ޚަބަރު

އައު ޓެކްނޮލޮޖީގެ ބޭނުންހިފަންޖެހެނީ ގައުމީ މަސްލަހަތު އިސްކޮށްގެން: ވަޒީރު އިހުސާން

ކުރިއަރަމުންދާ އައު ޓެކްނޮލޮޖީގެ ވަސީލަތްތައް ގައުމީ މަސްލަހަތު ކުރިއަރުވައި، ރައްޔިތުންނަށް ހިދުމަތްކުރެވޭނެހެން ފުޅާކޮށް ބޭނުންހިފަންޖެހޭކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

“ގައުމީ އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރު” ހުޅުވުމަށް ބޭއްވި “ކޮލެބް 26” ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ “މޯލްޑިވްސް 2.0” ސިޔާސަތުގެ ދަށުން މި ފެށުނު މަސައްކަތަކީ ހަމައެކަނި ޓެކްނޮލޮޖީގެ އެޖެންޑާއެއް ނޫން ކަމަށާއި، މިއީ ރާއްޖޭގެ ވެރިކަން ހިންގުމާއި ސިޔާދަތު ރައްކާތެރިކުރުމާ ގުޅިފައިވާ މުހިއްމު ނިންމުމެއް ކަމަށެވެ.

ވަޒީރު އިހުސާން ފާހަގަކުރެއްވި ގޮތުގައި އޭއައިގެ މައްޗަށް ބިނާވެފައިވާ އިގުތިސާދަކަށް ދުނިޔެ މިސްރާބު ޖަހާފައިވާއިރު، ރާއްޖެއިން މި ޓެކްނޮލޮޖީތައް ބޭނުންކުރަންވާނީ ގައުމީ މަސްލަހަތު ހިމާޔަތްކުރެވޭނެހެން މެނޭޖުކޮށްގެންނެވެ. މި މަސައްކަތުގެ ދަށުން ކޮންމެ ދިވެއްސަކަށް ރައްކާތެރި ޑިޖިޓަލް އައިޑީއެއް ފޯރުކޮށްދީ، އޮންލައިންކޮށް ހިދުމަތްތައް ހޯދޭނެ މަގު ފަހިކުރެވޭނެއެވެ. އަދި ޑިޖިޓަލް މުއާމަލާތްތަކާއި ސައިބަރ ރައްކާތެރިކަމަށް ބޭނުންވާ ޒަމާނީ ގާނޫނީ އޮނިގަނޑުތައް އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާކަން ވަޒީރު ހާމަކުރެއްވިއެވެ.

މި އައު މަރުކަޒުގެ މައިގަނޑު ބޭނުމަކީ އާއްމު ހިދުމަތްތައް ހަރުދަނާކޮށް، ސަރުކާރުން ކަންކަން ނިންމުމުގެ މަރުހަލާތައް ހަލުއިކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އޭއައި ބޭނުންކުރުމުގެ މުރާދަކީ އިންސާނުންގެ ފިކުރު ހިދުމަތުން ބޭރުކުރުން ނޫން ކަމަށާއި، އަމާޒަކީ މިހާރަށްވުރެ ތޫނުފިލި، އަވަހަށް ފިޔަވަޅުއަޅާ އަދި އިތުބާރާއެކު ހިދުމަތް ފޯރުކޮށްދޭ ދައުލަތެއް ބިނާކުރުން ކަމަށްވެސް ވަޒީރު އިހުސާން ވިދާޅުވިއެވެ. މި މަސައްކަތުގައި އަމިއްލަ ވިޔަފާރިތަކުގެ ދައުރު ބޮޑުވާނެކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close