ދިވެހި ފުލުހުންގެ ޚިދުމަތުގައި 25 އަހަރު ދުވަހު އިޚްލާޞްތެރިކަމާއެކު މަސައްކަތްކޮށް، ޝަރަފްވެރިކަމާއެކު ރިޓަޔާކުރާ ފުލުހުންނަށް، ޚިދުމަތުގައި ދެމިތިބޭ ފުލުހުންނާ އެއްފަދަ ބޭސްފަރުވާގެ އިނާޔަތްތަކެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ޕޮލިސް ކޮމިޝަނަރު ވިދާޅުވީ، ރިޓަޔާކުރާ ފަރާތްތަކަށް ލިބޭ އިނާޔަތްތައް ހިސާބުކުރުމުގައި މިހާރު އޮތް ލިމިޓް އުވާލައި، އެ އޮފިސަރަކު ޚިދުމަތްކުރި މުއްދަތަށް ބަލައި އެންމެ ފުރިހަމަ އިނާޔަތްތައް ހަމަޖައްސައިދޭނެ ކަމަށެވެ.
މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން، ފުލުހުންގެ ވެލްފެއާ ކަންކަން ހަރުދަނާކޮށް، އުފާވެރި މުއައްސަސާއަކަށް ހެދުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން ނިންމެވި ނިންމެވުމެއްކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވިއެވެ. ފުލުހުންގެ ބޯހިޔާވަހިކަމާއި، ތަޢުލީމާއި، ފަންނީ ކުރިއެރުމުގެ އިތުރުން މުއައްސަސާއަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދައިދިނުމުގައި ހޯމް މިނިސްޓަރު ޢަލީ އިޙްސާނާއެކު ސަރުކާރުން އަންނަނީ އިންގިލާބީ ބަދަލުތަކެއް ގެންނަމުން ކަމަށްވެސް ކޮމިޝަނަރު ފާހަގަކުރެއްވިއެވެ.
މުއައްސަސާއަށް 93 އަހަރު ފުރުނު ނަމަވެސް، ފުލުހުންގެ ހަކަތައާއި ބުންވަރަށް އެއްވެސް ހީނަރުކަމެއް ނާންނާނެ ކަމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ފުލުހުންގެ ލޯތައް އަބަދުވެސް ހުންނާނީ ތޫނުކޮށް ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. ރައީސް ޑރ. މުޢިއްޒު ފުލުހުންގެ ކަންބޮޑުވުންތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާތީ، މުސްތަޤުބަލުގައި ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާވެ، ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނެ ކަމުގެ ޔަގީންކަންވެސް އޭނާ ދެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...