ބޭރުދުނިޔެ ހޯރްމުޒް ކަނޑުއޮޅި ހުރަސްކުރެވުނަސް ޝިޕިންގް ކުންފުނިތަކުން އަދިވެސް ތިބީ ސަމާލުވެގެން

ހޯރްމުޒް ކަނޑުއޮޅި ހުރަސްކުރެވުނަސް ޝިޕިންގް ކުންފުނިތަކުން އަދިވެސް ތިބީ ސަމާލުވެގެން

ހޯރްމުޒް ކަނޑުއޮޅި ހުރަސްކުރެވުނަސް ޝިޕިންގް ކުންފުނިތަކުން އަދިވެސް ތިބީ ސަމާލުވެގެން

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

އެމެރިކާއާއި އީރާނާ ދެމެދު ސުލްހައިގެ އެއްބަސްވުމަކަށް އާދެވި، އިސްތިރާތީޖީ ގޮތުން މުހިންމު މި ކަނޑުއޮޅި އަލުން ހުޅުވާލުމަށް ނިންމި ފަހުން، އިންޑިއާގެ ޕެޓްރޯނެޓް ކުންފުނީގެ ލިކުއިފައިޑް ނެޗުރަލް ގޭސް (އެލް.އެން.ޖީ) އުފުލާ ބޯޓެއް ހޯރްމުޒް ކަނޑުއޮޅި ހުރަސްކޮށްފިއެވެ. އާދިއްތަ ދުވަހާ ހަމައަށް އެ ސަރަހައްދުން ދަތުރުކުރި ހަމައެކަނި އުޅަނދަކީ މިއީ ކަމަށް ބޯޓުފަހަރުގެ މައުލޫމާތުތަކުން ދައްކައެވެ.

ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ އަދަދު މަދުކޮށް ހުރުމުން ދޭހަވަނީ، ސުލްހައިގެ އެއްބަސްވުމަށް މަރުހަބާ ކީ ނަމަވެސް، ޝިޕިންގް ކުންފުނިތަކުން އަދިވެސް ތިބީ ވަރަށް ބޮޑަށް ސަމާލުވެގެން ކަމެވެ. މި ކުންފުނިތަކުން ދަނީ ދަތުރުތައް ފެށުމުގެ ކުރިން އެއްބަސްވުމުގެ އިތުރު ތަފުސީލުތަކާއި، ހާއްސަކޮށް ކަނޑުއޮޅީގައި ވަޅުލާފައި ހުރެދާނެ މައިންތައް ނައްތާލުމާ ގުޅޭ މައުލޫމާތުތަކަށް އިންތިޒާރު ކުރަމުންނެވެ.

އަންނަ ހުކުރު ދުވަހު ސްވިޒަލޭންޑުގައި އެމެރިކާއާއި އީރާނުން ދެމެދު “މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް” އެއްގައި ސޮއިކުރާނެ ކަމަށް ބެލެވުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހޯމަ ދުވަހު ގާތްގަނޑަކަށް 4 އިންސައްތަ ދަށަށް ގޮސްފައިވެއެވެ. މި އެއްބަސްވުމުގައި ކަނޑުއޮޅިން އަލުން ދަތުރުފަތުރު ފެށުމަށްޓަކައި އަޅާނެ ފިޔަވަޅުތައް ބަޔާންކުރެވިގެންދާނެއެވެ.

ފެބްރުއަރީ 28 ގައި ފެށުނު އެމެރިކާ-އިސްރާއީލާއި އީރާނުގެ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ތެލާއި އެލް.އެން.ޖީގެ ފަސްބައިކުޅަ އެއްބައި ސަޕްލައި ކުރާ މި މުހިންމު މަގު އޮތީ ބަންދުވެފައެވެ. ތެލުގެ އިތުރުން އެލުމިނިއަމް އަދި ޔޫރިއާ ފަދަ މުހިންމު ބާވަތްތައް އުފުލުމަށް ވެސް މި މަގު ބޭނުންކުރެއެވެ.

ޝިޕް ޓްރެކިންގް މައުލޫމާތުތަކުން ދައްކާ ގޮތުގައި، ‘ދިޝާ’ ނަމަކަށް ކިޔާ އެލް.އެން.ޖީ ޓޭންކަރު މާރިޗު މަހުގެ ކުރީކޮޅު ގަތަރުގެ ރަސް ލައްފާނުން މުދާ ބަރުކޮށްގެން، ކަނޑުއޮޅީގެ ހުޅަނގު ފަރާތުގައި މަޑުކޮށްގެން އޮތީއެވެ. މި ބޯޓު ދަތުރުކުރާ މަންޒިލެއް ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މައުލޫމާތު އެނގޭ ފަރާތަކުން ބުނި ގޮތުގައި މި މުދާ ބާލާނީ އިންޑިއާގެ ދަހޭޖް ޓާމިނަލަށެވެ.

ކްލެޕްލާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖޫން 15 އާ ހަމައަށް މެދުއިރުމަތީގެ ގަލްފު ސަރަހައްދުގައި ތެލާއި ކެމިކަލް އުފުލާ ގާތްގަނޑަކަށް 155 ޓޭންކަރު އެބައޮތެވެ. މިއީ މެއި މަހުގެ ނިޔަލަށް އޮތް 201 ޓޭންކަރަށްވުރެ މަދު އަދަދެކެވެ. ނަމަވެސް، އޮއިލް ބްރޯކަރޭޖްގެ އަންދާޒާއަކީ އެ ސަރަހައްދުގައި 215 ޓޭންކަރު އެބައޮތް ކަމަށެވެ.

އޮއިލް ބްރޯކަރޭޖްގެ ޝިޕިންގް ރިސާޗްގެ އިސްވެރިޔާ އަނޫޕް ސިންގް ވިދާޅުވީ، ޝިޕިންގް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުބާރު ގާއިމުވުމަށްޓަކައި، ކުރިއަށް އޮތް ހަފުތާތަކުގައި އެއްވެސް ހުރަހެއް ނެތި ދަތުރުތައް ކުރެވޭކަން ކަށަވަރުވާން ޖެހޭނެ ކަމަށެވެ. އަދި އެހާތަނަށް މުދާ އުފުލުމުގެ އަގުތައް މަތިކޮށް ހުންނާނެ ކަމަށްވެސް އޭނާ ލަފާކުރެއްވިއެވެ.

ޖަޕާނުގެ ޝިޕް އޯނާސް އެސޯސިއޭޝަނުން ބުނި ގޮތުގައި، ސުލްހައިގެ އެއްބަސްވުމަށް މަރުހަބާ ކީ ނަމަވެސް، ޖޫން 19 ގައި އެމެރިކާއާއި އީރާނުން އެއްބަސްވުމުގައި ސޮއިކުރުމުން ލިބޭނެ އިތުރު ތަފުސީލުތަކަށް އެ ފަރާތުން އިންތިޒާރު ކުރާނެއެވެ. އެ ސަރަހައްދުގައި މައިން ވަޅުލާފައިވާ ކަމުގެ ރިޕޯޓުތައް ލިބިފައިވާތީ، ހަމައެކަނި އެއްބަސްވުމެއްގެ ޚަބަރު ލިބުމުން ދަތުރުތައް ފެށުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް އެ ޖަމިއްޔާގެ ތަރުޖަމާނު ވިދާޅުވިއެވެ.

ޖަޕާނުގެ އެންމެ ބޮޑު ޝިޕިންގް ކުންފުނި ކަމަށްވާ ނިޕޯން ޔޫސެން އިން ވެސް ވަނީ ވީހާވެސް އަވަހަކަށް ހާލަތު އާންމު ހާލަތަކަށް ރުޖޫއަވާނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނެފައެވެ. ނަމަވެސް، ގަލްފު ސަރަހައްދުގައި ތާށިވެފައިވާ އުޅަނދުތަކުގެ ދަތުރުތަކާ ގުޅޭގޮތުން ވަކި އެއްޗެއް ބުނަން އަދި މާ އަވަސް ކަމަށް އެ ކުންފުނިން ބުނެއެވެ.

މިކަމާ ގުޅޭގޮތުން މިޓްސުއީ އޯ.އެސް.ކޭ ލައިންސް އިން ބުނީ، ހަނގުރާމަ ހުއްޓާލުމުގެ ނިޝާންތައް ފެންނަމުން ދިޔަ ނަމަވެސް، އެ ކުންފުނީގެ ސިޔާސަތަށް ބަދަލެއް ނާންނަ ކަމަށާއި، ދަތުރުތައް އަލުން ފަށާނީ ސަލާމަތާއި ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުވުމުން ކަމަށެވެ.

ޓެގް

އީރާން ހަނގުރާމަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.