެރޭގައި ޣައްޒާގެ މުޖާހިދުންގެ ހަމަލާތަކުގައި އިސްރާއީލުގެ ހަތަރު ސިފައިން ވެސް ވަނީ މަރުވެފައެވެ.

މެޑިކަލް އޮފިޝަލުން ބުނި ގޮތުގައި، ޣައްޒާގެ ދެކުނުގައިވާ ރަފަހުގައި އިސްރާއީލު ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި، އުމުރުން 10 އަހަރުގެ މުއުތަޒް އަބޫ ޝާޢަރު ވަނީ ޝަހީދުވެފައެވެ.

ޣައްޒާގެ އުތުރުގައިވާ ޖަބަލިއާގައި ހުންނަ ފުލުހުންގެ މަރުކަޒަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި، މަދުވެގެން ހަތް މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައްބުނެފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނޭއިރު، އިތުރު ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް މެޑިކަލް އޮފިޝަލުންނާއި ފުލުހުން މަޢުލޫމާތު ދެއެވެ.

ހަމާސްއިން ހިންގާ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާގައި ޖަބަލިއާގެ ފުލުހުންގެ ކޮމާންޑަރު ކާނަލް މުޙައްމަދު މަރުވާން ސާލިމްގެ އިތުރުން އެހެން ބައެއް ފުލުސް އޮފިސަރުން ވެސް ޝަހީދުވެފައިވާ ކަމަށެވެ.

ފުލުހުންގެ މަސްދަރުތަކުން ބުނާ ގޮތުގައި، މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ވަނީ ހަމާސްގެ ސަލާމަތީ ބާރުތަކަށާއި ފުލުހުންގެ މަރުކަޒުތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށް، އެތައް ބަޔަކު ޝަހީދުކޮށްލާފައެވެ. އިސްރާއީލުން ބޭނުންވަނީ ހަމާސްގެ އަތުން ޣައްޒާގެ ކޮންޓްރޯލް އަތުލައި އެ ޖަމާއަތުގެ ހަތިޔާރުތައް އަތުލުމަށެވެ. ވެރިކަން ދޫކޮށްލުމަށް ތައްޔާރަށް އޮތް ކަމަށް ހަމާސްއިން ބުނި ނަމަވެސް، ހަތިޔާރު ބެހެއްޓުމަށް ގޮވާލާ ގޮވާލުންތަކަށް އެ ޖަމާއަތުން އަބަދުވެސް ދަނީ ދެކޮޅު ހަދަމުންނެވެ.

ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްއަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އުމުރުން 36 އަހަރުގެ ފިރިހެނަކު ޝަހީދުވެ، އިތުރު ތިން މީހަކު ޒަޚަމްވެފައިވާ ކަމަށް ސިއްހީ އިދާރާތަކުން ބުނެއެވެ. އިސްރާއީލު ސިފައިން ބުނެފައިވަނީ އެ ހަމަލާ އަމާޒުކުރީ ހަމާސްގެ ހަނގުރާމަވެރިއަކަށް ކަމަށެވެ. ނަމަވެސް ރަފަހާއި ޖަބަލިއާގައި ހިނގި ހާދިސާތަކާ ގުޅޭގޮތުން އިސްރާއީލު ސިފައިން ވަގުތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ހަމަލާތައް ކުރިއަށްދާ ދަނޑިވަޅަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޣައްޒާ ސުލްހައިގެ ރޭވުމުގެ ދެވަނަ މަރުހަލާ ތަންފީޒުކުރުމާ ގުޅޭގޮތުން އިތުރު މަޝްވަރާތަކެއް ކުރުމަށް ހަމާސްގެ އިސްވެރިން ގާހިރާއަށް ޒިޔާރަތްކުރަމުންދާ ވަގުތެކެވެ.

މަޝްވަރާތަކާ ގާތް މަސްދަރުތަކުން ބުނާ ގޮތުގައި، މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވެނީ ހަމާސްއިން ހަތިޔާރު ބެހެއްޓުމަށާއި އިސްރާއީލު ސިފައިން ޣައްޒާއިން ފޭބުމާ ގުޅޭގޮތުންނެވެ. ނަމަވެސް މި ހަމަނުޖެހުން ނިމުމަކަށް ގެނައުމަށްޓަކައި އެކުލަވާލާ ފުޅާ އެއްބަސްވުމަކާ ހަމައަށް ވާސިލުވުމުގައި މިދިޔަ ހަފުތާތަކުގައި މާބޮޑު ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ހަމާސްއިން ބުނަމުންދަނީ، ޓްރަމްޕްގެ ރޭވުމުގެ ދެވަނަ މަރުހަލާ ތަންފީޒުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އިސްރާއީލުން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ތަކުރާރުކޮށް ޚިލާފުވުން ކަމަށެވެ.

ޣައްޒާގެ 2 މިލިއަން މީހުންގެ އާބާދީގެ ބޮޑުބައެއް މިހާރު ދިރިއުޅެމުންދަނީ އައްސޭރިފަށުގެ ކުޑަ ބިންކޮޅެއްގައެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ އެތައް ފަހަރަކު ގެދޮރު ދޫކޮށް ހިޖުރަކުރަން ޖެހިފައިވާ މީހުންނެވެ. އެމީހުން ދިރިއުޅެމުންދަނީ ވަގުތީ ފޭލިގެތަކާއި ހަލާކުވެފައިވާ އިމާރާތްތަކުގައެވެ.

އިސްރާއީލުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2023 އޮކްޓޯބަރު 7 ގައި ހަމާސްއިން އިސްރާއީލުގެ ބޯޑަރު ހުރަސްކޮށް ދިން ހަމަލާގައި 1,200 މީހުން މަރުވެފައިވެއެވެ. އޭގެ ފަހުން އިސްރާއީލުން ފެށި ހަނގުރާމައިގައި ޣައްޒާއިން މިހާތަނަށް 73,000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެއެވެ.

ޓެގް

ޣައްޒާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.