ރާއްޖެ ހިމެނޭހެން ވިސާއާ ނުލައި ތައިލެންޑުގައި މަޑުކުރެވޭ މުއްދަތު 30 ދުވަހަށް ކުރު ކުރަނީ

ދިވެހިރާއްޖެ ހިމެނޭހެން ދުނިޔޭގެ 93 ޤައުމަކުން ތައިލެންޑަށް ވިސާއާ ނުލައި ދަތުރުކުރާ ފަރާތްތަކަށް އެ ޤައުމުގައި ތިބެވޭ މުއްދަތު 60 ދުވަހުން 30 ދުވަހަށް ކުރުކުރުމަށް ތައިލެންޑު ސަރުކާރުން ނިންމައިފިއެވެ.
އެ ޤައުމުގެ ފޮރިން މިނިސްޓަރު ސިހަސަކް ޕުއަންކެޓްކާއޯ ވިދާޅުވީ، މި ބަދަލު ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފޮރިން މިނިސްޓްރީން ނިންމައި، ވަރަށް އަވަހަށް ކެބިނެޓަށް ހުށަހަޅާނެ ކަމަށެވެ.
ތައިލެންޑު ސަރުކާރުން މި ބަދަލު ގެންނަން ނިންމީ ވިސާގެ ބޭނުން ނަހަމަ ގޮތުގައި ހިފާ މިންވަރު މަދުކުރުމަށާއި، ކުށްކުރުން ހުއްޓުވުމަށްޓަކައެވެ. ފަތުރުވެރިކަން ކުރިއެރުވުމަށް ޖުލައި 2024 ގައި 60 ދުވަހަށް މުއްދަތު އިތުރުކުރި ނަމަވެސް، ބައެއް ފަރާތްތަކުން އެ މުއްދަތުގެ ބޭނުން ހިފައިގެން ޤާނޫނާ ޚިލާފު އަމަލުތައް ހިންގަމުންދާކަން އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ފާހަގަކޮށްފައެވެ.
މި ބަދަލަށް ރަސްމީކޮށް އަމަލުކުރަން ފަށާނެ ތާރީޚެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، އެކި ބާވަތުގެ ވިސާތަކުގައި އެތެރެވާ ފަރާތްތަކުން ވިސާގެ ބޭނުންކުރަނީ ކަނޑައެޅިފައިވާ މަޤްޞަދުގައިތޯ ބެލުމަށްޓަކައި ކުރާ ޗެކްކުރުންތައް ވަރުގަދަކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ. މީގެ އިތުރުން ބޯޑަރު ކޮންޓްރޯލް ވަރުގަދަކޮށް، ވިސާގެ އިނާޔަތްތަކުގެ ނާޖާއިޒު ފައިދާ ނަގާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ޤައުމުން ވަނީ ހާމަކޮށްފައެވެ.

