ގާނޫނީ އާ ބާރާއެކު މާލޭގެ “ޑްރަގް ކެފޭ” އެއް ބަންދުކުރަން ކޯޓުން އަމުރުކޮށްފި

މަސްތުވާތަކެތި ބޭނުންކުރަން ޚާއްސަކޮށްގެން ހިންގާ ތަންތަން ނުވަތަ “ކެފޭ” ތައް ބަންދުކުރުމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އާ އިސްލާހުގެ ދަށުން، މާލޭގެ ގެއެއް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފިއެވެ. މިއީ މިފަދަ ތަންތަން ބަންދުކުރުމުގެ ފުރިހަމަ ބާރު ކޯޓުތަކަށް ލިބިދޭ ގޮތަށް ގާނޫނު އިސްލާހުކުރި ފަހުން ނެރުނު ފުރަތަމަ އަމުރެވެ.
ކްރިމިނަލް ކޯޓުން މި އަމުރު ނެރެފައިވަނީ މާލޭގެ ހ. ގުންޒަރު ބަންދުކުރުމަށެވެ. އެ އަމުރުގައިވާ ގޮތުން، މި ހިނގާ މެއި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް 90 ދުވަހުގެ މުއްދަތަށް އެ ތަން ބަންދުކޮށްފައި ބެހެއްޓުމަށް ވަނީ ކަނޑައަޅާފައެވެ.
މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތްދޭ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ދިނުމުގެ ބާރު ފުލުހުންނަށް ދީ، އަދި އެފަދަ ތަންތަން ގިނަވެގެން ތިން މަސް ދުވަހަށް ބަންދުކުރުމުގެ އަމުރު ނެރުމުގެ އިޚުތިޔާރު ކޯޓުތަކަށް ލިބޭ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފައިވަނީ މިދިޔަ މާރިޗު މަހުގެ 7 ވަނަ ދުވަހުއެވެ.
ގާނޫނުގައިވާ ގޮތުން މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދިނުމަކީ 5 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން 100,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކުށެކެވެ. މީގެ އިތުރުން، އެއީ މަސްތުވާތަކެތީގެ ހިދުމަތްދޭ ތަނެއްކަން އެނގި ހުރެ، އެކަން ހުއްދަކުރުން ނުވަތަ އެކަމަށް ފުރުސަތު ދިނުމަކީ އެ ތަނުގެ ވެރިފަރާތާއި، ކުއްޔަށް ހިފާ ފަރާތުގެ އިތުރުން އެ ތަނާ ހަވާލުވެ ހުންނަ ފަރާތް ވެސް ކުށްވެރިވާނެ ކަމެކެވެ.
މިފަދަ ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ ތަނަކަށް، އެ އަމުރުގެ މުއްދަތުގައި ހުއްދައާ ނުލައި ވަދެނުކުމެ ހެދުމަކީ ކުށެއް ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި މިފަދަ ތަންތަނަށް ގަވާއިދާ ޚިލާފަށް ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ މީހުންނާ މެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.


