ވ. އަތޮޅުގައި ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ފަތުރުވެރިން ހޯދުމުގެ މަސައްކަތުގައި އުޅުނު ސިފައިންގެ ޑައިވަރެއްގެ ހާލު ދެރަވެ، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީއެވެ.
މި ހާދިސާއާ ގުޅިގެން، އެ ފަތުރުވެރިން ޑައިވިންއަށް ގެންދިޔަ ސަފާރީގެ އޮޕަރޭޓިން ލައިސަންސް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގެއްލުނު ފަސް މީހުންގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ އެންމެ މީހެއްގެ ހަށިގަނޑެވެ. އޭނާ ފެނިފައިވަނީ އިރުއޮއްސި 18:13 ހާއިރު، ކަނޑުގެ 60 މީޓަރު އަޑީގައި އޮތް ހޮހަޅައެއްގެ ތެރެއިން މަރުވެފައި އޮއްވައެވެ. ބާކީ ތިބި ހަތަރު ފަތުރުވެރިން ހޯދުމުގެ މަސައްކަތް ސިފައިންނާއި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ފުޅާދާއިރާއެއްގައި ކުރަމުންނެވެ.
ގެއްލިފައިވާ ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަން ވަރުގަދަކުރުމުގެ ގޮތުން، އިޓަލީގެ ފަންނީ މާހިރުންގެ ޓީމެއް ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ. މި ހާދިސާއާ ގުޅިގެން ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ދަނީ އިތުރަށް ބަލަންޖެހޭ ކަންކަން ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...