ޒުވާނުން ބިނާކުރާ “ދިވެހި ވަޠަނީ ޚިދުމަތް” ޕްރޮގްރާމުގެ ދެވަނަ ބުރު 75 ބައިވެރިންނާއެކު ފަށައިފި

ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ފަރުމާކޮށްފައިވާ “ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު” ޕްރޮގްރާމުގެ ދެވަނަ ކޯސް ބ. ކިހާދޫގައި މިއަދު ފަށައިފިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތާއެކު، ރާއްޖޭގެ 17 އަތޮޅަކުން ހޮވާލެވުނު 75 ޒުވާނުން (62 ފިރިހެން އަދި 13 އަންހެން) ވަނީ ތަމްރީނުތައް ފަށާފައެވެ.
16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމުގައި އޮޓޯ މޯބައިލް، މެރިން އިންޖިނިއަރިންގ، އިލެކްޓްރީޝަން އަދި އޮފީސް މެނޭޖުމަންޓް ފަދަ ފަންނީ ދާއިރާތަކުން ދަރިވަރުން ތަމްރީނު ކުރެވޭނެއެވެ. ސިފައިންގެ ތަޖުރިބާކާރު މުދައްރިބުން ކިޔަވައިދޭ މި ކޯސް ފުރިހަމަކުރާ ބައިވެރިންނަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ލެވެލް 3 ގެ ސެޓިފިކެޓެއް ލިބިގެންދާނެއެވެ.
މި މަޝްރޫޢަކީ ޒުވާނުންގެ ކިބައިގައި ވަޠަނީ ރޫޙު އާލާކޮށް، ޖިސްމާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ، ހުނަރުވެރި ބަޔަކަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މިއަދުގެ ރަސްމިއްޔާތުގައި ދަރިވަރުން ވަނީ ކޯސް ފުރިހަމަކުރުމުގެ ޢަޒުމް އައުކޮށް، ޤައުމަށް ޚިދުމަތްކުރުމުގެ ރޫޙު އާލާކޮށްފައެވެ.

