ޚަބަރު

ގެއްލުނު އިޓަލީގެ ފަތުރުވެރިންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ނަގައިފި

ވ. އަތޮޅުގައި ކޭވް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ކަނޑުން ނަގައިފިއެވެ. އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ އިތުރުން ބޭރުގެ ތަޖުރިބާކާރުން ގުޅިގެން އިއްޔެ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ގެއްލުނު ބާކީ ހަތަރު ފަތުރުވެރިންގެ ހަށިގަނޑުވެސް މިހާރު ވަނީ ކަނޑުގެ އަޑިން ލޮކޭޓްކުރެވިފައެވެ.

އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، ގެއްލިގެން ހޯދަމުންދިޔަ ހަތަރު ފަތުރުވެރިންގެ ހަށިގަނޑުވެސް ފެނިފައިވަނީ އެމީހުން ޑައިވް ކުރަން އުޅުނު ކޭވް (ހޮހަޅަ) ތެރެއިންނެވެ. މި މީހުން ހޯދުމުގެ މަސައްކަތަށް އިޓަލީ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖެ ގެނައި ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންނަކީ، ދުނިޔޭގެ އެކި ޤައުމުތަކުގައި ހިންގާފައިވާ މިފަދަ ނުރައްކާތެރި އަދި ކޮމްޕްލެކްސް މިޝަންތަކުގައި އަމަލީގޮތުން މަސައްކަތްކޮށްފައިވާ ޤާބިލު ބައެއްކަމަށް ސިފައިން ބުނެއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މި މަހުގެ 14 ވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:45 ހާއިރެވެ. ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅުނު އިޓަލީގެ ފަސް މީހުން ގެއްލުނުކަމުގެ މަޢުލޫމާތު ލިބުމާއެކު، ސިފައިން ވަނީ ކަނޑާއި ވައިގެ މަގުން އެމީހުން ހޯދުމުގެ ފުޅާ އޮޕަރޭޝަނެއް ވަގުތުން ފަށާފައެވެ.

އެ އުޅަނދުން ޑައިވިންއަށް ދިޔަ މީހުންގެ ތެރެއިން ގެއްލުނީ އިޓަލީއަށް ނިސްބަތްވާ ޑައިވިންގ އިންސްޓްރަކްޓަރަކާއި ހަތަރު ޑައިވަރުންނެވެ. މީގެ ތެރެއިން އެންމެ ފުރަތަމަ ފެނިފައިވަނީ އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ. އަދި ބާކީ ތިބި މީހުން ހޯދުމަށް ފެށި ވަރުގަދަ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަނުގެ ތެރެއިން، މި މަސައްކަތުގައި އުޅުނު ދިވެހި ސިފައިންގެ ޑައިވަރެއްގެ ހާލު ދެރަވެ، އޭނާވެސް ވަނީ ނިޔާވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close