ރާއްޖޭގެ އާބާދީ ދުވަސްވަމުންދާ ދަނޑިވަޅެއްގައި އެކަމަށް ތައްޔާރުވުމަށްޓަކައި މިއަދުގެ ޒުވާނުންގެ ޞިއްޙަތަށް ވުނަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވި މެސެޖެއްގައި، ޤައުމުގެ ޞިއްޙީ އޮނިގަނޑު ދަމަހައްޓައި، އިތުރުވަމުންދާ ދުވަސްވީ މީހުންގެ އާބާދީއަށް އެހީތެރިކަން ފޯރުކޮށްދެވޭނީ ޒުވާނުންނަކީ ދުޅަހެޔޮ ބަޔަކަށް ހަދައިގެންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ޒުވާނުންގެ ކިބައިގައި ދުޅަހެޔޮ އާދަތައް އަށަގަންނުވައި، ދިގުދެމިގެންދާ ބަލިމަޑުކަމުން އެމީހުން ރައްކާތެރިކުރުމުން އުފެއްދުންތެރި މަސައްކަތްތެރީންނާއި އެހީތެރީން ޤައުމުގައި ބިނާކުރެވޭނެއެވެ. އަދި ކެއަރ އިކޮނޮމީ ނުވަތަ މީހުން ބެލެހެއްޓުމުގެ ނިޒާމަށް ހޭދަކުރުމުން ދުވަސްވީ މީހުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ލިބި، އާއިލާތަކުން، ވަކީން ޚާއްޞަކޮށް އަންހެނުން އާމްދަނީއެއް ނުލިބޭ ގޮތަށް މީހުން ބެލުމަށް ކުރާ ބުރަ މަސައްކަތަށް ލުޔެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޤައުމެއްގެ ދެމެހެއްޓެނިވި ތަރައްޤީ ބަރޯސާވަނީ ހަމައެކަނި އާބާދީގެ ބޮޑުމިނަށް ނޫންކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ ޒުވާނުންގެ ފުރިހަމަ ޤާބިލިއްޔަތު ބޭނުން ހިފޭނީ އެމީހުން ބާރުވެރިކޮށްގެން ކަމަށެވެ. ރާއްޖޭގެ އާބާދީގެ 39 އިންސައްތައަކީ ޒުވާނުންނަށް ވާއިރު، އެ ފަރާތްތަކަށް ފެންވަރު ރަނގަޅު ތަޢުލީމާއި މާނަހުރި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭނެ ކަމެއްކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ދެކުނު އޭޝިއާގައި އެންމެ ހަލުވިކަމާއެކު އާބާދީ ދުވަސްވަމުންދާ އެއް ޤައުމަކީ ދިވެހިރާއްޖެއެވެ. ވިހާ ނިސްބަތް މަދުވުމާއި ޞިއްޙީ ކުރިއެރުންތަކާއެކު ދިވެހިންގެ އެވްރެޖު ޢުމުރު 80 އަހަރަށްވުރެ މައްޗަށް ގޮސްފައިވާއިރު، މިހާރު އާބާދީގެ 8 އިންސައްތައަކީ ޢުމުރުން 60 އަހަރުން މަތީގެ މީހުންނެވެ. ނަމަވެސް 2050 ވަނަ އަހަރާ ހަމައަށްދާއިރު މި ނިސްބަތް ތިން ގުނަ އިތުރުވެ، އާބާދީގެ 32 އިންސައްތައަށް އަރާނެކަމަށް ލަފާކުރެވޭތީ، މިއީ މަސައްކަތްތެރި އާބާދީއަށާއި ޞިއްޙީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވާނެ ބަދަލެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...