ޚަބަރު ކުޅަދާނަކަން ލިބުމުން ޙައްޖުގެ އަޅުކަން އަދާކުރުމަށް އަވަސްވެގަނޭ: ހުކުރު ޚުޠުބާ

ކުޅަދާނަކަން ލިބުމުން ޙައްޖުގެ އަޅުކަން އަދާކުރުމަށް އަވަސްވެގަނޭ: ހުކުރު ޚުޠުބާ

ކުޅަދާނަކަން ލިބުމުން ޙައްޖުގެ އަޅުކަން އަދާކުރުމަށް އަވަސްވެގަނޭ: ހުކުރު ޚުޠުބާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ކެރިކުޅަދާނަވެއްޖެ މީހާ، އެކަމަށް އަވަސްވެގަތުމަކީ ކީރިތި ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވާ ކަމެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.

“ހެޔޮ ގޮތުގައި ވެވޭ ޙައްޖު” މި މައުޟޫއަށް ރާއްޖޭގެ އެކިކި ކަންކޮޅުތަކުގައި އިއްވި ޚުޠުބާގައި ބަޔާންކޮށްފައިވަނީ، މާދަމާ ދިމާވާނެ ގޮތެއް އެކަކަށްވެސް ނޭނގޭނެތީ ފަރުޟު ޙައްޖު އަދާކުރުމަށް އަވަސްވެގަންނަން ޖެހޭނެ ކަމަށެވެ.

ޚުޠުބާގައި ޙައްޖާއި ޢުމްރާގެ ޙުކުމްތަކަށް އަލިއަޅުވާލަމުން ބުނީ، ކުޅަދާނަކަން ލިބިގެންވާ މީހާ ޢުމުރުން އެއްފަހަރު ޙައްޖުވުމާއި ޢުމްރާވުމަކީ ވާޖިބެއް ކަމަށެވެ. އަދި ޙައްޖުވުމަށް ކެރިކުޅަދާނަވުމަކީ ޞިއްޙީ ގޮތުންނާއި، މާލީ ގޮތުން ކުޅަދާނަވުމުގެ އިތުރުން މަގު އަމާންވެގެންވުމެވެ. ހެޔޮ ގޮތުގައި ވެވޭ ޙައްޖެއްގެ ޖަޒާއަކީ ސުވަރުގެކަން ބަޔާންކޮށް، ޢުމްރާއަކީ ދެ ޢުމްރާ ދެމެދުގައި ކުރެވޭ ފާފަތަކުގެ ކައްފާރާއެއްކަންވެސް ފާހަގަކުރިއެވެ.

ޙައްޖުގެ އަޅުކަން މަޤްބޫލުވުމަށްޓަކައި ފުރިހަމަވާންޖެހޭ ޝަރުޠުތަކާއި ތައްޔާރުވާންޖެހޭ ކަންކަމުގެ މައްޗަށްވެސް ޚުޠުބާގައި އަލިއަޅުވާލިއެވެ. އޭގެ ތެރޭގައި އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމާއި، ދަރަންޏާއި މުދަލުގެ މަޢުލޫމާތު ލިޔެ ބެލެހެއްޓުމާއި، ޙައްޖުގެ ޚަރަދުތަކަކީ ޙަލާލު މުދަލުން ކުރާ ޚަރަދުތަކަކަށް ހެދުން ހިމެނެއެވެ. އަދި ދެއްކުންތެރިކަމުން ދުރުހެލިވެ، ޙައްޖުގެ ޙުކުމްތައް ދުރާލާ އުނގެނި ދަސްކުރުމަށް ނަޞޭޙަތްތެރިވިއެވެ.

މީގެ އިތުރުން، ޙައްޖުގެ ވަގުތުތަކާއި ރުކުންތަކަށް ބަލާއިރު، ޙައްޖުގެ އެންމެ މުހިންމު ރުކުނަކީ ޛުލްޙިއްޖާ މަހުގެ 9 ވަނަ ދުވަހު ޢަރަފާތް ބިމުގައި ހުރުން ކަމަށް ޚުޠުބާގައި ބުންޏެވެ. މި ރުކުން ފުރިހަމަނުކޮށްފި މީހަކަށް އެ އަހަރުގެ ޙައްޖު ނުލިބޭނެއެވެ.

ޚުޠުބާ ނިންމާލަމުން ބުނީ، ހެޔޮ ގޮތުގައި ވެވުނު ޙައްޖެއްގެ އެންމެ ބޮޑު ޢަލާމާތަކީ، ޙައްޖަށްފަހު އެމީހެއްގެ ދިރިއުޅުން ހެޔޮމަގަށް ބަދަލުވެ، މާތް ﷲއަށް ކިޔަމަންތެރިކަން އިތުރުވުން ކަމަށެވެ.

ޓެގް

ހުކުރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.