އިސްރާއީލާއެކު ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށްޓަކައި ނުވާނެހެން ހީވާކަންކަންވެސް އެބަ ކުރަން – ލުބުނާނުގެ ރައީސް

ލުބުނާނުގެ ރައީސް ޖޯސެފް އަޢުން ހޯމަ ދުވަހު ވިދާޅުވީ، އިސްރާއީލާއި ލުބުނާނާ ދެމެދު ކުރިއަށްދިޔަ ސީދާ މަޝްވަރާތަކާއި، ހަމަލާބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވި އެއްބަސްވުމަށް އަމަލުކުރެވެމުން ނުދާތީ، މި ހަނގުރާމަ ހުއްޓުވުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އަދި މިކަމަށްޓަކައި “ނުވާނެ ކަމެއްވެސް” ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އަޢުން މިހެން ވިދާޅުވިއިރު، އިސްރާއީލުގެ އަސްކަރިއްޔާއިން ދަނީ ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ހަމައެއާއެކު، ހިޒްބުالله އިން ވެސް ވަނީ އިސްރާއީލުގެ އުތުރުގައިވާ އަސްކަރީ އަމާޒަކަށް ހަމަލާދީފައިވާ ކަމަށް ބުނެފައެވެ.
މިދިޔަ އޭޕްރިލް މަހުގެ 17 ވަނަ ދުވަހު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ނަމަވެސް، އިސްރާއީލުން ދަނީ ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާދީ، އިމާރާތްތައް މުގުރައި، އެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ގެދޮރު ދޫކޮށް ދިއުމަށް އަމުރު ކުރަމުންނެވެ. އިސްރާއީލުން ބުނާ ގޮތުގައި އެމީހުން އަމާޒު ކުރަނީ އީރާނުގެ މަދަދުލިބޭ ހިޒްބުالله ޖަމާއަތަށެވެ.
ހިޒްބުالله އިން ވެސް ދަނީ ލުބުނާނުގެ ދެކުނުގައާއި އިސްރާއީލުގެ އުތުރުގައި ތިބި އިސްރާއީލުގެ ސިފައިންނަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.
ހޯމަ ދުވަހު ނެރުއްވި ބަޔާނެއްގައި ރައީސް އަޢުން ވިދާޅުވީ، މަޝްވަރާތަކަށް ލުބުނާނުން ކަނޑައަޅާފައިވާ މައިގަނޑު އަސާސްތަކަކީ، އިސްރާއީލުގެ ސިފައިން ލުބުނާނުގެ ބިމުން ފޭބުމާއި، ހަމަލާބަދަލުކުރުން ދާއިމީކޮށް ހުއްޓާލުމާއި، ބޯޑަރު ސަރަހައްދުގައި ލުބުނާނުގެ އަސްކަރިއްޔާ ރުކުރުވާލުމާއި، ރަށުން ބޭރުވި މީހުންނަށް އަނބުރާ އާދެވޭނެ މަގު ފަހިކުރުމުގެ އިތުރުން އިގްތިސާދީ އެހީތެރިކަން ހޯދުން ކަމަށެވެ.
“މިއަދު އަޅުގަނޑުގެ މަގާމުގެ ހައިސިއްޔަތުންނާއި އަޅުގަނޑާ ހަވާލުވެފައިވާ މަސްއޫލިއްޔަތުގެ ދަށުން، ލުބުނާނާއި ލުބުނާނުގެ ރައްޔިތުންނާ ދެކޮޅަށް ކުރަމުންދާ މި ހަނގުރާމަ ހުއްޓުވުމަށްޓަކައި، އެންމެ ކުޑަ ގެއްލުމެއްވާނެ ގޮތް އިޚްތިޔާރުކޮށް، ނުވާނެ ކަމެއްވެސް ކުރަން އަޅުގަނޑަށް ވަނީ މަޖުބޫރުވެފައި،” އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.
ލުބުނާނާއި އިސްރާއީލުގެ މަންދޫބުން ވޮޝިންގްޓަންގައި ބޭއްވި ތިންވަނަ ބުރުގެ މަޝްވަރާތަކަށްފަހު، މިދިޔަ ހަފުތާގައި ވަނީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން 45 ދުވަހަށް އިތުރުކޮށްފައެވެ. ނަމަވެސް، ހިޒްބުالله އިން ދަނީ މި މަޝްވަރާތަކާ ދެކޮޅު ހަދަމުންނެވެ.
ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، ހަމަނުޖެހުންތަކަށް ހުއްޓުމެއް އައިސްފައެއް ނުވެއެވެ. ހިޒްބުالله އިން ހޯމަ ދުވަހު ބުނި ގޮތުގައި އެ ޖަމާއަތުން ވަނީ އިސްރާއީލުގެ އުތުރުގައިވާ އަސްކަރީ އަމާޒަކަށް ޑްރޯން ހަމަލާއެއް ދީފައެވެ. މި ހަމަލާ އަމާޒުކުރީ އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމު “އަޔަން ޑޯމް” ގެ ލޯންޗަރަކަށް ކަމަށާއި، މިއީ އިސްރާއީލުން އެއްބަސްވުމާ ޚިލާފުވަމުންދާތީ އެކަމުގެ ރައްދުގައި ދިން ހަމަލާއެއް ކަމަށް ހިޒްބުالله އިން ބުންޏެވެ.
ލުބުނާނުގެ ރަސްމީ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުން ދަނީ ލުބުނާނުގެ ދެކުނުގެ އެކި ސަރަހައްދުތަކަށް މެދުނުކެނޑި ހަމަލާދެމުންނެވެ. އަދި އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ލުބުނާނުގެ ދެކުނުގެ ތިން ރަށެއްގެ މީހުން ހުސްކުރުމަށް އިންޒާރު ނެރެފައެވެ.




