ސޫރިޔާގެ ސައިދުނާޔާއިން އިދިކޮޅު ހަނގުރާމަވެރިންގެ ބޮޑު ޤަބުރުސްތާނެއް ފެނިއްޖެ

ސޫރިޔާގެ ސައިދުނާޔާ އަވަށުން ފެނުނު ބޮޑު ޤަބުރުސްތާނަކާ ގުޅޭގޮތުން، ގެއްލިފައިވާ މީހުން ހޯދާ ގައުމީ ކޮމިޝަނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެ ގައުމުގެ ދާޚިލީ ވުޒާރާއިން ހުކުރު ދުވަހު ހާމަކޮށްފިއެވެ. މި ޤަބުރުސްތާނުން ފެނިފައިވަނީ 2014 ވަނަ އަހަރު ހުޅަނގު ގަލަމޫންގައި ކުރީގެ ސަރުކާރުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް ކުރި ހަނގުރާމައިގައި ޝަހީދުވި އިދިކޮޅު ހަނގުރާމަވެރިންގެ ހަށިތަކެވެ.
އެ ސަރަހައްދު ހިމާޔަތްކޮށް، ހެކިތައް ރައްކާތެރިކުރުމަށާއި، ގާނޫނީ އިޖުރާއަތްތައް ނިމެންދެން އެތަނަށް އެއްވެސް ބަދަލެއް ނާންނާނެކަން ކަށަވަރުކުރުމަށްޓަކައި، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށް އެ ވުޒާރާއިން ސޫރިޔާގެ ރަސްމީ ނިއުސް އެޖެންސީ (ސަނާ) އަށް މައުލޫމާތު ދީފައިވެއެވެ.
އިތުރު ތަހުގީގުތަކާއި ހޯދުންތަކަށް ތައްޔާރުވުމުގެ ގޮތުން، މައުލޫމާތުތައް ލިޔެ ބެލެހެއްޓުމަށާއި ހެކި އެއްކުރުމުގެ މަސައްކަތް ޚާއްސަ ޓީމުތަކުން ކުރަމުންދާ ކަމަށް އެ ވުޒާރާއިން ބުންޏެވެ. އަދި ވަކިވެދިޔަ ފަރާތްތަކުގެ ކަރާމާތް ހިމާޔަތްކުރުމަށާއި، އިންސާފު ގާއިމުކޮށް ހަގީގަތް ހޯދުމަށް ސަރުކާރުން އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
ދާޚިލީ ވުޒާރާއިން ވަނީ މި ހާދިސާގައި ޝަހީދުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާފައެވެ. އަދި ގެއްލުނު މީހުންނަށް ވީގޮތް ހޯދުމާއި، އެމީހުންގެ ހައްގުތައް ހިމާޔަތްކުރުމާއި، މި ޖަރީމާތަކަށް ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ ގައުމީ އަދި އަޚްލާގީ ވާޖިބެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ހުކުރު ދުވަހުގެ ކުރީކޮޅު، ގެއްލިފައިވާ މީހުން ހޯދާ ކޮމިޝަނުން ބުނި ގޮތުގައި، ސައިދުނާޔާގެ ރައްޔިތުންގެ ފަރާތުން ލިބުނު މައުލޫމާތަކާ ގުޅިގެން އެ ސަރަހައްދުގައި ފުރަތަމަ ދިރާސާއެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއީ އެތަނާ މެދު އަމަލުކުރާނެ ފަންނީ، ލޮޖިސްޓިކް އަދި ގާނޫނީ އުސޫލުތައް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަނޑައެޅުމަށް ކުރި މަސައްކަތެކެވެ.
ފާއިތުވި މަސްތަކުގައި ސޫރިޔާގެ އެކި ސަރަހައްދުތަކުން މިފަދަ ބޮޑެތި ކަބުރުސްތާނުތައް ފެނިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ އިންގިލާބީ އަހަރުތަކުގައި ކުރީގެ ސަރުކާރާއި އެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ހިންގި ލާއިންސާނީ އަމަލުތަކުގެ ސަބަބުން މަރުވި އެތައް ސަތޭކަ ބައެއްގެ ހަށިތަކެވެ.


