ބޭރުދުނިޔެ އިސްރާއީލުން އެއް މަސްދުވަހުގެ ތެރޭގައި ފަލަސްތީނުގެ 192 އޭކަރުގެ ބިން ފޭރިގަނެފި

އިސްރާއީލުން އެއް މަސްދުވަހުގެ ތެރޭގައި ފަލަސްތީނުގެ 192 އޭކަރުގެ ބިން ފޭރިގަނެފި

އިސްރާއީލުން އެއް މަސްދުވަހުގެ ތެރޭގައި ފަލަސްތީނުގެ 192 އޭކަރުގެ ބިން ފޭރިގަނެފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން، ނިމިދިޔަ މޭ މަހުގެ ތެރޭގައި ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުން ފަލަސްތީނުގެ އަމިއްލަ ފަރާތްތަކުގެ އަދި މުނިސިޕަލްޓީތަކުގެ 192 އޭކަރުގެ ބިން، ސަލާމަތީ އަދި އަސްކަރީ ބޭނުންތަކަށާއި ޔަހޫދީ އާބާދުވުންތައް ފުޅާކުރުމަށްޓަކައި އަތުލައިގެންފިއެވެ.

ފަލަސްތީނުގެ އޮތޯރިޓީއާ ގުޅިފައިވާ މޮނިޓަރިން ގްރޫޕެއް ކަމަށްވާ ‘ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް ކޮމިޝަން’ އިން ހާމަކުރި ގޮތުގައި، ޖެނީންގެ ޖަބްރިއްޔާތު އަވަށާއި، ގަބާާތިޔާ އަދި ޒުބޫބާ ފަދަ ރަށްތަކުން 97 އޭކަރުގެ އަމިއްލަ ބިން އިސްރާއީލުން ވަނީ އަސްކަރީ މަރުކަޒުތައް ހެދުމަށްޓަކައި އަތުލާފައެވެ.

މީގެ އިތުރުން، ހެބްރޯންގެ ޔައްތާ އަވަށުގެ ކައިރިން ބިންތަކެއް ހިސާރުކޮށްފައިވަނީ ޔަހޫދީން ވަޒަންވެރިވެފައިވާ ސަރަހައްދެއްގެ ވަށައިގެން ބަފަރ ޒޯނެއް ހެދުމަށެވެ. އަދި ސަލްފިިތުގެ ހުޅަނގުން ކަފްރު އައްދީކް އިން ބިން އަތުލާފައިވަނީ ‘ލެޝެމް’ ކިޔާ ޔަހޫދީ އާބާދީގެ ބޭނުމަށް ކަމަށް ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވެއެވެ.

އިސްރާއީލުގެ ކަމާބެހޭ އިދާރާތަކުން ވަނީ ރާމަﷲ ކައިރީގައިވާ އަލްބީރާ ސިޓީއާއި ބައިތީން އަވަށުގެ 95 އޭކަރުގެ ބިން ވެސް ފޭރިގަނެފައެވެ. އެއީ ‘ގިވަތު އާސާފް’ ކިޔާ ޔަހޫދީ އާބާދީއަށް ދިއުމަށް މަގެއް ހެދުމަށެވެ. މީގެ އިތުރުން ނަބީ ސަމްވިލް އަދި ކަފްރު ގައްދޫމް ފަދަ ރަށްތަކުން ވެސް ބިންތައް އަތުލުމުގެ އަމުރުތައް ވަނީ ނެރެފައެވެ.

ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް ކޮމިޝަނުން ފާހަގަކުރި ގޮތުގައި، މިއީ ހުޅަނގު އައްސޭރީގެ ވީހާވެސް ގިނަ ބިންތަކެއް އިސްރާއީލުގެ ބާރުގެ ދަށަށް ގެނައުމަށާއި، ޔަހޫދީ އާބާދުވުންތައް ފުޅާކުރުމަށް އިސްރާއީލުން ނިޒާމީ ގޮތެއްގައި ގެންގުޅޭ ސިޔާސަތުގެ ބައެކެވެ.

1967 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އިސްރާއީލުން ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސް ހިފައި، އެ ސަރަހައްދުތަކުގައި ޣައިރު ގާނޫނީ ގޮތުން ޔަހޫދީ އާބާދީތައް ބިނާކުރަމުންދާ ދިއުން އދ. ގެ ގިނަ ގައުމުތަކަކުން ކުށްވެރިކުރެއެވެ.

މިހާރުވެސް ހުޅަނގު އައްސޭރީގައި އިސްރާއީލުގެ 279 އާބާދީއެއް އެބައޮތެވެ. މީގެ ތެރޭގައި އިރުމަތީ ގުދުސްގައި ހުރި 14 އާބާދީއެއް ހިމެނެއެވެ. މި ތަންތަން ބިނާކޮށްފައިވަނީ ފަލަސްތީނުގެ ރައްޔިތުންގެ އަތުން ފޭރިގެންފައިވާ އަމިއްލަ ބިންތަކުގައާއި، ކުރިން އުރުދުންގެ ސަރުކާރުގެ ދަށުގައި އޮތް ބިންތަކުގައެވެ. ހުޅަނގު އައްސޭރީގައި 3.43 މިލިއަން ފަލަސްތީނު ރައްޔިތުން ދިރިއުޅެމުންދާއިރު، އެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވަޒަންވެރިވެފައިވާ ޔަހޫދީންގެ އަދަދު ގާތްގަނޑަކަށް 737,000 އަށް އަރައެވެ.

ޓެގް

ފަލަސްތީނު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.