ހޮރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ކުރިއަށްގެންދާ މިޝަނެއްގައި ބައިވެރިވުމަށް ނެދަލޭންޑްސްގެ މަނަވަރެއް އެ ސަރަހައްދަށް މިސްރާބު ޖަހައިފިއެވެ.
ހޮރްމުޒް ކަނޑުއޮޅީގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ބައިނަލްއަގުވާމީ އަސްކަރީ މިޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު ހޯދުމަށްޓަކައި، ނެދަލޭންޑްސްގެ އަސްކަރީ މަނަވަރެއްގެ މިސްރާބު އެ ސަރަހައްދަށް އަނބުރާލާފައިވާ ކަމަށް އެ ގައުމުން މިދިޔަ ހުކުރު ދުވަހު ބުނެފިއެވެ.
ނެދަލޭންޑްސްގެ ޑިފެންސް މިނިސްޓަރު ދީލާން ޔެސިލްގޯޒް ޕާލަމެންޓަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ވައިގެ ހަމަލާތަކުން ދިފާއުވުމުގެ ގާބިލުކަން ލިބިފައިވާ މި މަނަވަރު މިހާރު އޮތީ އިންޑޯ-ޕެސިފިކް ސަރަހައްދުގައި ކަމަށާއި، ހޮރްމުޒް ކަނޑުއޮޅީގެ ސަރަހައްދަށް ދިއުމަށް ހަފުތާތަކެއް ނަގާނެ ކަމަށެވެ.
މި ހަފުތާގައި އެމެރިކާއާއި އީރާނާ ދެމެދު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅިގެން، އެ ކަނޑުއޮޅިން ތެޔޮ އުފުލާ މިންވަރު ވަނީ އިތުރުވެފައެވެ. ނަމަވެސް، ކަނޑުގެ ދަތުރުފަތުރާއި އިންޝުއަރެންސް ސިނާއަތުގެ އިސް ފަރާތްތަކުން ވަނީ ސަލާމަތީ ކަންކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ ސަރަހައްދުގައި ހުރި މައިންތައް ނައްތާލުމަށް ބޭނުންވާ އުޅަނދުތައް ވަގުތުން ފޮނުވުމަށް ވެސް އެ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.
ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ގުޅިގެން ގައުމުތައް ބައިވެރިވާ އަސްކަރީ ކަނޑު މިޝަނެއް ހިންގުމަށް ބާރުއަޅަމުންދާއިރު، އެ ސަރަހައްދުގައި ބޭރުގެ އެއްވެސް އަސްކަރީ ބާރެއް އޮތުމާ ދެކޮޅަށް އީރާނުން ވަނީ ވަރުގަދައަށް ދެކޮޅު ހަދާނެ ކަމުގެ އިޝާރާތެއް ދީފައެވެ.
ޖަރުމަނުވިލާތުން ވެސް ވަނީ ހޮރްމުޒް ކަނޑުއޮޅީގައި އޮވެދާނެ އަސްކަރީ މިޝަނަކަށް ތައްޔާރުވުމުގެ ގޮތުން، ރަތް ކަނޑަށް ދެ މަނަވަރު ފޮނުވާފައިވާ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ބުނެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...