ހިލްޓަން ހޮޓަލްގައި ދިނީ ޓްރަމްޕް މަރާލަން ދިން ތިންވަނަ ހަމަލާ

ވޮޝިންޓަން ހިލްޓަން ހޮޓަލުގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަންގެ އަހަރީ ރޭގަނޑުގެ ފަރިއްކޮޅުގެ ތެރެއިން ޑޮނަލްޑް ޓްރަމްޕަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާއަކީ، 2024 ވަނަ އަހަރުގެ ފަހުން އޭނާ މަރާލަން ދިން ތިންވަނަ ހަމަލާއެވެ.
މި ހަމަލާ ދީފައިވަނީ ހޮޓެލްގެ ސެކިއުރިޓީ ޗެކްޕޮއިންޓެއްގެ ކައިރީގައި ޝޮޓްގަނެއް ބޭނުންކޮށްގެންނެވެ. މި ހަމަލާގައި ސީކްރެޓް ސަރވިސްގެ އޭޖެންޓެއްގެ ގަޔަށް ވަޒަން އެރި ނަމަވެސް، އޭނާ ލައިގެން ހުރި ބުލެޓްޕްރޫފް ވެސްޓްގެ ސަބަބުން ފުރާނަ ސަލަމަތްވި ކަމަށާއި، އެ އޭޖެންޓުގެ ހާލު މިހާރު ރަނގަޅު ކަމަށް ޓްރަމްޕް ބުންޏެވެ.
މި ހަމަލާ ދިން ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ލޮސް އެންޖެލިސްގެ ޓޮރެންސް ސަރަހައްދުގައި ކިޔަވައިދޭ 31 އަހަރުގެ ޓީޗަރެއް ކަމަށްވާ ކޯލް ތޯމަސް އެލެން ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރިއިރު އަތުން ޝޮޓްގަނަކާއި، ހޭންޑްގަނެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ބަޑީގެ އަޑު އިވުމާއެކު، ހޯލްގައި ތިބި 2,600 އަށް ވުރެ ގިނަ މެހެމާނުން ބިރުން މޭޒުތަކުގެ ދަށަށް ވަދެ ނިވާވިއިރު، ސެކިއުރިޓީ އޭޖެންޓުން ވަނީ ވަގުތުން ޓްރަމްޕާއި، އޭނާގެ އަނބިމީހާ މެލޭނިއާ އަދި ޖޭޑީ ވޭންސް ރައްކާތެރިކަމާއެކު އެތަނުން ބޭރުކޮށްފައެވެ.
ހާދިސާއަށް ފަހު ޓްރަމްޕް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ، ހަމަލާދިން މީހާ ދެ ސެކިއުރިޓީ ޗެކްޕޮއިންޓް ފަހަނައަޅައި ގޮސް ބޯލްރޫމާ 50 ޔާޑު ގާތަށް ދިޔަ ކަމަށެވެ. އަދި އޭނާއަށް ހަމަލާދިނީ އެކަނި ހުރެ މިކަން ކުރި މީހެއް ކަމަށް ބެލެވޭ ކަމަށްވެސް ޓްރަމްޕް ބުންޏެވެ.
މި ހާދިސާ ހިނގި ވޮޝިންޓަން ހިލްޓަން ހޮޓެލަކީ 1981 ވަނަ އަހަރު އޭރުގެ ރައީސް ރޮނަލްޑް ރޭގަންގެ ގަޔަށް ބަޑިޖަހައި ޒަޚަމްކޮށްލި ތަންވެސް މެއެވެ. ޓްރަމްޕް ބުނީ މިފަދަ ނުރައްކާތެރި ހާދިސާއެއް ހިނގުމުންވެސް އޭނާ އެތަން ދޫކޮށް ދާން ބޭނުން ނުވި ކަމަށާއި، ބެކްސްޓޭޖްގައި އެއް ގަޑިއިރު ވަންދެން މަޑުކުރި ކަމަށެވެ.
މިއީ 2024 ވަނަ އަހަރު ޕެންސިލްވޭނިއާގައި ބޭއްވި ރެލީއެއްގައި ޓްރަމްޕްގެ ކަންފަތަށް ވަޒަން އެރި ހާދިސާއާއި، އޭގެ ފަހުން ގޯލްފް ކޯހެއްގައި އޭނާ މަރާލަން އުޅުނު މައްސަލައަށް ފަހު ކުރިމަތިވި ތިންވަނަ ހަމަލާއެވެ.
މިހާ ވަރުގަދަ ސެކިއުރިޓީއެއް އޮތް އިވެންޓަކަށް ހަތިޔާރު އެތެރެކުރެވުނު ގޮތުގެ ފުރިހަމަ ތަހުގީގެއް ފުލުހުން މިހާރު ދަނީ ހިންގަމުންނެވެ.



