ޚަބަރު

ކުނި އެތެރެކުރުން މަނާކޮށް ކޮތަޅު ފީއަށް ލުޔެއް ދޭން ގާނޫނަށް އިސްލާހު ހުށަހަޅައިފި

ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި އާންމުންނަށް މާލީ ގޮތުން ކުރިމަތިވެފައިވާ ބުރަ ކުޑަކުރުމަށްޓަކައި، ކުނި މެނޭޖުކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ބޮޑެތި ބަދަލުތަކެއް ގެނައުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ.

އުނގޫފާރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝިފާޒް މަޖިލީހަށް ހުށަހެޅުއްވި މި ބިލާއެކު، ރާއްޖެއަށް ކުނި އެތެރެކުރުން މުޅިން މަނާވެގެންދާއިރު، ގިނަ ބައެއްގެ ޝަކުވާ އަމާޒުވެފައިވާ ޕްލާސްޓިކް ކޮތަޅުގެ ފީއަށް ވެސް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މި ބިލުގައި ހިމެނޭ އެންމެ މުހިންމު އެއް ބަދަލަކީ މީގެ ކުރިން މިނިސްޓްރީގެ ހުއްދައާއެކު ރާއްޖެއަށް ކުނި އެތެރެކުރެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، އެއްވެސް ބާވަތެއްގެ ކުންޏެއް ރާއްޖެއަށް އެތެރެކުރުމަކީ ކުށެއްގެ ގޮތުގައި ކަނޑައެޅުމެވެ. އެގޮތުން މި މާއްދާއާ ޚިލާފުވާ ފަރާތްތަކާމެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅައި، ފަސް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އިންތިޒާމު މި އިސްލާހުގެ ދަށުން ތަންފީޒުވެގެންދާނެއެވެ.

މީގެ އިތުރުން، ކުރީގެ ސަރުކާރުން ފެށިގެން ކޮންމެ ކޮތަޅަކުން ނަގަމުން އައި ދެ ރުފިޔާގެ ފީއަށް ބަދަލު ފާސްވެއްޖެނަމަ، ބާޒާރުން ގަނޑުކޮށް ކޮތަޅު ބޮނޑި ގަންނަ ފަރާތްތަކަށް ބޮޑު ލުޔެއް ލިބޭނެއެވެ. އެގޮތުން 50 ކޮތަޅަށް ވުރެ ގިނަ އަދަދެއްގެ ކޮތަޅު ހިމެނޭ ބޮނޑިތަކުން މީގެ ފަހުން ޓެކްސް ނުނަގާ ގޮތަށް އިސްތިސްނާ ކުރުމަށް މި ބިލުގައި ވަނީ ހިމަނާފައެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ސިޔާސަތުގެ ދަށުން، ފާއިތުވި އެމްޑީޕީގެ ސަރުކާރުން ޑިސެމްބަރު 2022 ގައި ކުނި މެނޭޖުކުރުމުގެ ގާނޫނަށް ގެނައި އިސްލާހަކާއެކު، އޭޕްރީލް 2023 އިން ފެށިގެން ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ފީއެއް ނަގަން ވަނީ ފަށާފައެވެ. ނަމަވެސް، މި ބަދަލާއެކު ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން ގަނޑުކޮށް ކޮތަޅު ބޮނޑި ގަންނައިރުވެސް ބޮޑު ހޭދައެއް ކުރަންޖެހުމުން، ކޮތަޅު ފީގެ މައްސަލައިގައި ގިނަ ބައެއްގެ ޝަކުވާއާއި ކަންބޮޑުވުން މަޖިލީހަށާއި ސަރުކާރަށް އަމާޒުވެފައިވެއެވެ. މީގެ އިތުރުން، މީގެ ކުރިން މިނިސްޓްރީގެ ހުއްދައާއެކު ރާއްޖެއަށް ކުނި އެތެރެކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އެކަމުގެ ސަބަބުން ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކަށް ރިއާޔަތްކޮށް، ގާނޫނީ ގޮތުން އެފުރުސަތު އެއްކޮށް ބަންދުކުރުމަށް ތިމާވެށީގެ ދާއިރާގެ ބޭފުޅުން މީގެ ކުރިންވެސް ވަނީ ވަކާލާތު ކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close