މާލެއިން ހިމަބިހި ފެންނާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެކްސިން ކެމްޕޭނެއް ފަށަނީ

މާލެ ސަރަހައްދުން ހިމަބިހީގެ 9 ކޭހެއް ފެނުމާ ގުޅިގެން، ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި ޚާއްސަ ވެކްސިން ކެމްޕޭނެއް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ތައްޔާރުވެއްޖެއެވެ.
ރާއްޖެއަކީ 2017 ވަނަ އަހަރުން ފެށިގެން މި ބަލި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައި އޮތް ނަމަވެސް، މި މެއި މަހުގެ 13 އިން ފެށިގެން އާ ކޭސްތަކެއް ފެންނަން ފެށުމާއެކު އެޗްޕީއޭއިން ވަނީ ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ވަރުގަދަކޮށްފައެވެ.
މި ކެމްޕޭނުގެ މައިގަނޑު އަމާޒަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ ފަރާތްތަކަށް ވެކްސިން ޖެހުމުގެ ފުރުސަތު ދިނުމެވެ. އެޗްޕީއޭއިން ބުނި ގޮތުގައި، މިކަމަށް ބޭނުންވާ ވެކްސިން ރާއްޖެއިން ބޭރުން ގެނައުމުގެ އިދާރީ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ. ސިއްހީ މާހިރުން ބާރުއަޅުއްވަނީ ވެކްސިން ޖެހިކަމުގެ ޔަގީން ލިޔެކިޔުމެއް ނެތް ނަމަ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަލުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށެވެ.
ހުން އައުމާއެކު ހަށިގަނޑުން ބިހި ނެގުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. ވަކިން ހާއްސަކޮށް، ދިފާއީ ނިޒާމު ބަލިކަށި މީހުން މި ދަނޑިވަޅުގައި އިތުރަށް ސަމާލުވުމަށާއި، ބަލީގެ އަލާމާތެއް ހުރި ނަމަ ބޭރަށް ނުކުންނައިރު މާސްކު އެޅުމަކީ ބަލި ފެތުރުން ކުޑަކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ އެޖެންސީން ބުނެއެވެ.


