ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ސަރުކާރު ހިންގާ ޕީއެންސީއަށް ކާމިޔާބުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި މުހައްމަދު ސިނާން ކުރިއަށް އޮތް ބައި-އިލެކްޝަނުގައި ވާދަނުކުރައްވަން ނިންމަވައިފިއެވެ. ސުޕްރީމް ކޯޓުގެ ހުކުމަކާ ގުޅިގެން މެންބަރުކަން ގެއްލުނު ސިނާން މިގޮތަށް ނިންމެވީ ޕާޓީގެ ޓިކެޓް އޭނާއަށް ލިބިފައި ވަނިކޮށެވެ.
ސިނާން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިދިޔަ ތިން ދުވަހު ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކޮށް ކުރެވުނު މަޝްވަރާތަކަށްފަހު، މި ދަނޑިވަޅުގައި ޕީއެންސީއަށް އެންމެ ފައިދާހުރި ގޮތަކީ އޭނާގެ ބަދަލުގައި އައު ބޭފުޅަކު އިންތިޚާބަށް ނުކުތުން ކަމަށް ފެންނަ ކަމަށެވެ. އެހެންކަމުން ޕާޓީގެ މަސްލަހަތަށްޓަކައި ވާދަނުކުރަން ނިންމެވީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ނިންމުން މިހާރު ޕާޓީގެ ރައީސަށާއި ލީޑަރޝިޕަށް ހުށަހަޅާފައިވާ ކަމަށާއި، ޕާޓީން އެ ނިންމުމަށް އިޚްތިރާމާއެކު ބަލައިގަނެފައިވާ ކަމަށް ސިނާން ވިދާޅުވިއެވެ. އަދި އަމިއްލައަށް ފަހަތަށް ޖެހިވަޑައިގަތް ނަމަވެސް، ޕާޓީން ދެން ދައްކާ ކެނޑިޑޭޓަކު ހޮވުމަށް ކުރާ މަސައްކަތުގައި އޭނާގެ ފުރިހަމަ ބައިވެރިވުން އޮންނާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
“މާތްﷲގެ ހެޔޮ ރަޚްމަތާއެކު ޕާޓީން ކެނޑިޑޭޓެއް ދެއްކިހާ އަވަހަށް އަޅުގަނޑު އެ ކެނޑިޑޭޓާއެކު ތިޔަ ލޮބުވެތި ރައްޔިތުންގެ އަރިހަށް ދާނަމެވެ،” ސިނާންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި އޭނާއަށް ވޯޓުދެއްވި މެންބަރުންނަށް ޝުކުރު އަދާކުރައްވަމުން ސިނާން ވަނީ، ހުރިހާ ރައްޔިތުންވެސް އައު ރޫހެއްގައި ނުކުމެ ޕީއެންސީގެ ކެނޑިޑޭޓު އިންތިޚާބު ކޮށްދިނުމަށް އިލްތިމާސް ކުރައްވާފައެވެ. މީގެ އިތުރުން ޕްރައިމަރީގެ އިންތިޒާމުތައް ފުރިހަމައަށް ގެންދިޔަ ކަމަށްޓަކައި ޕާޓީގެ ލީޑަރޝިޕަށްވެސް އޭނާ ވަނީ ޝުކުރު ދަންނަވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...