ކުވައިތާއި ބަހުރައިނަށް އަމާޒުކޮށް އީރާނުން ބުދަ ދުވަހު ދިން “އަނިޔާވެރި” ހަމަލާތައް، ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރުހާން އަދި އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
އީރާނުން ދިން މި ހަމަލާގައި ކުވައިތުގެ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާ ރައްޔިތަކު މަރުވެ، 63 މީހުން ޒަޚަމްވުމާ ގުޅިގެން، އެއާޕޯޓުގެ ޚިދުމަތްތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިފައެވެ.
ހަމައެއާއެކު، ބަހުރައިންގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އީރާނުން އެ ގައުމަށް ފޮނުވާލި ތިން މިސައިލަކާއި ބައެއް ޑްރޯންތައް ބަހުރައިންގެ އަސްކަރިއްޔާއިން ވަނީ ހުއްޓުވައި ނައްތާލާފައެވެ.
ސައުދީ ޕްރެސް އެޖެންސީ (އެސް.ޕީ.އޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދެ ގައުމުގެ ޚާރިޖީ ވަޒީރުން ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި، ކުވައިތާއި ބަހުރައިންގެ މިނިވަންކަމާއި ސިޔާދަތަށް އީރާނުން އަރައިގަތުމާއި، މަސްރަހު ފިނިކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅުމަށް ހިންގާ މިފަދަ އަމަލުތައް ކުށްވެރިކުރެއްވިއެވެ.
މީގެ އިތުރުން، ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން އިއާދަކުރުމަށް ދެ ގައުމު ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއި، ސަރަހައްދީ އެންމެ ފަހުގެ ތަރައްގީތަކާ ބެހޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް އެސް.ޕީ.އޭ އިން ބުނެފައިވެއެވެ.
ޕްރިންސް ފައިސަލް ވަނީ ގަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން އާލް-ޘާނީއާ ވެސް ފޯނުން ގުޅުއްވައި، ދެ ގައުމުގެ މެދުގައި އޮންނަ ގާތް ގުޅުމުގެ ތެރެއިން ސަރަހައްދީ މަސްރަހުގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...