މީޑިއާތަކުން ޚަބަރު ފަތުރާ ގޮތުގެ ސަބަބުން ނަފްސާނީ ގޮތުން ބަލިކަށި ހާލަތްތަކުގައި ތިބޭ މީހުންނަށް ނޭދެވޭ އަސަރުކޮށް، އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ހާދިސާތައް އިތުރުވުމުގެ ބިރު އޮތް ކަމަށް ބުނެ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު އިލްތިމާސްއެއް ނެރެފި އެވެ. އެ ޖަމިއްޔާ އިން ނެރުނު މީޑިއާ އެޑްވައިޒަރީއެއްގައި ބުނެފައި ވަނީ، މިފަދަ ހާދިސާތައް ރިޕޯޓުކުރުމުގައި އާންމު މަސްލަހަތަށާއި މީހުންގެ ރައްކާތެރިކަމަށް މިހާރަށް ވުރެ ބޮޑަށް އިސްކަންދޭން ޖެހޭ ކަމަށެވެ.
ރައްކާތެރި މިންގަނޑުތަކެއްގެ ބޭނުންތެރިކަން
އެމްޖޭއޭ އިން ފާހަގަކުރި ގޮތުގައި، އަމިއްލަ ނަފްސަށް ގެއްލުންދޭ ވާހަކަތައް ތަފްސީލީ ގޮތެއްގައި ފެތުރުމަކީ އިތުރު ބަޔަކަށް އެފަދަ ކަންކަން ކުރަން ހިތްވަރު ލިބި، ހާދިސާ ތަކުރާރުވާން މަގުފަހިވާ ކަމެކެވެ. އެހެންކަމުން، މީޑިއާތަކުން އަމަލުކުރަންވީ ބައެއް މުހިއްމު އުސޫލުތައް އެ ޖަމިއްޔާ އިން ވަނީ ހަނދާންކޮށްދީފަ އެވެ:
ކޮށްގެން ނުވާނެ ކަންތައްތައް:
- ވަނަވަރު ހާމަނުކުރުން: ހާދިސާ ހިނގި ގޮތުގެ ތަފްސީލާއި، އެ މީހަކީ ކާކުކަން އެނގޭނެ ފަދަ ވަނަވަރު ނުހިމެނުން.
- މަންޒަރާއި އަޑު: ހާދިސާއާ ގުޅޭ ފޮޓޯ، ވީޑިއޯ، އޯޑިއޯ ރިކޯޑިން ނުވަތަ ސޯޝަލް މީޑިއާ ލިންކުތައް ބޭނުން ނުކުރުން.
- ބަސްމަގު: މިއީ މައްސަލަތަކުގެ ހައްލެއް ކަމަށް ދޭހަވާ ފަދަ ނުވަތަ މިކަމަކީ އާދައިގެ ކަމެއްގެ ގޮތުގައި ދައްކުވައިދޭ ބަސްމަގު ބޭނުން ނުކުރުން.
- ތަނުގެ މައުލޫމާތު: ހާދިސާ ހިނގި ތަނުގެ ނަމާއި އެ ތަނާ ބެހޭ ތަފްސީލުތައް ނުހިމެނުން.
އުންމީދު އާކޮށްދިނުމުގެ މުހިއްމުކަން
އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ހިޔާލުތަކުން އަރައިގަނެ، ދިރިއުޅުމުގެ ހާސްކަމާ ކުރިމަތިލާނެ ގޮތުގެ ވާހަކަތައް ރިޕޯޓުކުރުމަށް އެމްޖޭއޭ އިން ވަނީ ބާރުއަޅާފަ އެވެ. އަދި ނަފްސާނީ ބަލީގެ ހާލަތުން އަރައިގަންނަ މީހުންގެ ވާހަކަތަކާއި، އެހީތެރިކަން ހޯދާނެ ގޮތްތައް ކިޔައިދޭ ކޮންޓެންޓުތައް އިތުރުކުރުމަކީ މިފަދަ ހާދިސާތައް މަދުކުރަން އެހީވެދޭނެ ކަމެއް ކަމަށްވެސް އެ ޖަމިއްޔާ އިން ބުނެ އެވެ.
މި ފަހުން އަމިއްލައަށް މަރުވުމުގެ ތިން މައްސަލައެއް ފެންމަތިވެފައިވާތީ، އެކަނިވެރިކަން ނުވަތަ ނަފްސާނީ ގޮތުން އުނދަގޫވާ ނަމަ މެންޓަލް ހެލްތުގެ ހޮޓްލައިން 1676 އަށް ގުޅައިގެން އެހީތެރިކަން ހޯދުމަށް ކަމާގުޅޭ އިދާރާތަކުން ވަނީ އެދިފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...