ތޫނިސްގެ ކަމާބެހޭ ފަރާތްތަކުން، ބައިނަލްއަގުވާމީ މަޝްހޫރު ޖަމިއްޔާއެއް ކަމަށްވާ “އެވޮކޭޓްސް ސަން ފްރޮންޓިއަރސް” (އޭ.އެސް.އެފް) ގެ އެ ގައުމުގެ ގޮތްޕަށް ކުރި މަނާ އުވާލާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުދަ ދުވަހު ބުނެފިއެވެ. ނަމަވެސް، މި ފިޔަވަޅާ ގުޅޭ އިތުރު ތަފްސީލެއް އެ ފަރާތުން ހާމަކޮށްފައެއް ނުވެއެވެ.
އޭ.އެސް.އެފް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެއި މަހުގެ 5 ވަނަ ދުވަހުން ފެށިގެން އެ ޖަމިއްޔާއަށް ކުރި މަނާ އުވާލުމާ ގުޅިގެން، މެއި 20 އިން ފެށިގެން އަލުން ހަރަކާތްތައް ފަށާނެ ކަމަށެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މި ޖަމިއްޔާ 30 ދުވަހަށް ސަސްޕެންޑް ކުރީ، ނޯބެލް ސުލްހައިގެ އިނާމު ހާސިލުކޮށްފައިވާ އެހެން މަޝްހޫރު ޖަމިއްޔާއަކަށް ވެސް މިފަދަ ފިޔަވަޅެއް އެޅިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.
އެ ޖަމިއްޔާއިން ވަނީ އެ މަނާކުރުމަކީ “މަދަނީ ހަރަކާތްތަކުގެ މިނިވަންކަމަށް އެއްވެސް އުސޫލެއް ނެތި އަރައިގަތުން” ކަމަށާއި، އަދި އެއީ “އާންމު މަސްލަހަތަށާއި، އަދުލުއިންސާފަށާއި، ގާނޫނީ ހުކޫމަތު ދެމެހެއްޓުމަށް މަސައްކަތްކުރާ މިނިވަން މުއައްސަސާތަކަށް އަމާޒުކޮށްގެން ދިން ހަމަލާއެއް” ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ.
މި ވަގުތީ ސަސްޕެންޝަން އައީ، 2015 ވަނަ އަހަރު އެހެން ތިން ޖަމިއްޔާއަކާއެކު ނޯބެލް ސުލްހައިގެ އިނާމު ހާސިލުކުރި ތޫނިސްގެ ހިއުމަން ރައިޓްސް ލީގުގެ މަސައްކަތްތައް ވެސް އެއް މަސް ދުވަހަށް ހުއްޓުވިތާ 10 ދުވަސް ފަހުންނެވެ.
މީގެ އިތުރުން، ތޫނިސްގެ “އޯގަނައިޒޭޝަން އޮފް ޔަންގް ޑޮކްޓަރސް” އިން ވެސް އަންގާރަ ދުވަހު ބުނެފައިވަނީ އެ ޖަމިއްޔާއާ ދެކޮޅަށް ދާދި ފަހުން އެޅި 30 ދުވަހުގެ މަނާ އުވާލާފައިވާ ކަމަށެވެ.
އެމްނެސްޓީ އިންޓަނޭޝަނަލުން މިދިޔަ ހަފްތާގައި ތޫނިސްގެ ސަރުކާރަށް ތުހުމަތުކޮށްފައިވަނީ “ޝަރުއީ ނިޒާމު ބޭނުންކޮށްގެން މަދަނީ ޖަމިއްޔާތައް އެއްކޮށް ނައްތާލުމަށް” މަސައްކަތްކުރާ ކަމަށެވެ.
އެމްނެސްޓީން ހާމަކުރި ގޮތުގައި، ވޭތުވެދިޔަ އަހަރުގެ ތެރޭގައި މަދުވެގެން 25 ޖަމިއްޔާއަކަށް މަނާކުރުމުގެ ފިޔަވަޅާ ކުރިމަތިވެފައިވާއިރު، ބައެއް ޖަމިއްޔާތައް އުވާލުމުގެ ބިރު ވެސް އެބައޮތެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...