ޚަބަރު އިނގިރޭސި މާކެޓުން ދިވެހި މަހަށް ޓެރިފް ކަނޑާލުން އެއީ ތާރީޚީ ކާމިޔާބީއެއް: މިނިސްޓަރު ޝިޔާމް

އިނގިރޭސި މާކެޓުން ދިވެހި މަހަށް ޓެރިފް ކަނޑާލުން އެއީ ތާރީޚީ ކާމިޔާބީއެއް: މިނިސްޓަރު ޝިޔާމް

އިނގިރޭސި މާކެޓުން ދިވެހި މަހަށް ޓެރިފް ކަނޑާލުން އެއީ ތާރީޚީ ކާމިޔާބީއެއް: މިނިސްޓަރު ޝިޔާމް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ މަހުގެ އުފެއްދުންތަކުން އިނގިރޭސިވިލާތުގައި ނަގަމުންދިޔަ ޓެރިފްތައް އުވާލުމަށް ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވުމަކީ، ދުނިޔޭގެ އެންމެ ބޮޑު އެއް ބާޒާރަށް ދިވެހި މަސްވެރިކަން ހުޅުވިގެންދިޔަ ތާރީޚީ އަދި ބޮޑު ކާމިޔާބީއެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މި ތާރީޚީ ނިންމުމަށް މަރުހަބާ ވިދާޅުވަމުން ވަޒީރު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ދިވެހި މަސްވެރި އާއިލާތަކަށާއި، މަސްވެރިކަމުގެ ސިނާއަތަށް ބަރޯސާވާ އެކި ފަރާތްތަކުގެ އިތުރުން މަސް ބަންދުކޮށްގެން ބޭރުގެ ބާޒާރުތަކަށް އެކްސްޕޯޓްކުރާ ވިޔަފާރިތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ރާއްޖޭގައި ކުރަނީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި މަސްވެރިކަމެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ދުނިޔޭގެ އެންމެ މުހިންމު އެއް މާކެޓުން ރާއްޖެއަށް ފުރުސަތު ލިބުމަކީ ދާއިރާގެ މުސްތަގުބަލު އުޖާލާވެގެންދާނެ ކަމެއް ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ދުނިޔޭގައި ދިވެހި މަސްވެރިކަމުގެ ފުރުސަތުތައް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްސަ އިސްކަމަށާއި ކުރެއްވި ބުރަ މަސައްކަތްޕުޅުތަކަށް ވަޒީރު ވަނީ ތައުރީފު ކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ.

މާޒީއަށް ބަލާއިރު، 2014 ވަނަ އަހަރާ ހަމައަށް ރާއްޖެއިން ވިލާތުގެ އިއްތިހާދަށް (އީޔޫ) މަސް އެކްސްޕޯޓް ކުރަމުންދިޔައީ އެއްވެސް ޓެރިފަކާ ނުލަ އެވެ. ނަމަވެސް އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން 2011 ވަނަ އަހަރު ރާއްޖެ އުނިވެ، ތަރައްގީވަމުންދާ ގައުމުތަކުގެ ގިންތިއަށް ބަދަލުވުމާއެކު، އީޔޫއިން ދީފައި އޮތް ޓެރިފްގެ ލުއިތައް އުވައިލި އެވެ. އޭގެ ފަހުން ދިން އިންތިގާލީ މަރުހަލާ 2014 ގައި ހަމަވުމާއެކު ދިވެހި މަހުގެ އުފެއްދުންތަކުން 24 އިންސައްތައިގެ ބޮޑު ޓެރިފެއް ނަގަން ފެށި އެވެ.

އޭރު އީޔޫގެ މެންބަރެއްގެ ގޮތުގައި އޮތް އިނގިރޭސިވިލާތާއެކު ޓެރިފް ކުޑަކުރުމަށް އޭގެ ފަހުން އައި ސަރުކާރުން މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް، އެދެވޭ ނަތީޖާއަކާ ހަމައަށް ވާސިލެއް ނުވެވުނެވެ. އެ މަޝްވަރާތައް ހިނގަމުން ދަނިކޮށް އިނގިރޭސިވިލާތް އީޔޫއިން ވަކިވި އިރު، 2018 ގައި ވެރިކަމަށް އައި އެމްޑީޕީގެ ސަރުކާރުން އިނގިރޭސިވިލާތާއި އީޔޫއާއެކު ލުއިތަކެއް ހޯދުމަށް ވީ ވައުދު، 2023 ގައި އެ ސަރުކާރުގެ ދައުރު ނިމުނުއިރުވެސް އޮތީ ހަގީގަތަކަށް ނުވެފަ އެވެ.

މިގޮތުން ވޭތުވެދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައި އޮތް މި ބޮޑު މައްސަލައަށް ނިމުމެއް ގެނެސް، ދިވެހި މަސްވެރިންނަށް ބޮޑު އާމްދަނީއެއް ހޯދައިދިނުމަކީ ރައީސް ޑރ. މުޢިއްޒު އެންމެ ބޮޑަށް އިސްކަންދެއްވައިގެން ކުރެއްވި އެއް މަސައްކަތްޕުޅެވެ.

ޓެގް

މަސްވެރިކަން ޝިޔާމް މަސްވެރިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.